އެމްއެންޑީއެފް އިން ބުނީ އަލަމާ-5 ދޯނިން ގެއްލުނު ދިވެހި ފަޅުވެރިޔާ ހޯދުމުގައި ކޯސްޓްގާޑުން މިހާތަނަށް ވަނީ ކަނޑާއި ވައިގެ މަގުން 5،692 އަކަނޯޓިކަލް މޭލުގެ ސަރަހައްދެއް ބަލާފަ ކަމަށެވެ.
އަދި ކޯސްޓްގާޑުން މިހާރު ވެސް ދަނީ މެދުކެނޑުމެއްނެތި ހޯދުމުގައި ހަރަކާތްތެރިވަމުން ކަމަށާއި ގެއްލުނު މީހާ ހޯދުމުގެ މަސައްކަތުގައި އެ ސަރަހައްދުން ދަތުރުކުރާ ސީޕްލޭންތަކާއި ފްލައިޓްތަކުގެ އެހީތެރިކަން ހޯދަމުންދާ ކަމަށް އެމްއެންޑީއެފްއިން ބުނެއެވެ.
އަލާމާ ދޯނިން ގެއްލުނު ތިން މީހުންގެ ތެރެއިން ދެ މީހަކު ވަނީ ބުދަ ދުވަހު ހެނދުނު 06:50 ހާއިރު ލަކްސް ސައުތު އަރި އެޓޯލް ރިސޯޓް ކައިރިން ކޯސްޓްގާޑް ސީއެމްބިއުލާންސް-34 އަށް ފެނިގެން ނަގާފައެވެ.
މީގެ ކުރިން އެމްއެންޑީއެފް އިން ބުނީ އެ މީހުން ހޯދުމަށްޓަކައި ކޯސްޓްގާޑް ޝިޕް ހުރަވީ، ކޯސްޓްގާޑް ސީ އެމްބިއުލަންސް-34، މޯލްޑިވްސް ޕޮލިސް ސަވިސް، ދޯނީގެ ވެރިފަރާތާއި އަދި މީގެ އިތުރުން ވައިގެ މަގުން އެސަރަހައްދުގައި ޓީއެމްއޭގެ 10 ސީޕްލޭންއާއި ފްލައިމީގެ މަތިންދާބޯޓެއްވެސް ހަރަކާތްތެރި ވެފައި ވާކަމަށެވެ.
ދޯނިން ދަތުރުކުރި ދެ ބިދޭސީ މީހުން ފެނުނީ، އަޑިއަށް ދިޔަ ދޯނިން އޮޔާދިޔަ ހަންތަކެއްގައި އެލިގެން ތިއްބަައެވެ. އެމްއެންޑީއެފުން ބުނީ އެދެމީހުންނަށް ގުޅޭކަމުގެ މައުލޫމާތު ކޯސްޓްގާޑަށް ދިނީ ކުންފުނީގެ ފަރާތުން ރޭ 22:12 ގައި ކަމަށާއި، އެމީހުންނާއި ކޯސްޓުގާޑަށް ގުޅުނީ 22:29 ގައި ކަމަށެވެ.
މިހާރު ގެއްލިގެން ހޯދަނީ ދޯނީގެ ކައްޕި އާދަމް ޝަފީޤް އެވެ.