ads
ޑރ. ނަޒްލާ ރަފީގް--
ފައިޒާ ވެކްސިން އެޕޮއިންޓުމަންޓަށް ނާންނަ ނަމަ ވެކްސިން ބޭކާރުވޭ: ޑރ. ނަޒްލާ
ކޮވިޑް ވެކްސިން ޕްރޮގްރާމުގެ ތެރެއިން، ފައިޒާ ވެކްސިން ޖެހުމަށް އެޕޮއިންޓްމަންޓަށް ނާންނަ ކަމަށްވަނީ ނަމަ، އެ ދެވެނީ ވެކްސިން ބޭކާރު ކުރުމަށް ފުރުސަތެއް ކަމަށް އެޗްއީއޯސީގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު ވިދާޅުވެއްޖެ އެވެ.

ޑރ. ނަޒްލާ މިހެން ވިދާޅުވީ، މިއަދު އެޗްއީއޯސީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުންނެވެ. 

އެގޮތުން ރާއްޖެއަށް ލިބިފައިވަނީ ފައިޒާ ވެކްސިންގެ "ކުޑަ ސްޓޮކެއް" ކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ. އަދި ރަޖިސްޓާ ކޮށް، އެޕޮއިންޓުމަންޓް ހަދައިގެން، ވަކި ހާއްސަ ކެޓަގަރީއެއްގައި ހިމެނޭ ބަޔަކަށް މިވެކްސިން ދޭން ނިންމާފައިވަނީ މި ސަބަބާއި ގުޅިގެން ކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ.

ޑރ. ނަޒްލާ ވިދާޅުވީ ފައިޒާ ވެކްސިން ސްޓޯ ކޮށްފައި ބަހައްޓަން ޖެހެނީ -70 އާއި -80 ޑިގްރީ އާއި ދެމެދުގައި ކަމަށެވެ. އަދި ދޭކާއި އަށް ޑިގްރީއާއި ދެމެދު އެ ވެކްސިން ބެހެއްޓެނީ ކުޑަ ދުވަސް ކޮޅަކަށް ކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ.

މީގެ އިތުރުން ކޮންމެ ވެކްސިން ފުޅިއެއް ނުވަތަ ވައިލްއެއްގައި އިންނަނީ ހަ ޑޯޒު ކަމަށާއި، އެ ދުވަހު އެ ފުޅީގެ ވެކްސިން ބޭނުން ނުކުރެވިއްޖެ ނަމަ ދެން ޖެހެނީ އުކާލަން ކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ. 

"ވެކްސިން ވައިލްއެއްގައި ނޫނީ ފުޅިއެއްގައި މި އިންނަނީ ހަ ޑޯޒު. ފުޅި ހުޅުވުމަށްފަހު އެންމެ ގިނަވެގެން އަޅުގަނޑުމެންނަށް އޭތި ހަ ގަޑިއިރު ބެހެއްޓޭނީ. އެ ވެކްސިން ޖަހާ ސެޝަންގަ ފުޅި ހުޅުވާ ފިއްޔާ ދެން އަލުން އޭތި ބޭނުމެއް ނުކުރެވޭނެ. ބާކީ އެއްވެސް ވެކްސިނެއް ހުރެއްޖެޔާ އުކާލަން މިޖެހެނީ" ޑރ. ނަޒްލާ ވިދާޅުވިއެވެ.


ކަން މިހެން ހުރިއިރު، ފައިޒާ ވެކްސިން ޖެހުމަށް އެޕޮއިންޓްމަންޓު ލިބުނު މީހުން އެޕޮއިންޓުމަންޓަށް ގަޑިއަށް އައުމަކީ ވަރަށްވެސް މުހިއްމު ކަމެއް ކަމަށް ޑރ. ނަޒްލާ ފާހަގަ ކުރެއްވިއެވެ. އެހެން ނޫނީ ވެކްސިން ޑޯޒުތައް "ވޭސްޓް" ވާނެ ކަމަށާއި ވެކްސިންތައް އުކާލަން ޖެހޭނެ ކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ. އަދި މިހެން ކަން ވެއްޖެ ނަމަ، ވެކްސިން ޖެހޭ މީހުންގެ އަދަދު ވަރަށް ބޮޑަށް މަދުވެގެން ދާނެ ކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް