ads
ޔަޝައުގެ އަސްލު އުމުރަކީ 25 އަހަރު----
ރާއްޖޭގެ މިފަދަ ފުރަތަމަ ކޭސް: އުފަންވި އަހަރުވެސް 60 އަހަރު!
ޑޮކްޓަރު ވިދާޅުވީ، ޔަޝައު ވިހޭ އިރުވެސް 60 އަހަރު ފުރިފައިވާކަމަށް
ޔަޝައުގެ އެންމެ ބޮޑު ކަންބޮޑުވުމަކީ މުޖުތަމައު ބަލައިނުގަތުން
މިއީ ރާއްޖޭން ނުފެންނަ ބައްޔެއް ކަމަށްވާ ( އުފަންވާ އިރު މުސްކުޅި ވެފައިވާ ބަލި) ތަހައްމަލު ކުރަމުންދާ އުމުރުން 25 އަހަރުުގެ ގއ. ގެމަނަފުށީ/ އަސްރުމާގޭ/ އަހުމަދު ޔަޝައު އެވެ. މޫނުމަތިން 50 އިން މަތީގެ މީހެއްގެ ގޮތްގަނޑު ފެނުނަސް، ޔަޝައުގެ ނަލަނަލަ އިސްތަށިގަނޑާއި، ޒުވާން ހަށިގަނޑުން ކިޔައިދެނީ ތަފާތު ވާހަކައެކެވެ. ނަމަވެސް މިއީ ޔަޝައު ކަންބޮޑުވާކަމެއް ނޫނެވެ. ޔަޝައުގެ އެންމެ ބޮޑު ކަންބޮޑުވުމަކީ މުޖުތަމައުގެ ލޯތަކެވެ. އެމީހުން ދެކޭ ގޮތެވެ. ބަލައި ނުގަނެ ބާކީ ކޮށްލާ ކޮށްލުމެވެ.
Advertisement

އެ ޒުވާނާގެ ވާހަކަ "ސީއެންއެމް" އާއި ހިއްސާކުރަމުން އޭނާގެ މަންމަ ބުނީ، ޔަޝައު އުފަންވީއިރުވެސް ހަށިގަނޑު އުފެދިފަައި ވަނީ ބޮޑު މީހަކާ އެއްގޮތަށް ކަމަށެވެ.

ވިހެެއި އިރު، ތަފާތު ގޮތެއް ހުރި ޔަޝައުގެ ފަރާތުން ފެންނަމުންދިޔަ އަލާމާތް ތަކަކީ ގަބޫލު ކުރަން ދަތި، އަދި ދުލުން ބަޔާން ކުރަން ދަތި ކަންތައްތަކެއް ކަމަށް ޔަޝައުގެ މަންމަ ކިޔައިދިނެވެ. ޔަޝައުގެ މަންމައަށް ހަ ދަރިން ލިބުނު އިރު، ޔަޝައު ލިބުނީ ތިންވަނަ އަށެވެ. ޔަޝައުގެ ފަހުން ލިބުނު ތިން ކުދިންގެ ތެރެއިން މެދަށް ލިބުނު ކުއްޖާ އަކީވެސް ހަމަ މި ބަލި ތަހަންމަލު ކުރާ ކުއްޖެކެވެ. ނަމަވެސް މޫނު މަތިން ތަފާތު ކަމެއް ހުއްޓަސް އެ ކުއްޖާގެ މާބޮޑު ބަލިކަމެއް ނެތެވެ.

"ދަރިފުޅު ކިތަންމެ ބަލިވި ނަމަވެސް އެއީ އަހަރެންގެ ފުރާނަ. އޭނާ އަށް ކަމެއްވާ ދުވަހަކުން އަހަރެން މަރުވެދާނެ. އަހަރެން ދުނިޔޭގަ ވެސް މިހިރީ އޭނަ އަށްޓަކާ. އަހަރެން ވަރަށް ލޯބިވޭ ދަރިފުޅު ދެކެ” މިވާހަކަތައް ހިއްސާކުރަމުން ޔަޝައުގެ މަންމަ ތަކުރާރުކޮށް ބުނަމުންދިޔައީ މިހެންނެވެ.

ބަލި ފުރަތަމަ ދެނެގެނެވުނު ގޮތް

ވިހައިގެން ނެގި އިރު ވެސް އެއީ ތަފާތު ކުއްޖެކެވެ. ފަސް މަސް ވެގެން ދިޔައިރު، ރޯގާ ޖެހުމާއި، އަބަދު ލޮލުން ފެން އައިސްފައި ހުރުމާއި، ހަންގަނޑު އެއްކޮށް ކުރަކިވުން ފަދަ ތަފާތު ކަންކަން ދިޔައީ ޔަޝައުގެ ކިބައިން ފެންނަމުންނެވެ.

