ads
އެޗްއީއޯސީގެ ތަރުޖަމާނު ޑރ.ނަޒްލާ ރަފީގު ---
ދެން އިސްކަން ދޭނީ ހައިރިސްކު ކެޓެގަރީގައި ހިމެނޭ މީހުނަށް ވެކްސިން ދިނުމަށް!
ކޮވިޑް ވެކްސިން ޖެހުމުގެ ފުރަތަމަ މަރުހަލާ މިއަދާ ހަމައަށް ރޭވިފައިވާއިރު، ދެން އިސްކަން ދޭނީ ބަލިޖެހިގެން ހައި ރިސްކުވާ ކެޓަގަރީގައި ހިމެނޭ މީހުނަށް ވެކްސިންދީ ފުރިހަމަ ކުރުމަށް ކަމަށް ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) ގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގް ވިދާޅުވެއްޖެ އެވެ.

ރޭގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޑރ. ނަޒްލާ މިހެން ވިދާޅުވީ، މާލެ ސަރަހައްދުގައި ކޮވިޑް ވެކްސިންގެ ފުރަތަމަ ޑޯޒު ޖެހުން ހުއްޓަލާނެ ކަމަށް ހެލްތު މިނިސްޓަރު އަހުމަދު ނަސީމް ވިދާޅުވިކަން ފާހަގަ ކުރައްވަމުންނެވެ.

"އަޅުގަނޑުމެންގެ ސްޓްރެޓެޖީއަކަށް ދެން ވާނީ، ބަލިޖެހިގެން އެންމެ ހައި ރިސްކު ވާ މީހުންނަށް ހާއްސަކޮށް ހަމަ، އެ އާބާދީ ތަކަށް ވެކްސިން ޖަހާ ފުރިހަމަ ކުރުމަށް. އެއީ އެމީހުން އެއީ ބަލިން ރައްކާތެރި ކުރުމަށް އެންމެ މުހިއްމު ގްރޫޕު ކަމަށް ވާތީ" ޑރ. ނަޒްލާ ވިދާޅުވި އެވެ.

މީގެ އިތުރުން މިހާރު ކަރަންޓީނުގައި ނުވަތަ އައިސޮލޭޝަނުގައި ތިބުމުގެ ސަބަބުން ވެކްސިން ނުޖެހޭ މީހުނަށް ވެކްސިން ޖަހަމުން ގެންދާނެ ކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ. 

ރޭގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޑރ. ނަޒްލާ ވަނީ، ރާއްޖޭގައި ކޮވިޑް ވެކްސިން ޖެހޭ އާބާދީގެ 46 އިންސައްތަ މީހުން މިހާތަނަށް ވެކްސިން ޖަހާފައިވާ ކަމަށް ބުނެފައެވެ. 

"މިގޮތުން ކޮވިޝީލްޑް ވެކްސިން، މިހާތަނަށް މިވަނީ ރާއްޖޭގެ އާބާދީގެ 206،114 މީހަކަށް ޖެހިފަ. މިއީ ރާއްޖޭގައޮ ވެކްސިން އެލިޖިބަލް ޕޮޕިއުލޭޝަން ނުނީ ވެކްސިން ޖެހޭނެ އާބާދީގެ ގާތްގަނޑަކަށް 46 ޕަސަންޓު. އެހެންވީމަ މި އާބާދީއަށް އަޅުގަނޑުމެންނަށް ފުރަތަމަ ޑޯޒު މިހާތަނަށް މިވަނީ ޖެހިފަ" ޑރ. ނަޒްލާ ވިދާޅުވި އެވެ. 

ރާއްޖޭގައި ޖުމުލަ 206،114 މީހަކު މިހާތަނަށް ވެކްސިން ޖަހާފައިވެއެވެ. މިއަދަދަށް ވެކްސިން ޖެހި މީހުންގެ އަދަދު އަރާފައި މިވަނީ، މާލެ ސަރަހައްދުގައި ކޮވިޑްގެ ވެކްސިންގެ ފުރަތަމަ ޑޯޒު ޖެހުން ހުއްޓާލާނެ ކަމަށް މިނިސްޓަރު ވިދާޅުވުމާއި ގުޅިގެން، ގިނަ ބަޔަކު ވެކްސިން ޖަހަން ދިއުމާއި ގުޅިގެންނެވެ.

އެގޮތުން މިދިޔަ ބުރާސްފަތި ދުވަހާއި ހޮނިހިރު ދުވަހުވެސް ގިނަ ބަޔަކު ވެކްސިން ސެންޓަރުތަކުގައި ކިޔޫ ހަދާފައިވެއެވެ. އަދި އިއްޔެވެސް ގިނަ އަދަދެއްގެ މީހުން ވެކްސިން ޖެހުމަށް ކިއު ޖެހިފައިވެއެވެ. 

މިހާތަނަށް ރާއްޖޭގައި އެއްދުވަހެއްގައި އެންމެ ގިނަ އަދަދަކަށް ވެކްސިންގެ ފުރަތަމަ ޑޯޒު ޖަހާފައިވަނީ މިމަހުގެ 11ވަނަ ދުވަހުއެވެ. އެއީ 11،474 މީހެކެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް