ކޮވިޑް-19 ފެތުރެމުންދާ މިދަނޑިވަޅުގައި ކޯޓުތަކުގެ ޝަރީއަތްތައް މެދު ނުކެނޑި ބޭއްވުމުގެ ގޮތުން އަންނަނީ ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ޝަރީއަތްތައް ބާއްވަމުންނެވެ. އެގޮތުން ޝަރީއަތްތައް ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ކުރިއަށްގެންދާނެ ގޮތުގެ ގަވާއިދުގެ ދަށުން ބާއްވާ ޝަރީއަތްތައް ލައިވްކުރަމުން އަންނައިރު ގާނޫނުއަސާސީގެ 42 ވަނަ މާއްދާގެ ދަށުން އާންމުކޮށް ހުޅުވާ ނުލައި ކުރިއަށް ގެންދަންޖެހޭ ބާވަތުގެ މައްސަލައެއް ލައިވްއެއް ނުކުރެ އެވެ.
ޝަރީއަތްތައް ލައިވްކޮށް ކުރިއަށް ގެންދިއުމާއި ގުޅިގެން ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓްރީން ބުނީ ޝަރީއަތް ލައިވްކޮށް ދެއްކުމަކީ ޓެކްނޮލޮޖީގެ ދާއިރާއިން ރާއްޖެއަށް ލިބުނު ބޮޑު ކުރިއެރުމެއް ކަމަށެވެ.
އެގޮތުން މި މަހުގެ އެއްވަނަ ދުވަހު ސްޕްރީމް ކޯޓުގައި ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ފުރަތަމަ ޝަރީއަތް ބާއްވާފައިވާއިރު ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ހައިކޯޓުގައި ފުރަތަމަ ޝަރީއަތް ބާއްވާފައިވަނީ މިމަހުގެ ހަތް ވަނަ ދުވަހު އެވެ. މިނިސްޓްރީން ބުނި ގޮތުގައި އެ ޝަރީއަތްތައް ބޭއްވުމަށް ވީޑިއޯ ލިންކް ގާއިމުކުވިފައި ވަނީ ނެޝަނަލް ސެންޓާ ފޯ އިންފޮމޭޝަން ޓެކްނޮލޮޖީގެ އެހީއާއެކު ގައުމީ ކޮމްޕިއުޓާ ވިއުގަ މެދުވެރިކޮށެވެ.
އޭގެ އިތުރުން މިނިސްޓްރީން ބުނީ ދައުލަތުގެ ހިންގުން ހަރުދަނާކޮށް ރައްޔިތުންނަށް ލުއި ފަސޭހަ ހިދުމަތް ދިނުމުގެ ގޮތުން މިނިސްޓްރީންނާއި އެ މިނިސްޓްރީން ހިންގާ ހުރިހާ އިދާރާތަކުން ކުރެވެން ހުރި މަސައްކަތެއް ކުރަމުން އަންނަ ކަމަށެވެ. އަދި ޓެކްނޮލޮޖީއާ ގުޅިގެން ކުރެވެން ހުރި މަސައްކަތް ކުރާނެކަމުގެ ފުރިހަމަ ޔަގީންކަން ދޭކަމަށްވެސް ކޮމިއުނިކޭޝަން މިނިސްޓްރީން ބުނެ އެވެ.