ޑްރެޖިން އިންޑަސްޓްރީގެ ތަޖުރިބާކާރުންގެ މައްޗަށް އެކުލެވޭ އެސޯސިއޭޝަނުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، މި ޕްރޮޖެކްޓަށް އެންމެ ފުރަތަމަ ހުއްދަ ދިން އީއައިއޭގައި ހުރި ޓެކްނިކަލް މައްސަލަތަކުގެ ތެރޭގައި އެކަށީގެންވާ ވަރަށް ޕްރޮޖެކްޓް ޖަސްޓިފިކޭޝަން އާއި ފީލްޑް ސާވޭ ހެދިފައި ނުވާ ކަމަށެވެ. މިކަން ތަޖުރިބާކާރުންނާ ހަވާލާދީ ބައެއް މީޑިއާ ރިޕޯޓްތަކުގައި ކުރިން ވެސް ފާހަގަ ކޮށްފައިވާ ކަމަށް ވެސް އެ އެސޯސިއޭޝަނުން ބުނެ އެވެ.
"އެ ރަށުގެ ވޭވް ޑައިނަމިކްސް ސާވޭ ކޮށްފައި ނުވާއިރު އޭގެ ސަބަބުން ހިއްކާ ބިމާއި އަދި ކޮމަންޑޫގެ ގޮޑުދޮށަށް ބޮޑެތި ބަދަލުތައް އައުން އެކަށީގެންވެ އެވެ." ޑްރެޖިން އެސޯސިއޭޝަންގެ ބަޔާނުގައި ފާހަގަ ކޮށްފައި ވެއެވެ.
އޭގެ އިތުރުން އެ ޕްރޮޖެކްޓަށް ވެލި ނަގަނީ ރ. އުނގޫފާރު ބިން ހިއްކުމަށް މިދިޔަ އަހަރުގެ އޭޕްރީލް އަދި މެއި މަހު ސާވޭ ކުރި ސަރަހައްދުން ކަމަށް ވާއިރު، އެ ކަމަށް ހުއްދަ ދިން އެޑެންޑަމް ރިޕޯޓަކީ ވެސް އީޕީއޭ އިން އާންމުކޮށް އެފަދަ ރިޕޯޓްތަކަށް ހުއްދަ ދިނުމަށް ގެންގުޅޭ ސްޓޭންޑާޑަށް ނުފެތޭ ރިޕޯޓެއް ކަމަށް ޑްރެޖިން އެސޯސިއޭޝަނުން ބުނެ އެވެ.
"އުނގޫފާރު ޕްރޮޖެކްޓަށް ފީލްޑް ސާވޭ ހަދާފައި ވަނީ މިދިޔަ އަހަރުގެ އޭޕްރީލް އަދި މެއި މަހުގައި ކަމަށް ވާއިރު، މިފަދަ އެޑެންޑަމް ރިޕޯޓަކީ އިތުރު ފީލްޑް ސާވޭއެއް ނުކޮށް ހުއްދަ ދެވިގެންވާނެ އެއްޗެއް ނޫނެވެ. އޭގެ އިތުރުން ޓާމްސް އޮފް ރިފަރެންސްގައި ބުނެފައިވާ ފަދައިން އެ ރިޕޯޓުގައި ސްޓޭކްހޯލްޑާ ކޮންސަލްޓޭޝަން ނެތް ކަން ފާހަގަ ކުރަމެވެ." ޑްރެޖިން އެސޯސިއޭޝަނުން ބުނެ އެވެ.
ޕްރޮޖެކްޓަކުން ތިމާވެއްޓަށް ކުރާނެ އަސަރު ދެނެގަތުމަށް ހަދާ އީއައިއޭ ރިޕޯޓްތަކަށް ހުއްދަ ދެވޭނީ ނުވަތަ ހުއްދަ ނުދީ ހިފެހެއްޓޭނީ 2012 ވަނަ އަހަރު އަމަލުކުރަން ފެށި ތިމާވެއްޓަށް އަސަރު ފޯރާނެ މިންވަރު ބަޔާންކުރާ ރިޕޯޓް ހެދުމާއި ބެހޭ ގަވާއިދާއި އެ ގަވާއިދަށް ގެނެސްފައިވާ އިސްލާހުތަކާއި އެއްގޮތްވާ ގޮތަށެވެ. އަދި އެ ގަވާއިދުގައި ބުނާ ޝަރުތުތައް ހަމަ ނުވާ އީއައިއޭ ރިޕޯޓްތަކަށް ހުއްދަ ދިނުމުގެ ބާރު އީޕީއޭ އަށް ލިބިގެން ނުވެ އެވެ.
އެގޮތުން އެ ގަވާއިދުގެ 12 ވަނަ މާއްދާގެ (ހ) ގައި ބުނެފައިވަނީ "މި ގަވާއިދުގެ ދަށުން ތިމާވެއްޓަށް އަސަރު ފޯރާނެ މިންވަރު ބަޔާންކުރާ ރިޕޯޓެއް ހަދަން ޖެހިއްޖެނަމަ އެ ރިޕޯޓް ތައްޔާރު ކުރަން ވާނީ މިނިސްޓްރީ އާ ދެމެދު އެއްބަސްވެވުނު ޓާމްސް އޮފް ރިފަރެންސާއި އެއްގޮތަށް" ކަމަށެވެ.
