މަހިންދަ ރާޖަޕްކަސަ ޓްރޮފީގައި ރާއްޖެއާ ބަންގްލަދޭޝް ހޮނިހިރު ދުވަހު ވާދަކުރި މެޗުން ބަންގްލަދޭޝް މޮޅުވި ލަނޑަކީ މެޗުގެ ފަހުކޮޅުގައި ލިބުނު ޕެނަލްޓީއަކުން އެ ޓީމުގެ ޑިފެންޑަރު ޓޮޕޫ ބަރްމަން ޖެހި ލަނޑެކެވެ. މެޗުގެ މޮޅު ކުޅުންތެރިއަކަށްވެސް ހޮވުނީ ބަންގްލަދޭޝްގެ ޗެމްޕިއަން ބަޝަންދުރާ ކިންގްސްއަށް ކުޅެމުން އަންނަ ޓޮޕޫއެވެ. މެޗަށް ފަހު ސީއެންއެމާ ވާހަކަ ދައްކަމުން ޓޮޕޫ ބުނީ ރާއްޖޭގެ މައްޗަށް ކުރި ހޯދުމަކީ ބޮޑު ކާމިޔާބީއެއް ކަމަށެވެ.
ރާއްޖެ އަތުން މޮޅުވުމާއި އެކު ބަންގްލަދޭޝްއަށްވަނީ މި ވަގުތު ޓޭބަލްގެ އެއްވަނަ ލިބިފައެވެ. އެހެންނަމަވެސް ހޮނިހިރު ދުވަހުގެ ރޭ ސީޝެލްސްއާ ލަންކާ ކުޅޭ މެޗުގެ ނަތީޖާއިން ޕޮއިންޓް ޓޭބަލްއަށް ބަދަލު އައުމުގެ ފުރުސަތު އެބައޮތެވެ.
ހޮނިހިރު ދުވަހުގެ ރޭ ލަންކާގެ ރޭސް ކޯސްގައި ރާއްޖެއާ ބަންގްލަދޭޝް ކުޅުނު މެޗުން ބަންގްލަދޭޝް މޮޅުވުން ވެގެންދާނީ މިދިޔަ އަށާރަ އަހަރުގެ ތެރޭގައި ބަންގްލަދޭޝް ރާއްޖެއަތުން މޮޅުވި ފުރަތަމަ މެޗަށެވެ. ދެހާސް ތިންވަނަ އަހަރު ބަންގްލަދޭޝްގައި އޮތް ސާފު ޗެމްޕިއަންޝިޕުގެ ފައިނަލުގައި ރާއްޖެ އަތުން ބަންގްލަދޭޝް މޮޅުވި ފަހުން އަދި މިހާތަނަށް އެ ޓީމު ރާއްޖެ އަތުން މޮޅުވެފައެއް ނުވެއެވެ.