ads
ވީޑިއޯ ރިޕޯޓް-
އާފިޔާ ގާތިލަކަށް ވީ ކީއްވެ؟
2015 ވަނަ އަހަރު ވ. ރަކީދޫގައި އުމުރުން ތިން އަހަރު މުހައްމަދު އިބްތިހާލް މަރާލި މައްސަލައަކީ މުޅި ރާއްޖެއަށް ސިހުން ގެނުވި ހާދިސާއެކެވެ. މި މައްސަލައިގައި އިއްޔެ މިވަނީ އިބްތިހާލްގެ މަންމަ އާފިޔާ މުހައްމަދު މަނިކުގެ މައްޗަށް އިބްތިހާލް މަރާލި ކަމުގެ ދައުވާ ސާބިތުވެ، 20 އަހަރުގެ ޖަލު ހުކުމެއް އިއްވާފައެވެ. މިއާއެކު މިއީ ހަގީގަތުގައިވެސް އިންސާފު ލިބުންތޯ ގިނަ ބަޔަކު އަންނަނީ ސުވާލު ކުރަމުންނެވެ.

އިބްތިހާލްގެ މަންމަ އާފިޔާގެ މައްޗަށް ކްރިމިނަލް ކޯޓުން ހޯމަ ދުވަހު ކުރި ހުކުމަކީ މި މައްސަލައިގައި އިބްތިހާލްގެ މަރަށް ލިބުނު ކުޑަ ނަމަވެސް އިންސާފެއްގެ ގޮތުގައި ބެލެވިދާނެ އެވެ. 

ކުޑަ ނަމަވެސް އިންސާފެއް ކަމުގައި ބުނަން މިއުޅެނީ ސަބަބެއް ނެތިއެއްވެސް ނޫނެވެ. މި މައްސަލައިގައި އާފިޔާގެ ދިރިއުޅުމުން ފެށިގެން، ތުއްތު ތުއްތު އިބްތިހާލްގެ މުޅި ހަޔާތުން ފެނިގެން ދިޔަ ބޭއިންސާފަށް ހިނގާފައިވާ ކަންކަމެވެ.

ދޮން ބައްޕަ އާފިޔާއަށް ޖިންސީ ފުރައްސާރަ ކުރި:

އާފިޔާގެ ދޮން ބައްޕަ އޭނާއަށް ޖިންސީ ފުރައްސާރަ ކުރިކަމުގެ ތުހުމަތުތަކާއި، އާފިޔާ ލައްވާ ގަދަކަމުން ހަށިވިއްކި މައްސަލަތަކަކީ އެކަންކަން ނުބެލި، އިންސާފު ހޯދިފައި ނުވާ މައްސަލަތަކެކެވެ. މީގެ އިތުރުން ނަހަލާލަށް ބަލިވެ އިނދެ، އިބްތިހާލް ވިހެއުމުގެ ސަބަބުން އާފިޔާއަށް ކުރިމަތިވި ފުރައްސާރައާއި، އެކަމާ ގުޅިގެން އޭނާއަށް ލިބުނު ނަފްސާނީ އަނިޔާގެ ވާހަކަތަކަށް މިހާރު ވަނީ ބީރު ކަންފަތެއް ދެވިފައެވެ.

ކޮންމެއަކަށް އަމިއްލަ ދެއަތުން އަމިއްލަ ބަނޑުއަޅާ ވިހޭ ކުޑަ ދަރިފުޅުގެ ފުރާނަ ދުއްވާލުމީ އެކަމަށް އެއްވެސް ހުއްޖަތެއް ދެއްކޭނެ ކަމެއް ނޫނެވެ. ކުޑަކުޑަ ފުރާނައެއް އެހާ ރަހުމު ކުޑަކޮށް މަރާލާފައިވާއިރު، އެ ތުއްތު ފުރާނަ މަރާ ކުރިމަތިލީވެސް އެ ކުއްޖާއަށް އެތައްބަޔަކު އިހުމާލު ވުމުގެ ސަބަބުންނެވެ.

