އެޗްޑީސީން ކުރި ޓްވީޓެއްގައި ބުނެފައިވަނީ އެޗްޑީސީން ޑިސްޓްރިބިއުޝަން ސެންޓަރެއްގެ ގޮތުގައި ބޭނުންކުރަމުން ދިޔަ އިމާރާތް ކޮވިޑް ފެސިލިޓީއެއްގެ ގޮތުގައި ބަދަލުކުރީ ކޮވިޑަށް ފައްސިވާ މީހުންނަށް ފަރުވާދޭނެ ރަނގަޅު ނިޒާމެއް ގާއިމު ކުރުމުގެ ގޮތުން ކަމަށެވެ.
އަދި ހަމަ އެއާއެކު ބައްޔަށް ފަޕޮޒިޓިވްވެގެން ފަރުވާ ހޯދަން ގެންދާ މީހުންނަށް ބެޑް ކެޕޭސިޓީ އިތުރު ކުރެވިގެން ދިޔުންވެސް ހިމެނޭ ކަމަށް ޓްވީޓްގައި ބުނެފައިވެއެވެ.
މިހާރު އެތަނުގެ ސީލިންގެ މަރާމާތު ކުރުމުގެ މަސައްކަތާއި ކުލަ ލުމުގެ މަސައްކަތް ކުރިޔަށްދާއިރު އެ އިމާރާތަށް ބޭނުންވާ އިތުރު އިކުއިޕްމަންޓްތައް ވެސް ދަނީ ހޯދަމުންނެވެ.
ހެލްތް އިމަޖަންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ބޭއްވި ބައްދަލުވުމެއްގައި ޑރ. ނަޒްލާ ރަފީގް ވިދާޅުވީ ހުޅުމާލޭގައި ހަދަމުންދާ ފެސިލިޓީ އަށް ސްޓާފުން ހޯދުމުގެ މަސައްކަތް މިހާރުވެސް ކުރަމުން އަންނަ ކަމަށާއި ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ބޭނުންކުރާ ގިނަ ސާމާނު އެ ފެސިލިޓީގައި ވެސް ބޭނުންކުރާނެ ކަމަށެވެ.
ކޮވިޑް ބައްޔަށް އެޑުމިޓްކޮށްގެން ފަރުވާ ހޯދަމުންދިޔަ މީހުން މީގެ ދެތިން މަސް ކުރިން އިންތިހާއަށް ގިނަވެގެން ދިޔަ ނަމަވެސް މިހާރު އެ އަދަދު އަންނަނީ ދަށްވަމުންނެވެ. އަދި ބައްޔަށް ޕޮޒިޓިވްވާ މީހުންގެ އަދަދުވެސް ކުރިޔާ އަޅައި ބަލާއިރު މިހާރު މަދުކަން ފާހަގަ ވެއެވެ.