ޑްރެޖިން އެސޯސިއޭޝަނުން ބުނީ މަތިކޮމަންޑޫ ހިއްކަން ހުއްދަ ދިން ފުރަތަމަ އީއައިއޭގެ އިތުރުން އެޑެންޑަމް ރިޕޯޓުގައި ވެސް ޓާމްސް އޮފް ރިފަރެންސްގައި ބުނާ ޝަރުތުތައް ހަމަ ނުވާކަން ވަރަށް ސާފުކޮށް އެނގެން އޮތް ކަމަށެވެ. އެހެންކަމުން އެ ރިޕޯޓްތަކަށް އީޕީއޭ އިން ހުއްދަ ދިނީ ތިމާވެއްޓަށް އަސަރު ފޯރާނެ މިންވަރު ބަޔާންކުރާ ރިޕޯޓް ހެދުމާއި ބެހޭ ގަވާއިދާއި، ދިވެހި ރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާއި ބެހޭ ގާނޫނު (ގާނޫނު ނަންބަރު 4/93)ގެ ފަސް ވަނަ މާއްދާ އާއި ހިލާފަށް ކަމަށް ޑްރެޖިން އެސޯސިއޭޝަނުން ބުނެ އެވެ.
ތިމާވެއްޓަށް އަސަރު ފޯރާނެ މިންވަރު ބަޔާންކުރާ ރިޕޯޓް ހެދުމާއި ބެހޭ ގަވާއިދުގެ ތިން ވަނަ މާއްދާ އާއި ހަތަރު ވަނަ މާއްދާ އަދި އެ ގަވާއިދަށް ގެނެވުނު ފަސް ވަނަ އިސްލާހުގެ ދަށުން، އީއައިއޭ ޓާމްސް އޮފް ރިފަރެންސަށް ނުފެތޭ އީއައިއޭ ރިޕޯޓްތަކަށް ބޭނުންވާ އިތުރު މައުލޫމާތު ފޯރުކޮށް، އެ ރިޕޯޓެއް ފުރިހަމަ ކުރަން، ރިޕޯޓް ހުށަހަޅާ ފަރާތަށް އެންގުމުގެ ބާރު ނުވަތަ ރިޕޯޓް ބަލައި ނުގަތުމުގެ ބާރު އީޕީއޭ އަށް ލިބިދެ އެވެ.
"އެކަމަކު އެއްވެސް ހާލަތެއްގައި، ހާއްސަ ހުއްދައެއްގެ ދަށުން ވެސް ޓާމްސް އޮފް ރިފަރެންސަށް ނުފެތޭ އީއައިއޭ ރިޕޯޓަކަށް ހުއްދަ ދިނުމުގެ ބާރު އީޕީއޭ އަށް ލިބިގެން ނުވެ އެވެ. އަދި އެއީ ސީދާ ތިމާވެއްޓަށް އަސަރު ފޯރާނެ މިންވަރު ބަޔާންކުރާ ރިޕޯޓް ހެދުމާއި ބެހޭ ގަވާއިދާއި ހިލާފު ކަމެކެވެ.،" ޑްރެޖިން އެސޯސިއޭޝަނުން ބުނެ އެވެ.
ޑްރެޖިން އެސޯސިއޭޝަނުން ބުނީ މަތިކޮމަންޑޫ ޕްރޮޖެކްޓްގެ އީއައިއޭ އެޑެންޑަމް އަށް ހާއްސަ ހުއްދައެއް އީޕީއޭ އިން ދޫކުރި އިރު، ރ. އަތޮޅު ކައުންސިލާ މަޝްވަރާ ކުރުމަށް އަންގާފައި ވީނަމަވެސް މަސައްކަތް ފެށި އިރު އެކަން ކޮށްފައި ނުވުމަކީ ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނާ ހިލާފަށް އަދި މި ޕްރޮޖެކްޓްގެ އީއައިއޭގެ ޓާމްސް އޮފް ރިފަރެންސާ ވެސް ހިލާފަށް ކޮށްފައިވާ ކަމެއް ކަމަށެވެ.
އެހެންކަމުން މަތިކޮމަންޑޫ ބިން ހިއްކުމުގެ މަޝްރޫއުގެ އީއައިއޭ އަށް ހުއްދަ ދީފައިވަނީ ކަމާއި ގުޅޭ ގާނޫނުތަކާއި ގަވާއިދުތަކުގެ އިތުރުން އީޕީއޭ އިން ސްޓޭންޑާޑް ޕްރޮސީޖާތަކާއި ހިލާފަށް ކަމަށާއި ޑްރެޖިން އެސޯސިއޭޝަނުން ބުނެ އެވެ.
ޑްރެޖިން އެސޯސިއޭޝަނުން ކަން ބޮޑުވުން ފާޅުކުރި އިރު އީޕީއޭ އިން ވަނީ ވެލި ނަގަމުން ދަނީ ގަވާއިދާއެއްގޮތަށް ކަމަށެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;