ރަކީދޫގައި އިބްތިހާލް މަރާލާފައި އޮއްވާ ފެނުނީ 2015 ވަނަ އަހަރުގެ ޖެނުއަރީ މަހުގަ އެވެ. މި މައްސަލައިގައި ދައުލަތުން އާފިޔާގެ މައްޗަށް އުފުލާފައިވަނީ އަމުރަށް ނުކިޔަމަންތެރިިވުމުގެ ދައުވާއާއި ގަސްދުުގައި ކުއްޖަކު މެރުމުގެ ދައުވާ އެވެ.
އެ މައްސަލައިގައި ހުކުމް ކުރުމަށް މިއަދު ބޭއްވި ޝަރީއަތުގެ މަޖިލީހުގައި އާފިޔާގެ ފަރާތުން ދިފާއީ ވަކީލެއް ވަނީ މައްސަލައިގައި ބައިވެރިވެފަ އެވެ. އާފިޔާއަށް ދިފާއީ ވަކީލެއް ހަމަޖައްސާފައިވަނީ އޭނާ އެގޮތަށް އެދުމުން، ދައުލަތުގެ ފަރާތުންނެވެ.
މި މައްސަލައިގައި އާފިޔާގެ ވަކީލާ އައިމިނަތު ރުކްޝާނާ އިބްރާހިމް ޝަރީއަތުގެ މަޖިލީހުގައި ވާހަކަ ދައްކަވަމުން ވިދާޅުވީ، މައްސަލައިގައި ހުކުމް ކުރުމުގެ ކުރިން މައްސަލަ ދިރާސާ ކުރުމަށް ބޭނުންވާ ކަމަށެވެ. އަދި އާފިޔާގެ ފަރާތުން މައްސަލައިގައި ހުލާސާ ބަޔާނެއް ދިނުމުގެ ފުރުސަތެއް ދިނުމަށް ވަކީލާ ވަނީ އެދިވަޑައިގެންފަ އެވެ. މައްސަލަ ދިރާސާކޮށް ހުލާސާ ބަޔާނެއް ދިނުމަށް 10 ދުވަހުގެ މުއްދަތެއް ބޭނުންވާނޭ ކަމަށްވެސް ވަކީލާ ވިދާޅުވި އެވެ.
އެކަމަށް ދައުލަތުން އިއުތިރާޒް ނުކުރުމުން މައްސަލަ ބައްލަވާ ގާޒީ ވަނީ އާފިޔާގެ ފަރާތުން މައްސަލަ ދިރާސާކޮށް ހުލާސާ ބަޔާނެއް އިއްވުމަށް 10 ދުވަހުގެ ފުރުސަތު ދީފަ އެވެ. އަދި ވިދާޅުވީ މައްސަލައިގައި އިތުރު އަޑުއެހުމެއް ޑިސެމްބަރު މަހު ބާއްވާނެ ކަމަށެވެ.
އާފިޔާގެ މައްޗަށް ދެ ދައުވާއެއް ދައުލަތުން އުފުލާފައިވާއިރު ވަކީލަކު ހަމަޖައްސާފައިވަނީ ގަސްދުުގައި ކުއްޖަކު މެރުމުގެ ދައުވާއަށް އެކަންޏެވެ.
މައްސަލަ ބައްލަވާ ގާޒީ ވިދާޅުވީ ދެ މައްސަލައަކީ ވަރަށް ބޮޑަށް ގުޅިފައިވާ ދެ މައްސަލަކަމުން ދެ މައްސަލައިގައި ވެސް ހުކުމް ކުރާނީ އެއް ދުވަހެއްގައި ކަމަށެވެ.