މައުލޫމާތު ލިބިފައިވާ ގޮތުގައި ވެކްސިންގެ ހަތަރުވަނަ ޑޯޒް އެއް ޖަހާފައިވަނީ ގއ. ދާންދޫ އުމުރުން 82 އަހަރުގެ އަންހެނެއްގެ ގަޔަށެވެ.
ނަން ނުޖެހުމަށް ޝަރުތުކޮށް ސީއެންއެމް އަށް މައުލޫމާތު ދެމުން އެރަށު ހެލްތު ސެންޓަރުން މައުލޫމާތު ދިން އޮފިޝަލަކު ވިދާޅުވީ، ވެކްސިންގެ ހަތަރު ވަނަ ޑޯޒް އެއް އެމީހާ ގަޔަށް ޖެހުނީ އެރި އޮޅުމެއްގެ ސަބަބުން ކަމަށާއި، ވެކްސިން ޖެހުމުން އަންހެން މީހާ ހެލްތު ސެންޓަރުގައި އެޑްމިޓް ކޮށްގެން މިހާރު ފަރުވާ ދެމުން އަންނަ ކަމަށެވެ.
އަދި އަންހެން މީހާގެ ކަންކަން ގާތުން ބަލަމުން އަންނަ ކަމަށާއި، އަންހެން މީހާގެ ހާލަތު ރަނގަޅު ކަމަށް ވެސް އޮފިޝަލް ވަނީ ވިދާޅުވެފައެވެ.
މި ހާދިސާއާއި ގުޅިގެން ހެލްތް މިނިސްޓްރީގެ ކޮލިޓީ އެޝުއަރެންސް ކޮމިޝަނަރު ތަސްލީމާ އުސްމާން ވިދާޅުވީ، ވެކްސިންގެ ހަތަރު ވަނަ ޑޯޒްއެއް އުމުރުން ދުވަސްވީ މީހެއްގެ ގަޔަށް ޖެހި ކަމުގެ މައުލޫމާތު އެ މިނިސްޓްރީއަށް ލިބިފައިވާ ކަމަށާއި، އެކަމާއި ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށެވެ.
މިކަމާއި ގުޅޭ އިތުރު ތަފްސީލެއް ތަސްލީމާ ދެއްވާފައި ނުވެއެވެ.
ދާންދޫގައި އުމުރުން ދުވަސްވީ މީހެއްގެ ގަޔަށް ވެކްސިން ޖެހުމުން އެކަން ފުރަތަމަ ސިއްރު ކުރަން ދާންދޫގައި ހުންނަ އެޗްޕީއޭގެ ފޯކަލް ޕޮއިންޓުން މަސައްކަތް ކުރި ކަމަށްވެސް ވަނީ މައުލޫމާތު ލިބިފައެވެ.