ads
މިއީ ރާއްޖޭގެ ޒަކާތުގެ ނިޒާމު ހަރުދަނާ ކުރުމަށް ކޮންމެ އަހަރަކު ބާއްވާ ކޮންފަރެންސެއް
މިއަހަަރުގެ ބައިނަލްއަގްވާމީ ޒަކާތު ކޮންފަރެންސް ފަށައިފި
މިއީ ރާއްޖޭގެ ޒަކާތުގެ ނިޒާމު ހަރުދަނާ ކުރުމަށް ކޮންމެ އަހަރަކު ބާއްވާ ކޮންފަރެންސެއް
މޯލްޑިވްސް ޒަކާތު ހައުސްއިން އިންތިޒާމުކޮށްގެން ބާއްވާ ބައިނަލްއަގްވާމީ ޒަކާތު ކޮންފަރެންސް (އިންޒެކް 2026)، މާލޭ ސިޓީގެ އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި މިއަދު ފަށައިފި އެވެ.
Advertisement

މި އަހަރުގެ ކޮންފަރެންސްގެ ޝިއާރަކީ "ރެޒިލިއަންޓް ފައުންޑޭޝަންސް: ޑިސައިފަރިންގ ވަލްނަރަބިލިޓީ، އިކޮނޮމިކް އިމްޕެކްޓް، އެންޑް ކޮލާބޮރޭޓިވް ސޭފްޓީ ނެޓްސް އިން މޮޑަން ސޮސައިޓީޒް"އެވެ. އެގޮތުން، ޒަމާނީ މުޖުތަމަޢުގައި ފަގީރުކަން ދިމާވާ ސަބަބުތަކާއި ސިފަތަކަށް ބަލައި، މުއައްސަސާތަކާއި ޒަކާތު ހައުސްއާއި ޕްރައިވެޓް ސެކްޓަރ އަދި ސިވިލް ސޮސައިޓީތައް ގުޅިގެން އެކަމަށް ގެނެވޭނެ ހައްލުތަކާބެހޭގޮތުން މިއަހަރުގެ ކޮންފަރެންސްގައި މަޝްވަރާ ކުރާނެ ކަމަށް މޯލްޑިވްސް ޒަކާތު ހައުސްއިން ބުނެ އެވެ.

ކީރިތި ގުރްއާނުގެ ބަރަކާތުން މި ކޮންފަރެންސް ފައްޓަވައިދެއްވީ މޯލްޑިވްސް ޒަކާތު ހައުސްގެ އެކްޓިން ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލް އައްޝައިޚް މޫސާ މުއިއްޒެވެ. އެއަށްފަހު، އެ އިދާރާގެ ޑިރެކްޓާ ޖެނެރަލް އައްޝައިހު އިމްތިތާއު އައްބާސް ވަނީ ބައިވެރިންނާ މުހާތަބުކުރައްވައި ވާހަކަފުޅުދައްކަވާފަ އެވެ.

މި ރަސްމިއްޔާތުގެ ތެރެއިން، މޯލްޑިވްސް ޒަކާތު ހައުސްގެ ކުރިއަށް އޮތް ތިން އަހަރުގެ ސްޓްރެޓީޖިކް އެކްޝަން ޕްލޭން (އެސްއޭޕީ 2026-2028) ވަނީ ރަސްމީކޮށް އިފްތިތާހުކޮށްފަ އެވެ. މި ޕްލޭން އިފްތިތާހުކޮށްދެއްވީ ޖަލްސާގެ ޝަރަފުވެރި މެހެމާން، މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) ގެ ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަން ފާތިމަތު އަމީޒާ އެވެ. މި އެކްޝަން ޕްލޭނަކީ ޒަކާތުގެ އިދާރީ ހިންގުން ޒަމާނީކޮށް ހަރުދަނާކުރުމަށާއި، ޒަކާތް ދެއްކުންތެރިންގެ އަދަދު އިތުރުކުރުމުގެ އިތުރުން، އުފެއްދުންތެރި ޒަކާތުގެ މަޝްރޫއުތައް ފުޅާކުރުމަށް އިސްކަންދީގެން އެކުލަވައިލާފައިވާ ޕްލޭނެކެވެ.

މި ކޮންފަރެންސް މެދުވެރިކޮށް މޯލްޑިވްސް ޒަކާތު ހައުސްގެ އަމާޒަކީ، ބައިނަލްއަގްވާމީ ފެންވަރުގައި މައުލޫމާތާއި ތަޖުރިބާ ހިއްސާކުރުމަށް މަގުފަހިކޮށްދިނުމާއި، މުއައްސަސާތަކުގެ މެދުގައި އޮންނަ ގުޅުން ހަރުދަނާކުރުމެވެ. މީގެ އިތުރުން ފަގީރުކަން ކުޑަކުރުމަށާއި، އިޖުތިމާޢީ ރައްކާތެރިކަމާއި ދެމެހެއްޓެނިވި ތަރައްގީ ހާސިލުކުރުމުގައި، ޒަކާތާއި އިސްލާމީ އިޖުތިމާއީ މާލިއްޔަތުގެ ދައުރު މިހާރަށްވުރެ ފުޅާކުރުމަށްޓަކައި އަމަލީ ހައްލުތަކެއް ހޯދުމަކީ ވެސް މި ކޮންފަރެންސްގެ މުހިންމު މަގުސަދެކެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް