އެ ސީރީޒްގެ ފުރަތަމަ އެޕިސޯޑު ރޭ މިވަނީ ބައިސްކޯފުން ނުވައެއް ޖެހި އިރު ދައްކަން ފަށާފައެވެ.
ސީއެންއެމް އަށް ވާހަކަ ދައްކަމުން އެ ސީރީޒްގެ ޑައިރެކްޓަރ މުހައްމަދު ފައިސަލް ބުނީ، ޑްރާމާގެ އާ އެޕިސޯޑެއް ކޮންމެ ބުރާސްފަތި ދުވަހެއްގެ ރޭ ދައްކާނެ ކަމަަށެވެ.
އިތުރަށް ފައިސަލް ބުނީ، ޑްރާމާގެ ފުރަތަމަ އެޕިސޯޑު ދެއްކިތާ 24 ގަޑި އިރު ނުވަނިސް ގިނަ ބަޔަކު ބަލައިފި ކަމަށާއި ބޮޑު ތަރުހީބެއް ލިބެމުންދާ ކަމަށެވެ. އަދި ޑްރާމާގެ ކުރިއަށް ހުރި ބައިތަކަށް އިންތިޒާރުކުރާ ކަމަށް ބުނެ މެސެޖްކުރަމުން އަންނަ ކަމަށްވެސް އޭނާ ބުންޏެވެ.
ކުޅަދާނަ ވާހަކަ ލިޔުންތެރިޔާ މަރްޔަމް މޫސާ (މަރީ)ގެ ވާހަކައަކަށް ހަދާފައިވާ “ލޯބިވިއަސް”އަކީ މިހާރުގެ މުޖުތަމައުގައި އާންމު މައްސަލައަކަށް ހަދަަފައިވާ އަށް އެޕިސޯޑުގެ ސީރީޒެކެވެ.
ސީއެންއެމް ކުރިން ދިން އިންޓަވިއުއެއްގައި ވާހަކަ ދައްކަމުން ފައިސަލް ބުނީ، ޑްރާމާގައި ދައްކުވައިދޭނީ ދިރިއުޅުމެއް އުޖާލާ ކުރުމަށް ދެމަފިރިން އެއްވަރަކަށް މަސައްކަތް ކުރުމުގެ މުހިއްމުކަން ކަމަށެވެ.
"ޔަގީނުން ވެސް މި ޑްރާމާ ވަރަށް ރިލޭޓް ވާނެ ކައިވެނި ކޮށްގެން އުޅޭ މީހުންނަށް'" ހުނަރުވެރި އެކްޓަރު ފައިސަލް ބުންޏެވެ.
ކޮކޯ ހަސަން ހަލީމް ކެމެރާ ކޮށްފައިވާ އެ ޑްރާމާގެ މެއިން ކާސްޓުންގެ ތެރޭގައި އަހުމަދު އީސަ (އާނަންދު)، ނުޒުހަތު ޝުއައިބް (ނުޒޫ)، ނާޝިދާ މުހައްމަދު (ނާއްކޮ)އަދި މަރްޔަމް މަޖުދާ (މަޖޫ) ގެ އިތުރުން ފައިސަލް ހިމެނެއެވެ.
އޭގެ އިތުރުން އަހުމަދު އާސިމް އާއި އައިޝަތު އަލީ، އަހުމަދު ޝާން، ޝިފާނާ (ދޮނާ) އަދި ރަޝާދުގެ އިތުރުން އަލަށް ފިލްމީ ދާއިރާއަށް ތައާރަފްވާ މާއިޒްގެ އެކްޓިން "ލޯބިވިއަސް" އިން ފެންނާނެއެވެ.
މާލެ އަދި ހުޅުމާލޭގައި މަންޒަރުތައް ނަގާފައިވާ "ލޯބިވިއަސް" އާ ބެހޭގޮތުން އޭރު ފައިސަލް އޭނާ މީގެ ކުރިން ކުޅެފައިވާ އަދި ޑައިރެކްޝަން ހަދާފައިވާ ބައެއް ޑްރާމާ ތައް ކަހަލަ ރީތި ޑްރާމާ އަކަށް އެ ޑްރާމާ ވާނެ ކަމުގެ ޔަގީންކަން އޮންނަ ކަމަށެވެ.
ފާތިމަތު ނަހުލާގެ ވެބް ސީރީޒް "ހުވާ" އަދި "އުމުރަށް ސަލާން" ފަދަ ޑްރާމާ ތަކުގެ ޑައިރެކްޝަން ވެސް ހަދާފައިވަނީ ފައިސަލް އެވެ.