ޖުޑީޝަލް ސާވިސް ކޮމިޝަން، ޖޭއެސްސީން އާންމު ކުރި ނޫސްބަޔާނެއްގައި ބުނެފައިވަނީ މި މައްސަލައަކީ 2018 ވަނަ އަހަރު ފެމެލީ ކޯޓުގެ ފަރާތުން ރާއްޖޭން ބޭރަށް ކޯޓު މުވައްޒަފު ފޮނުވައިގެން ކައިވެންޏެއް ކޮށްދިން ކަމަށް ބުނާ މައްސަލައެކެވެ.
އެގޮތުން މިމައްސަލަ ތަހުގީގު ކުރުމަށް އެ ކޮމިޝަނުން ނިންމާފައިވަނީ މިދިޔަ މަހު 17ގައި ކަމަށް ޖޭއެސްސީން ބުނެއެވެ.
މި މައްސަލައާއެކު ޖޭއެސްސީން މިވަގުތު ގާޒީ ހަސަން ސައީދުގެ ދެ މައްސަލައެއް ބަލަމުން އަންނަ ކަމަށް ޖޭއެސްސީން ސީއެންއެމްއަށް މައުލޫމާތު ދިނެވެ.
އެގޮތުން ޖޭއެސްސީން އަންނަނީ ކްރިމިނަލް ކޯޓުގައި ހިނގަމުންދާ ގަޒިއްޔާތަކެއްގައި ދައުވާ ލިބޭ ފަރާތް ފުރުން މަނާކުރުމަށް ނެރެފައިވާ އަމުރު ބާލިތު ކުރުމަށް ގާޒީ ހަސަން ސައީދު ފާޅުކަން ބޮޑުގޮތެއްގައި ގާނޫނު އަސާސީ އަދި ގާނޫނުތަކުގެ އިތުރުން ކަނޑައެޅިފައިވާ އިޖުރާއަތުތަކާ ހިލާފަށް އަމަލުކޮށްފައިވާ ކަމަށްބުނެ، އެ އަމުރު ނެރުމުގައި އަދުލު އިންސާފު ގާއިމު ކުރުމުގެ ބާރު ނަހަމަ ގޮތުގައި ބޭނުންކޮށް، ދައުވާ ލިބޭ ފަރާތަށް ނާޖާއިޒު މަންފާ ހޯދައިދިން ކަމަށް ބެލެވޭ ސުލޫކީ މައްސަލަ ބަލަން ފަށާފައެވެ.
ޖޭއެސްސީން މި ދެ މައްސަލަ ބަލަމުން ގެންދާއިރު، ކުރީގެ ޓުއަރިޒަމް މިނިސްޓަރު އަލީ ވަހީދު ޓޫރިޒަމް މިނިސްޓަރަކަށް ހުންނެވި އިރު، އެ އިދާރާގެ އަންހެން މުވައްޒަފުންތަކަކަށް ޖިންސީ ގޯނާކުރި މައްސަލައިގައި ދައުވާ އުފުލާފައިވަނިކޮށް، އޭނާ ރާއްޖޭން ބޭރަށް ފުރަން ގާޒީ ހަސަން ސައީދު ވަނީ ހުއްދަ ދެއްވާފައެވެ.
އޭގެ ފަހުން ޖޭއެސްސީގެ ތަހުގީގު ރިޕޯޓަކުން ވަނީ ގާޒީ ހަސަން ސައީދަކީ ޖިންސީ ފުރައްސާރައިގެ މައްސަލައެއް އޮއްބާލަން އުޅުނުކަން ޖޭއެސްސީއަށް ސާބިތު ވެގެން މަގާމުން ވަކިކުރަން ނިންމާފައިވާ ގާޒީއެއްކަން ހާމަވެފައެވެ. އެއީ ގާޒީ ހަސަން ސައީދު ފެމެލީ ކޯޓުގެ އިސް ގާޒީގެ މަގާމުގައި ހުންނެވި އިރުއެވެ.
ނަމަވެސް ފެމެލީ ކޯޓުގެ އިސް ގާޒީ ކަމުން ވަކިކޮށް، 2019 ވަނަ އަހަރު ތެރޭ ގާޒީ ހަސަން ސައީދު ވަނީ ކްރިމިނަލް ކޯޓަށް ބަދަލުކޮށްފައެވެ. މި ކަމާ ގުޅިގެން ޖޭއެސްސީން ވަނީ މި ނިންމުމަކީ ޖޭއެސްސީން ބެލި ސުލޫކީ މައްސަލަތަކަކާއި ގުޅިގެން ނިންމި ނިންމުމެއް ކަމަށް މީގެ ކުރިން ބުނެފައިވެއެވެ.
ހަސަން ސައީދާ ގުޅޭ ސުލޫކީ އެތައް މައްސަލައެއް ކުރިންވެސް ހުށަހެޅި އޭނާއަކީ ފަނޑިޔާރުކަމުގެ މަގާމުން ކުރިން ސަސްޕެންޑްވެސް ކޮށްފައިވާ ގާޒީއެކެވެ. އެހެންނަމަވެސް މި ސަރުކާރުން ފަހުން އޭނާއަށް ކްރިމިނަލް ކޯޓުގެ ގާޒީކަން ވަނީ ދީފައެވެ.
އެމްއެމްޕީއާރުސީގެ ފައިސާއަށް ޚިޔާނަތްތެރިވި އަހްމަދު އަދީބު އަބްދުލްޣަފޫރު ދެމިލިއަން ރުފިޔާއިން ޖޫރިމަނާކޮށް ޖަލަން ލާން ހުކުމްކުރީވެސް ގާޒީ ހަސަން ސައީދުއެވެ.