މުބާރާތުގެ ފައިނަލުން ލަންކާ ޖާގަ ހޯދީ ބަންގްލަދޭޝް އާ ދެކޮޅަށް ކުޅުނު މެޗު ދެ ލަނޑު އެއް ލަނޑުން ކާމިޔާބުކޮށްނެވެ. ލަންކާ މޮޅުވި ލަނޑަކީ މެޗުގެ ފަހު މިނިޓުގައި ލިބުނު ޕެނަލްޓީ އަކުން ޖެހި ލަނޑެކެވެ. ލަންކާވަނީ މި މުބާރާތުގެ ފުރަތަމަ މެޗުގައި އާދަޔާ ޚިލާފު މޮޅު ކުޅުމަކާ އެކު ރާއްޖެ އަތުންވެސް ޕޮއިންޓް ހޯދާފައެވެ.
ދިހަ ކުޅުންތެރިންނާ އެކު މެޗުގެ ބޮޑު ބައި ކުޅެން ޖެހުނު ލަންކާ ޓީމު މި މެޗަށް ނުކުތް އިރު އޮތީ ފައިނަލުން ފުރުސަތު ހޯދުމަށް މޮޅުވުން މަޖުބޫރުވެފައެވެ. މެޗު ފެށިގެން ފުރަތަމަ ލަނޑު ޖެހީވެސް ލަންކާއިންނެވެ.
މުބާރާތުގެ ފައިނަލުގައި ލަންކާ ނުކުންނާނީ ސީޝެލްސްއާ ދެކޮޅަށެވެ.