އިބްތިހާލްގެ މަރަށް ދެ އަހަރު ފުރުނުފަހުން ޕީޖީން ވަނީ ދައުލަތުގެ ފަސް މުވައްޒަފެއްގެ މައްޗަށް ވެސް އިހުމާލުގެ ދައުވާ ކޮށްފައެވެ. މީގެ ތެރޭ ޖެންޑާ މިނިސްޓްރީގައި މަސައްކުރާ މުވައްޒަފުންނާއި ފުލުހެއް ހިމެނެއެވެ. މި ފަސް މީހުންނަށް އިހުމާލުގެ ދައުވާ ކުރަން މައްސަލަ ހުށަހެޅީ އިބްތިހާލަށް ކުރި އަނިޔާތައް ދައުލަތުގެ ކަމާ ބެހޭ މުއައްސަސާތަކުގެ ސަމާލުކަމަށް އައިސްފައި އޮއްވާ އޭނާގެ މަންމަގެ އަނިޔާތަކާއި ގުޅިގެން މަރުވުމުންނެވެ. ދެންވެސް ބުނަންވީ އިބްތިހާލަށް ހައްގު އިންސާފު ލިބިއްޖެ ކަމަށް ހެއްޔެވެ؟

އާފިޔާގެ ފަރާތުން އިބްތިހާލް އެތައް އަނިޔާތަކެއް ތަހައްމަލު ކުރަމުން އަންނަކަން ރަކީދޫގެ ރައްޔިތުންނާއި ކައުންސިލަށްވެސް ޔަގީންވާ ވާހަކައަކީ، އިބްތިހާލް މަރުގެ ހަބަރު ފެތުރިގެން ދިޔަ އިރު އެންމެ ގަދައަށް ދެކެވުނު އެއް ވާހަކައެވެ. މިކަމާ ގުޅިގެން ރަށު ރައްޔިތުން އާފިޔާ އާއި ވާހަކަ ދައްކާފައިވާނެ ކަމަށާޢި، ކައުންސިލުން އެކަން ކަމާ ބެހޭ އިދާރާތަކަށް އެކި ފަހަރު މަތިން ހުށަހެޅި ވާހަކައަކީ އޭރުގެ ހުރިހާ ނޫސްތަކެއްގައި އޮތް ހަބަރެކެވެ.

މިހެން ވީރު އާފިޔާ އަށް ލިބުނު ޖިސްމާނީ އަދި ނަފްސާނީ އަނިޔާތަކަށް ފަރުވާނުލިބުމުގެ ނަތީޖާއަކަށްވީ ތުއްތު އިބްތިހާލަށް އެކަމުގެ ވޭން ލިބުނު ކަމަށެވެ. ކޮންމެ ފަހަރަކު މިފަދަ އަނިޔާތައް ލިބޭ އަންހެނުންނާއި ކުޑަކުދިން މަރު ނުވެދާނެއެވެ. ނަމަވެސް، އާފިޔާ މީގެ ފަސް އަހަރު ކުރިން އިބްތިހާލް މަރާލި ނަމަވެސް، އޭނާ އެ ކުށުގައި ޖަލަށްލާން ހުކުމް ކުރިއިރުވެސް، އާފިޔާ އާއި އިބްތިހާލް ފަދަ އެތައް ބަޔަކު ތިބީ ފަރުވާ ނުލިބިފައެވެ.

ނަމަވެސް ހިތުގައި އުފެދޭ ސުވާލަކީ، ތުއްތު ކުއްޖަކަށް އެވަރަށް އަނިޔާ ކުރާއިރު، އާފިޔާ އާއި މެދު ފިޔަވަޅޭއް ނޭޅުނީ ކީއްވެތޯއެވެ؟ އެ ކުއްޖާއަށް އަނިޔާ ލިބެމުންދާކަން އެނގި ހުރެ ހަނު ހުރި މީހުންގެ އިހުމާލު ކޮބާތޯއެވެ؟ ހަމައެކަނި އަނިޔާކުރި މަންމަ އަށް 20 އަހަރުގެ ކަޑަ ހުކުމެއް އިއްވުމީ އެ ކުއްޖާއަށް އިންސާފު ހޯދައިދިނުން ކަމުގައި ބެލެވިދާނެ ތޯއެވެ؟

ގައިމުވެސް އާފިޔާއަށް ކުރި ހުކުމަކީ އިބްތިހާލަށް ހޯދައިދެވުނު ކުޑަ އިންސާފަކަށް ވެގެން ދާނެއެވެ. އެ ކުއްޖާއަށް ކުރި އަނިޔާ ތަކާއި، އެ ކުއްޖާ އުފުލި ތަކުލީފުގެ ބަދަލަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް