ads
އެކްސިޑެންޓުގައި އަނިޔާވި ޝަހީމް---- ފޮޓޯ: އާއިލާ
ވީލް ޗެއައެއް ގަންނަން އިންޑިއާއަށް ދިޔަ ބައްޕަ ނުރައްކާތެރި އެކްސިޑެންޓެއްގެ ޝިކާރައަަަށް
މާދަމާ ކަން ވާނެ ގޮތެެއް އެއްވެސް މީހަކަށް ނޭގޭނެވެ. ބޮޑުފޮޅުދޫ (ދެތަޑިމާގެ) އާދަމް ޝަހީމް އޭނާގެ ނުކުޅެދުންތެރިކަން ހުންނަ ދޮށީ ދަރިފުޅަށްޓަކާ އެންމެ 10 ދުވަހަށް އިންޑިއާ ކުރި ދަތުރުގެ މަންޒިލުވެސް ބަދަލުވީ އެންމެ ފަޅި ސިކުންތެއްގެ ތެރޭގައެވެ.

ފަސް ދަރިން ތިބި ޝަހީމް މީގެ ކުޑަ ދުވަސްކޮޅެއް ކުރިން އިންޑިއާއަށް ދިޔައީ އޭނާގެ ނުކުޅެދުންތެރި ކަން ހުންނަ ދޮށީ ދަރިފުޅަށް އެންސްޕާ އިން ދީފައިވާ އެހީއިން ފުރޮޅުލީ ގޮޑިއެއް ގަތުމުގެ ބޭނުމުގައެެވެ. އެ ދަތުރު ފަޅި ސިކުންތުކޮޅެއްގެ ތެރޭގައި ބަނަވެގެން އައި ގޮތް އޭނާގެ އެއްބަނޑު ދޮށީ ބޭބެ އަބުދުލް ގަފޫރު "ސީއެންއެމް" އާއި ހިއްސާ ކުރިއެވެ.

ޝަހީމްގެ ބޭބެ ގަފޫރު "ސީއެންއެމް" އާއި ވާހަކަ ދައްކަމުން ބުނި ގޮތުގައި، އެ ވީލް ޗެއާ ގަންނަން ޝަހީމް އިންޑިއާއަށް ދިޔައީ، ވަރަށް އަގު ބޮޑު ވައްތަރެއްގެ ވީލް ޗެއާ އަކަށް ވުމުންނެވެ. ހާލަތު ބަދަލު ކޮށްލީ ބާރަށް ދުއްވާފައި އައި ސައިކަލެއް ގައި ޖެހިގެންނެވެ. 

އޭނާގެ އެހީތެރިއެއްގެ ގޮތުގައި މިވަގުތު ހުރި ނިޝާމްއާއި ހަވާލާދީ ގަފޫރު ބުނީ އެ އެކްސިޑެންޓު ހިނގީ ޝަހީމް ހުރި ގެއަށް ދިޔަ މަގުމަތީގައި ކަމަށެވެ.

"އަހަރުމެން އެރޭ ކައި ނިންމާލާފައި ހިނގާފަ އޮޓޯ އެއް ނުލިބިގެން ދިޔައީ. މަގު އެއްކައިރިން ގޮސް ގޭ އިންނަ ފަޅިއަށް އަރަން އުޅެނިކޮށް ވަރަށް ބާރަށް އައި ސައިކަލަކުން ޖެހި އެކްސިޑެންޓުވީ. ސައިކަލް ދުއްވާފަ އައިލެއް ބާރު ކަމުން ޝަހީމް ގަޔަށް އެރީ." އޭނާގެ އެހީތެރި އެއްގެ ގޮތުގައި މި ވަގުތު ހުރި ފަރާތް ކަމަށްވާ ނިޝާމް ބުންޏެވެ.

