ހައިކޯޓުން މިއަދު ސޯޝަލް މީޑިއާގެ ވަސީލަތްތައް މެދުވެރިކޮށް ދުރަށްދެއްކި ފުރަތަމަ އަޑުއެހުމަކީ ހަސަން ސައީދުގެ މައްޗަށް އިއްވި ޖަލު ހުކުމުގެ އިސްތިއުނާފް މައްސަލައިގެ ހުކުމް އިއްވުމެވެ.
ގާނޫނު ހިންގަން ހުރަސް އެޅުމުގެ ދައުވާ ސާބިތުވާ ކަމަށް ނިންމައި ހަސަން ސައީދު ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ހުކުމް ކުރީ ސުޕްރީމް ކޯޓުގެ އެކެއް ފެބްރުއަރީ އަމުރުގެ މައްސަލައިގައި ފުލުހުން އޭނާ ހޯދުމަށް އިއުލާނު ކޮށް ހާޒިރު ނުވުމުންނެވެ.
ހުކުމް އިއްވަވަމުން ފަނޑިޔާރު ވިދާޅުވީ ހަސަން ސައީދުގެ މައްސަލައެއް ބަލަމުންދާކަން ފުލުހުން ހާމަކޮށްފައިވަނީ ނޫސްބަޔާނަކުން ކަމަށާއި، ތަހުގީގަށް ހާޒިރުވާން އޭނާއަށް އަންގާފައިވާކަން އެނގެން ނެތްކަމަށެވެ. އަދި ތަހުގީގަށް މީހުން ހާޒިރުވާން އަންގާ އާންމު އުސޫލުން ހަސަން ސައީދަށް އަންގާފައި އޮތްކަން ވެސް އެނގެން ނަތްކަމަށް ހުކުމުގައި ވެއެވެ. އަދި އެ ތަހުގީގުގެ މައްޗަށް ބިނާކޮށް ޕްރޮސެކިއުޓާ ޖެނެރަލް މި މައްސަލާގައި ދައުވާ ކޮށްފައިވަނީ ވެސް މިހާތަނަށް އަމަލު ކުރަމުންދާ އުސޫލާ އެއްގޮތަށްކަން ދައުލަތަށް ސާފުކޮށްދެވިފައި ނުވާކަމަށް ވެސް ހުކުމުގައި ވެއެވެ.
މީގެ އިތުރުން ހަސަން ސައީދު ހުށަހެޅި ހެކިންގެ ހެކިބަސް ނުނެގުމަށް ދަށުކޯޓުން ކަނޑައެޅީވެސް އެކަށީގެންވާ ސަބަބުތަކެއް ބަޔާން ކުރުމެއް ނެތިކަމަށް ހައިކޯޓުގެ ހުކުމުގައި ވެއެވެ.
ހަސަން ސައީދުގެ ޖަލު ހުކުމް ހައިކޯޓުން ބާތިލު ކުރިއިރު އެ ހުކުމް ތަންފީޒުކޮށް، ނިމި 2018 ވަނަ އަހަރު އޭނާ ވަނީ މިނިވަން ވެފައެވެ.