ads
މިނިސްޓަރު މުހައްމަދު މަލީހް ޖަމާލް---
ރާއްޖޭގައި ކަނޑުއަޑީގެ ޑޭޓާ ސެންޓަރެއް ގާއިމުކުރެވޭނެ: މަލީހް
ކަނޑުއަޑީގެ ޑޭޓާ ސެންޓަރެއް ދިވެހިރާއްޖޭގައި ގާއިމުކުރުމަށް ފުރުސަތު އޮތް ކަމަށް ކޮމިއުނިކޭޝަން މިނިސްޓަރު މުހައްމަދު މަލީހް ޖަމާލް ވިދާޅުވެއްޖެ އެވެ.
Advertisement

ޖަޕާނުގެ ފަރާތުން ބޭއްވި ސައިންސް އެންޑް ޓެކްނޯލޮޖީ އިން ސޮސައިޓީ (އެސްޓީއެސް) ފޯރަމްގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރު މަލީހް ވިދާޅުވީ ރާއްޖޭގައި ބޭނުންކުރެވޭ ސަބްމެރިން ކޭބަލްތަކުގެ ޑައިވާސިޓީ އިތުރުކުރުމަށް މަސައްކަތް މިހާރުވެސް ކުރަމުންދާކަމަށާއި ކަނޑުގެ މަގަށް ބަލާކަމުގައި ވާނަމަ ދިވެހިރާއްޖޭ އޮތީ އެންމެ މުހިއްމު ޝިޕިން ރޫޓް ގައިކަމަށެވެ.

އަދި ރާއްޖެއަކީ ކަނޑު އަޑީގެ ސީބެޑް ހުރިގޮތުން ކަނޑު އަޑީގައި ޑޭޓާ ސެންޓަރުތަކެއް ގާއިމުކުރުމުގެ ރިސާޗް އަށް އެންމެ ކަމުދާ ގައުމުކަމަށް މަލީހް ވިދާޅުވި އެވެ. މަލީހް ވިދާޅުވީ ރާއްޖެއަކީ މިހާރުވެސް ކަނޑުއަޑީގެ ކޮޓަރިތަކާއި، ރެސްޓޯރަންޓުތައް ހުރި ގައުމަކަށް ވާތީ ރާއްޖޭގައި ކަނޑުއަޑީގެ ޑޭޓާ ސެންޓާއެއް ގާއިމުކުރުމުގެ ދޮރު ވަނީ ހުޅުވާލެވިފައިކަމަށެވެ. އަދި އެކަމަށް ބައިނަލްއަގުވާމީ ޓެލެކޮމިއުނިކޭޝަން ކުންފުނިތަކާއި، ޓެކްނޯލޮޖީ ކުންފުނިތަކަށް މިނިސްޓަރު ވަނީ ދައުވަތު އަރުވާފަ އެވެ.

އޭގެ އިތުރުން އެ ބައްދަލުވުމުގައި މިނިސްޓަރު މަލީހް ވަނީ ކޮވިޑް-19 އަކީ މިވަގުތު ދުނިޔެއަށް ކުރިމަތިވެފައިވާ އެންމެ ބޮޑު ކާރިސާ ކަމުގައި ވީ ނަމަވެސް ދިވެހިރާއްޖެއަށް ބަލާނަމަ މޫސުމަށް އަންނަ ބަދަލުތަކަކީ އެންމެ ބޮޑެ މައްސަލަކަން ފާހަގަކުރައްވާފައެވެ. އަދި ކާބޮތަކެތީގެ ރައްކާތެރިކަމާއި، ތިމާވެއްޓާއި ރައްޓެހި ހަކަތަ އަކީ ކުދި ޖަޒިރާ ގައުމުގެ މުސްތަގުބަލަށް ވަރަށް މުހިއްމު އެއްޗެހިކަން ފާހަގަކުރެއްވިއެވެ. 

މަލީހު ވިދާޅުވީ ޓެކްނޯލޮޖީ އާއި އިންޓަނެޓް އިން ލިއްބައިދޭ ފައިދާ ބޮޑު ކަމުގައި ވީ ނަމަވެސް އޭގެ ސަބަބުން ރައްޔިތުންގެ ދިރިއުޅުމުގެ ވައްޓަފާޅިއަށް ބަދަލުތައް އައިސްފައިވާ ކަމަށެވެ. އެހެންކަމުން ޑިޖިޓަލް ޑެވެލޮޕްމަންޓް ގައި ސޯޝަލް ސައިންސްގެ ރޯލު އިތުރަށް ފުޅާ ކުރަންޖެހިފައިވާ ކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ. އެގޮތުން ޖަޕާނުގެ އިސްނެގުމެއްކަމުގައިވާ "ސޮސައިޓީ 5.0" އަކީ މިނިސްޓަރު ތަރުހީބުދޭ ސޯޝަލް މޮޑެލް އެއްކަމުގައި ފާހަގަކުރެއްވިއެވެ. އަދި މުސްތަގުބަލުގައި ޖަޕާނާއި އެހެނިހެން ގައުމުތަކާއި އެކު ސޮސައިޓީ 5.0 އަކަށް މަސައްކަތް ފެށުމުގެ އުއްމީދުކުރާ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

އެ ބައްދަލުވުމުގައި ޖަޕާނުގެ މިނިސްޓާ އޮފް ސްޓޭޓް ފޯ ސައިންސް އެންޑް ޓެކްނޯލޮޖީ ހިޒް އެކްސެލެންސީ އިނޯ ޝިންޖީގެ އިތުރުން 49 ގައުމެއްގެ ސައިންސް އެންޑް ޓެކްނޯލޮޖީ އާއި ބެހޭ އިސްވެރިން ބައިވެރިވެފައިވެއެވެ.

އެ ބައްދަލުވުމަކީ ކޮވިޑް-19ގެ ހާލަތުގައި ސައިންސް އާއި ޓެކްނޯލޮޖީ އަދާކުރާ ދައުރަކީ ކޮބައިކަން މަޝްވަރާކުރެއްވުމަށް ބޭއްވި ބައްދަލުވުމެކެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް