ads
ހަސަން ސައީދު:ފޮޓޯ- ސަން އޮންލައިން
ޕާކިސްތާނުގައި ހުންނަ ޑެޕިއުޓީ ހައިކޮމިޝަނަރުކަމަށް ހަސަން ސައީދު
ދިވެހިރާއްޖެއިން ޕާކިސްތާނަށް ކަނޑައަޅުއްވާފައި ހުންނަވާ ޑެޕިއުޓީ ހައިކޮމިޝަނަރުކަމަށް ކުރީގެ ޖުޑީޝަލް އެޑްމިނިސްޓްރޭޓަރު ހަސަން ސައީދު ހަމަޖައްސަވައިފިއެވެ.

ޕާކިސްތާނަށް ކަނޑައަޅުއްވާފައި ހުންނަވާ ޑެޕިއުޓީ ހައި ކޮމިޝަނަރުކަމަށް ހަސަން ސައީދު ހަމަޖައްސަވާފައިވާއިރު މީގެ ކުރިން އޭނާ ހުންނެވީ ޖުޑީޝަލް އެޑްމިނިސްޓްރޭޓަރު ގެ މަގާމުގައެވެ.

ހަސަން ސައީދަށް ދާދި ފަހުން ވަނީ ސިޔާސީ މަގާމެއް ދެއްވާފައެވެ.

މީގެ ކުރިން ޖުޑީޝަލް އެޑްމިނިސްޓްރޭޓަރުގެ މަގާމުގައި ހުންނަވަނިކޮށް އޭނާ އެމަގާމުން ވަކިކުރެއްވީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައެވެ.

ޖުޑިޝަލް އެޑްމިނިސްޓްރޭޓަރުގެ މަގާމުގައި ހުންނަވަނިކޮށް 2018 ވަނަ އަހަރު އެކެއް ފެބްރުއަރީގައި ސުޕްރީމް ކޯޓުން ނެރުނު އަމުރާއި ގުޅިގެން އޭނާ ހައްޔަރުކޮށް ގާނޫނު ހިންގަން ހުރަސް އެޅުމުގެ ދައުވާ ސާބިތުވާ ކަމަށް ނިންމައި ހަސަން ސައީދު ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ހުކުމް ކުރިއެވެ.

 އެހެން ނަމަވެސް ހަސަން ސައީދުގެ މައްޗަށް އިއްވި ހަތަރު މަހާއި 24 ދުވަހުގެ ޖަލު ހުކުމް މިއަހަރުގެ ޖޫންމަހުގެ ހަތް ވަނަ ދުވަހު ހައިކޯޓުން ވަނީ ބާތިލްކޮށްފައެވެ.

ގާނޫނު ހިންގަން ހުރަސް އެޅުމުގެ ދައުވާ ސާބިތުވާ ކަމަށް ނިންމައި ހަސަން ސައީދު ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ހުކުމް ކުރީ ސުޕްރީމް ކޯޓުގެ އެކެއް ފެބްރުއަރީ އަމުރުގެ މައްސަލައިގައި ފުލުހުން އޭނާ ހޯދުމަށް އިއުލާނު ކޮށް ހާޒިރު ނުވުމުންނެވެ.  

ހަސަންގެ މައްޗަށް މީގެ ކުރިންވަނީ ރިޝްވަތުގެ ދައުވާއެއް ވެސް އުފުލާފައެވެ. އެދައުވާވެސް 2018 ވަނަ އަހަރު ކްރިމިނަލް ކޯޓުން ވަނީ އެ ދައުވާވެސް ބާތިލްކޮށްފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް