"މީ މަގޭ ރާއްޖެ" ނަމުގައި ދިއްގަރުގައި އެ ޖަލްސާ ބާއްވަނީ މިރޭ 20:30 ގައި ކަމަށް އިދިކޮޅު ކޯލިޝަނުން ވަނީ ބުނެފަ އެވެ.
އިދިކޮޅުގެ މި ޖަލްސާއަކީ ވާޗުއަލްކޮށް ބާއްވާ ޖަލްސާއެކެވެ. ކޮވިޑް 19 އާއި ގުޅިގެން ދަތުރު ކުރުމުގައި ހުރި ގޮންޖެހުންތަކާއި ގުޅިގެން އިދިކޮޅުން ވަނީ މީގެ ކުރިން ވެސް އެކި ރަށްރަށުގައި ވާޗުއަލްކޮށް ޖަލްސާ ބާއްވާފަ އެވެ. އަދި އެހެން ޖަލްސާތައް ފަދައިން، މިރޭގެ ޖަލްސާ ވެސް ބާއްވާނީ ޕީޕީއެމް އޮފީހުން ވާޗުއަލްކޮށް ދިއްގަރުގައި ބާއްވާ ޖަލްސާގައި ބައިވެރިވާ ގޮތަށެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީން މަނީ ލޯންޑްރިންގެ ކުށުގައި ޖަލުގައި ހުންނެވި އިރު، އިދިކޮޅުން އަންނަނީ އެމަނިކުފާނު މިނިވަން ކުރުމަށް ގޮވާލާ އެކި ހަރަކާތްތައް ހިންގަމުންނެވެ. އެގޮތުން ކޮންމެ ދުވަހު ނޫސްވެރިންގެ ބައްދަލުވުންތައް ބޭއްވުމުގެ އިތުރުން ރާއްޖޭގެ އެކި ހިސާބުތަކުގައި ހާއްސަ ޖަލްސާތައް އިދިކޮޅުން އަންނަނީ ބާއްވަމުންނެވެ.
އިދިކޮޅުން ވަނީ މިދިޔަ އަންގާރަ ދުވަހު ވެސް "މީ މަގޭ ރާއްޖެ" ނަމުގައި ތ. ގުރައުދޫގައި ޖަލްސާއެއް ބާއްވާފައެވެ. އަދި މި މަހުގެ ހަތްވަނަ ދުވަހު "އެހޭ ހޮށް، މިވަރުން ފުދިއްޖެ" ނަމުގައި ހއ. ކުޅުދުއްފުށީގައި ޖަލްސާއެއް ކުރިއަށް ގެންގޮސްފަ އެވެ.
މީގެ އިތުރުން މިދިޔަ މަހުގެ ފަހުކޮޅު އިދިކޮޅުން ވަނީ "ޗަކުރޭ އަނިޔާ ހުއްޓޭލޭ" ގެ ނަމުގައި ޅ. ނައިފަރުގައި ވެސް ޖަލްސާ ބާއްވާފަ އެވެ. އޭގެ އިތުރުން އެންމެ ފަހުން އިދިކޮޅުން މިގޮތަށް ޖަލްސާއެއް ބާއްވާފައިވަނީ މިމަހުގެ ނުވަވަނަ ދުވަހު "މުޅިފޯ، މުޅިފޯ، ހޭވާ މުޅިފޯ" ގެ ނަމުގައި ހއ. ކެލާގައެވެ.