ކޮވިޑް-19 އާއި ގުޅޭ އެންމެ ފަހުގެ މައުލޫމާތުތަށް ގެނެސްދިނުމަށްޓަކައި އެޗްއީއޯސީން ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުމުގައި ވާހަކަ ދައްކަވަމުން ޑރ.ނަޒްލާ ވިދާޅުވީ، ކޮވިޑް ވެކްސިނަށް އާންމުންގެ އިތުބާރު ބޮޑުވަމުން އަންނަކަށް ފާހަގަ ކުރެވޭ ކަމަށާއި، ވެކްސިން ޖެހުމަށް އާންމުންގެ ފަރާތުން ލިބޭ ތަރުހީބުވެސް އިތުރުވެފައިވާ ކަމަށެވެ.
އަދި މިހާތަނަށް ވެކްސިން ޖެހި ފަރާތްތަކުގެ ތެރެއިން ބައެއް މީހުންގެ ގައިން ސައިޑް އެފްކްޓުގެ ގޮތުގައި ބައެއް އަލާމާތްތައް ފެނިގެން ރިޕޯޓު ކޮށްފައިވާ ކަމަށާއި، އޭގެތެރޭގައި، ހުން އައުމާއި، ގައިގަ ރިއްސުމާއި، ވެކްސިން ޖަހާ ތަނަށް ތަދުވުންފަދަ އަލާމާތްތައް އަލާމާތްތައް ފެންނަކަން ފާހަކުރެވިފައިވާ ކަމަށް ނަޒްލާ ވިދާޅުވިއެވެ.
ޑރ. ނަޒްލާ އިތުރަށް ވިދާޅުވީ، އިއްޔެ ޝޯސަލް ސެންޓަރުގައި ވެކްސިން ޖެހި މީހުންގެ ތެރެއިން 2 މީހަކަށް ކަރުތެރެއަށް އުނދަގޫ ވުމާއި، ހިތް އަވަސްވުމާއި، މިކަހަލަ ބައެއް އަލާމާތްތައް ފެނިގެން ރިޕޯޓުކުރި ކަމަށާއި އެފަރާތަކަށް ވަގުތުން އެތަނުގައި ފަރުވާ ދީފައިވާ ކަމަށެވެ. އެހެންނަމަވެސް އެއްވެސް ފަރާތަކަށް އަދި ހޮސްޕިޓަލުގައި އެޑްމިޓް ކޮށްގެން ފަރުވާ ދޭންޖެހޭފަދަ ބޮޑު އަލާމާތެއް ފެނިފައި ނުވާ ކަމަށްވެސް ނަޒްލާ ވިދާޅުވިއެވެ.
ރާއްޖޭގައި މިހާތަނަށް ކޮވިޑް ވެކްސިން ޖެހި މީހުންގެ އަދަދު ވަނީ 10،000 އާއި ގާތްކޮށްފައެވެ. އެގޮތުން މިހާތަނަށް 9،752 މީހުން ވަނީ ވެކްސިން ޖަހާފައެވެ.