އެ މައްސަލާގައި ވަޒީފާއިން ވަކިކޮށްފައި ވަނީ އެ މިނިސްޓްރީގެ ދަށުން ވ. އަތޮޅު ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ސެންޓަރުގެ މުވައްޒަފެކެވެ. އޭނާއަށް ތުހުމަތުކޮށްފައި ވަނީ އިބްތިހާލަށް ރައްކާތެރިކަން ދިނުމަށް ފިޔަވަޅު އެޅުމުގައި އިހުމާލުވެފައިވާ ކަމަށެވެ.
އެކަމަކު އެމްޕްލޯއިމަންޓް ޓްރައިބިއުނަލް އަދި ހައި ކޯޓުން ވެސް ނިންމީ އޭނާ ވަޒީފާއިން ވަކިކުރީ ގާނޫނާ ހިލާފަށް ކަމަށެވެ. އަދި ވަޒީފާ އަނބުރާ ދިނުމަށް ވެސް ހުކުމްކޮށްފައި ވެއެވެ. ނަމަވެސް ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އިން އެ ހުކުމް ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރި އެވެ.
މިއަދު އެ މައްސަލާގައި ހުކުމް އިއްވަމުން ސުޕްރީމް ކޯޓުން ބުނީ އިބްތިހާލްގެ މައްސަލާގައި ވަކި ގޮތަކަށް އަމަލު ކުރުމަށް އޭނާއަށް އިރުޝާދު ދީފައި ނުވާ ކަމަށާއި އަލަށް ވަޒީފާ އަދާ ކުރަން ފެށި މީހަކަށް އޭނާ ވާއިރު އެފަދަ މައްސަލައެއްގައި އަމަލު ކުރަންވީ ގޮތުގެ ތަމްރީން އޭނާއަށް ދީފައި ނުވާ ކަމަށެވެ.
އޭގެ އިތުރުން އޭނާގެ މަތިން ހުރި މުވައްޒަފު ވެސް އިބްތިހާލް މައްސަލާގައި އަމަލު ކުރަންވީ ގޮތެއް ބުނެދީފައި ނުވާއިރު، އޭނާ އިހުމާލުވި ކަމަށް ބެލެވެން ނެތް ކަމަށް އެ ކޯޓުގެ ހުކުމުގައި ވެއެވެ. އެފަދަ މައްސަލަތަކުގައި މުވައްޒަފުންނަށް އިރުޝާދާއި ތަމްރީން ދިނުމަކީ ވަޒީފާ ދޭ ތަނުގެ ޒިންމާއެއް ކަމަށް ކޯޓުން ބުންޏެވެ.
އެ މައްސަލައާ ގުޅިގެން ޖަވާބުދާރީވުމުގެ ފުރުސަތު އޭނާއަށް ދީފައި ނުވާ ކަމަށާއި އެހެންކަމުން އެކަމުގައި އިޖްރާއީ އަދުލުވެރިކަމެއް ނެތް ކަމަށް ތިން ފަނޑިޔާރުންގެ އިއްތިފާގުން އިއްވި ހުކުމުގައި ވެއެވެ. އެހެންކަމުން އޭނާއަށް އަލުން ވަޒީފާ ދިނުމަށް ސުޕްރީމް ކޯޓުގެ ހުކުމްގައި ވެއެވެ.
ޖެނުއަރީ 2015 ގައި ވ. ރަކީދޫގައި އިބްތިހާލަށް އަނިޔާކޮށް މަރާލި ކަމަށް އޭނާގެ މަންމަ އާފިޔާ މުހައްމަދު ކުރިން އެއްބަސްވި އެވެ. ނަމަވެސް ފަހުން އޭނާ ވަނީ އެކަމަށް އިންކާރުކޮށްފަ އެވެ. އެ މައްސަލަ މިހާރު އޮތީ ހުކުމް އިއްވުމުގެ މަރުހަލާގަ އެވެ.