ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ ފާއިތުވި 24 ގަޑިއިރު ރާއްޖެއިން ޓެސްޓުކުރެވުނު 5،156 ސާމްޕަލްގެ ތެރެއިން ޕޮޒިޓިވްވީ 107 މީހުން ކަމަށާއި އޭގެތެރެއިން 30 މީހުން ޕޮޒިޓިވްވީ މާލޭ ސަރަހައްދުން ކަމަށެވެ. އަދި އަތޮޅުތެރެއިން 56 މީހަކު ޕޮޒިޓިވްވި މީހަކަށާއި ރިސޯޓްތަކުން 14 މީހަކު ޕޮޒިޓިވްވި ކަމަށެވެ. އޭގެ އިތުރުން ތަރައްގީ ކުރަމުން އަންނަ ރަށްތަކުން އެކަކު ޕޮޒިޓިވްވެފައިވެއެވެ.
ހޮސްޕިޓަލްތަކުގައި ފަރުވާ ދެމުން އަންނަ މީހުންގެ އަދަދުދަށް ވެސް 13 އަށް ތިރިވެފައިވާއިރު މިހާރު ރާއްޖޭގައި މިބަލި ޖެހިފައިތިބީ 2،595 މީހުންނެވެ.
ރާއްޖެއިން މިހާތަނަށް ކޮވިޑް ޖެހުނު މީހުންގެ އަދަދު 77،309 އަށް އަރާފައިވާއިރު ބަލިން ރަނގަޅުވި މީހުންގެ އަދަދު ވަނީ 74،481 އަށް އަރާފައެވެ.
މިހާތަނަށް 221 މީހަކު މިބަލީގައި މަރުވެފައިވެއެވެ.