ކޮޗިންގައި މީގެ ތިން ދުވަސް ކުރިން ހިގި އެކްސިޑެންޓެއްގައި ޝަހީމްގެ މޫނަށް ވަނީ ވަރަށް ބޮޑު ގެއްލުން ވެފައެވެ. ނޭފަތާއި، ތުންފަތް އިރައިގެން ގޮސް ފަޔާއި، ބޯވެސް ވަނީ ފަޅައިގެން ގޮސްފައެވެ. 

ޝަހީމް އަށް ވާހަކަ ދެއްކެނީވެސް ވަރަށް އުދަގުލުން ކަމަށާއި، އޭނާ އަށް ލިބުނު އަނިޔާގެ ސަބަނުން މޫނު މަތީގެ ކަށިގަނޑެއް ވަނީ ބިންދައިގެން ގޮސް ފައި ކަމަށް ނިޝާމް ބުންޏެވެ. އޭނާ ބުނި ގޮތުން ޝަހީމްގެ ހަށިގަނޑަށް މާ ބޮޑު ގެއްލުން ތަކެއް ނުވި ނަމަވެސް، މޫނަށް ލިބުނު އަނިޔާގެ ސަބަބުން އޮޕަރޭޝަނެއް ކުރަން ޖެހޭނެ ކަމަށް ޑޮކްޓަރު ވަނީ ވިދާޅުވެފައެވެ. 

"ސައިކަލުން ޖެހުމާއެކު ޝަހީމް ވިއްސައިގެން ގޮސް ބިންމައްޗަށް ވެއްޓުނީ. ލޭ މަނާ ނުވެގެން އެހެން ހޮސްޕިޓަލަކަށް ބަދަލުކުރީ. ނޭފަތާއި ތުންފަތް އިރައިގެން ގޮސް ފަޔާއި ބޯ ފަޅައިގެން ގޮއްސަ ހުރީ." ނިޝާމް އާ ހަވާލާދީ އާއިލާ އިން ބުނެއެވެ. 

އަންނަ ހުކުރު ދުވަހު އޮޕަރޭޝަން ކުރަން ތައްޔާރުވަމުންދާއިރު، އޮޕްރަރޭޝަނަށް ފަހު ހޮސްޕިޓަލްގައި މަޑުކުރަން ޖެހޭނެ ކަމަށް ޑޮކްޓަރުން ވިދާޅުވެފައިވާތީ، އާއިލާގެ ފަރާތުން ޝަހީމަށް އެހީތެރިވުމަށް އިންޑިއާއަށް ދާން އާއިލާއިން މިހާރު އަންނަނީ ތައްޔާރުވަމުންނެވެ. 

އިންޑިއާ އަށް ދިއުމަށާއި، ހުރުމަށް ބޮޑު ހޭދައެއް ކުރަން ޖެހޭތީ އެ އާއިލާއިން އެދެނީ ދީލަތި އެހީއަކަށެވެ. އެހީތެރި ކަން ދެވެން ނެތް ފަރާތްތަކުން ވެސް ޝަހީމް އަށް ހެޔޮ ދުއާ ކޮށްދިނުމަށް އާއިލާ އިން އެދެއެވެ.

އިތުރު މައުލޫމާތު ހޯދުމަށް:

  • ގުޅޭނެ ނަމްބަރު: 9766950 އަބުދުލް ޝުކޫރު (ޝަހީމްގެ އެއްބަނޑު ފަރާތެއް)
  • ބީއެމްއެލް (ދިވެހި ރުފިޔާ) އެކައުންޓް ނަންބަރު: 7721492065001 އާދަމް ޝަހީމް

ސީއެންއެމް އެހީ މި ސެގްމަންޓްގެ ދަށުން ގެނެސްދޭ ފަރާތްތަކަށް އެހީތެރިވުމަށް އެދޭ ފަރާތްތަކުން އެ އާއިލާއާ ގުޅައިގެން އެހީގެ ކަންކަން ކުރިއަށް ގެންދިއުން އެދެމެވެ. 

33%
ކަމުގޮސްފި
17%
އަޑުއެހިތާ މިހުރީ
43%
ސަތޭކައަކުން ސުމެއް
7%
ވަރަށް ސަލާމް
ކޮމެންޓްސް