ޒަމާނަކީ ރާއްޖެ ތެރޭގައި، ބޭސް ފަރުވާގެ ވަސީލަތްތައް އެހާ ފުޅާ ދުވަސްވަރެއް ނޫން ކަމުން ފުރަތަމަ އެ ރަށުން ބޭސް ފަރުވާ ކުރަމުންދާ ފަރާތެއް ކަމަށްވާ އެންމެންގެ ޑޮކްޓަރު، ޒަރީރުގެ ލަފާގެ މަތިން ދިޔައީ އެ އަތޮޅު ވިލިނގިއްޔަށެވެ. ވިލިނގިލިން މާބޮޑު ފަރުވާއެއް ނުލިބި ދުވަސްތައް ދިގުލައިގެން ގޮސް ޔަޝައު މުޅިން ހިކި، ހަންގަނޑު އެއްކޮށް ހަލާކުވެ، ހަންގަނޑުގައި ރޫ ޖެހެންވެސް ފެށި އެވެ. 

ޑޮކްޓަރުން ވިދާޅުވީ، އެއީ މުސްކުޅި ބަލި ކަމަށް!

އެހާ ހިސާބުން ދެން މަޖުބޫރުވީ ޔަޝައު ގޮވައިގެން މާލެ ދިއުމަށެވެ. ދިރިއުޅުމުގެ ހުރިހާ ކަމެއްހެން ހުއްޓާލުމަށްފަހު ޔަޝައުގެ މަންމަ އާއި ބައްޕަ މާލޭގައި ތިބެން ޖެހުމުގެ ސަބަބުން ލިބިފައިތިބި އެހެން ކުދިންގެ ކިޔަވުމަށާއި، އެހެނިހެން ކަންކަަމަށް ބުރޫ އަރަމުން ދިޔައެވެ. ނަމަވެސް ޔަޝައުއަށް ޓަކައި އެދެމެއިން ވަގުތު ހޭދަ ކުރަމުން ދިޔައީ އާއިލާގެ ފުރިހަމަ އެއްބަރުލުމާއި އޯގާތެރި ކަން ލިބިގެންނެވެ.

" އޭރު މަންމަމެން ކޮއްކޮ ގޮވައިގެން މާލެ ގޮސް ތިބޭނެ ހަ މަސް ހަތް މަސް ވަންދެން. އަހަރެން ކޮށްކޮ ދެކެ ވަރަށް ލޯބިވޭ. ކޮއްކޮ ވެސް އެންމެ ލޯބިވާނީ އަހަރެންދެކެ. އޭނާއަށް ދެރަވާ އެއްވެސް ކަމެއް ވިޔަކަ އަހަރެން ނުދޭނަން. ޔަޝައުގެ ހިމާޔަތުގަ އަބަދުވެސް ވާނަން އަހަރެން. ކޮއްކޮގެ ހިމާޔަތުގަ އަބަދުވެސް އަހަރެން ވާނަން." ޔަޝައުގެ ބޭބެ މުހައްމަދު ގައްސާން ބުންޏެވެ.

ޔަޝައުގެ މައިންބަފައިން ވަނީ އެބަލި ދެނެގަތުމަށް އޭނާގެ އުމުރުން ދެ އަހަރުގައި އެކި މީސް މީހުންގެ ކައިރިން އާދޭސް ކޮށްގެން ލިބުނު އެހީ އާއި އެކު އިންޑިއާ އަށްވެސް ގޮސް ފައެވެ. ޔަޝައުގެ ބަލި ދެނެގަތް ޑޮކްޓަރު ވިދާޅުވި ކަމަށް ޔަޝައުގެ ބޭބެ ބުނީ، އެއީ މުސްކުޅިވާ ބަލި ކަމަށެވެ. އަދި ޔަޝައު ވިހޭ އިރުވެސް 60 އަހަރު ފުރިފައިވާކަމަށް ޑޮކްޓަރު ވިދާޅުވި ކަމަށް އޭނާ ބުންޏެވެ.

އޭރު އިންޑިއާއިން ދެއްކި ޑޮކްޓަރު ވިދާޅުވީ ވެސް އުމުރުން 12 އަހަރުގައި ޔަޝައު މަރުވާނެ ކަމަށެވެ.

”ފުރާނައަކީ އެ ކަލާގެ ގެންދަވަން އަޖަލު ނުޖެހެނީސް ގެންދަވާނެ އެއްޗެއް ނޫން. އޭގެ ހެއްކެއް ޔަޝައު އަކީ. ކޮއްކޮ އަށް މިހާރު 25 އަހަރު އިރާދަކުރެއްވިއްޔާ އެ ހުރީ ދުނިޔޭގައި. އެކަމަށް ހަމްދާއި ޝުކުރުވެސް ކުރަން. އެހެން ނަމަވެސް ޑޮކްޓަރު އެހެން ބުނި ދުވަހު ވަރަށް ދެރަވި.” ގައްސާން ބުންޏެވެ.

your imageއުމުރުން 25 އަހަރުގެ ޔަޝައު---

ނޯޓް: މިއީ ޕްރޮގެރިއާ ކިޔާ ޖެނެޓިކްސް ބައްޔެކެވެ. މި ބަލީގެ ސަބަބުން ކުޑަ ދަރިފުޅުގެ އުމުރުގެ ފުރަތަމަ ދެއަހަރުގައި ވަރަށް އަވަސް މިނެއްގައި ކުއްޖާގެ އުމުރު ދޮށީ ވެގެންދެއެވެ. ނަތީޖާއެއްގެ ގޮތުން ކުއްޖާގެ އުމުރުގެ ވަރަށް ޅައިރުވެސް މޫނުމަތިން ދުވަސްވެފައިވާ ކަމުގެ އަސަރުތައް ފާޅުވެއެވެ. މިއީ ރާއްޖޭގައި ނުފެންނަ ބައްޔެއް ނަމަވެސް ދުނިޔޭގެ އެހެން ހިސާބުތަކުގައި މަދުން ނަމަވެސް ފެންނަ ބައްޔެކެވެ. އާއްމުކޮށް މިފަދަ ކުއްޖަކު ދިރިހުންނަކަމަށް ޑޮކްޓަރުން ލަފާކުރަނީ އުމުރުން 13 އަހަރާއި 15 އަހާރާއި ދެމެދުގެ މުއްދަތަކަށެވެ. ނަމަވެސް އެއަށްވުރެ ގިނަ ދުވަހު ދުނިޔޭގައި މިފަދަ ކުދިން ދިރިއުޅެފައި އެބަހުއްޓެވެ. މިވަގުތު ދުނިޔޭގައި ހުރި މިފަދަ އެންމެ ގިނަ ދުވަސްވީ ކުއްޖާގެ އުމުރަކީ 43 އަހަރެވެ.

ޔަޝައު ގެ ދުލުން: މުޖުތަމައު ބަލައި ނުގަތް، އަހަރެންގެ ކުށަކީ ކޮބާ؟

އުމުރުން 25 އަހަރުގެ ޔަޝައު "ސީއެންއެމް' އަށް އޭނާގެ ވާހަކަތައް ކިޔައިދެމުން ބުނި ގޮތުގަައި، އޭނާ ހަނދާން ހުންނަން ފެށީންސުރެ، އޭނާ ފެނުނީމަ ކުދިން ބިރު ގަނެއެވެ. އަދި ކިޔެވުމުގެ މާހައުލުން ދުރަށްދާން ޖެހުނީ ސްކޫލް ތެރޭގައި، ވެސް އޭނާ ބުލީގެ ޝިކާރަ އަކަށް ހަދައި ފުރައްސާރައާއި މަލާމާތް ރައްދު ކުރުމުންނެވެ. 

މި ކަންކަމާއި ހުރެ ޔަޝައުއަށް ކިޔެވުނީ ގްރޭޑް ހަޔަކާ ހަމަޔަށެވެ. އިތުރަށް ކިޔަވާނެހާ ހިތްވަރު ނެތުމުން އެހާ ހިސާބުން ކިޔެވުން ދޫކޮށްލިނަމަވެސް ޔަޝައު އަކީ އިގިރޭސި ބަހާއި ދިވެހި ބަހަށް ފަރިތަ ކުއްޖެކެވެ.

ނަމަވެސް ޔަޝައުއަށް އަދިވެސް ދިމާވާ އެންމެ ބޮޑު ގޮންޖެހުމަކީ މުޖުތަމައު ތެރެއިން އޭނާ ބަލައިގަންނަ މީހުން މަދު ވުމެވެ. އޭގެ ސަބަބުން އޭނާ ވަނީ ދިރި އުޅުމުގެ އެތައް ކަމަކުން މަހުރޫމް ވެފައެވެ. އާންމު މީހެއްގެ ގޮތުގައި ދިރިއުޅުމަށް ކިތަންމެ ބޭނުންވި ނަމަވެސް އަޅާ ކޮންމެ ފިޔަވަޅަކާއި އެކު ފަހަަތަށް ކޮށްޕާލަނީ މިޖުތަމައުއެވެ. މީހުންގެ ބެލުންތަކާއި، ފުރައްސާރަ ތަކެވެ. މުޖުތަމައުގެ ވިސްނުމެވެ. 

އެންމެ ކުޑައިރުން ފެށިގެންވެސް މިކަންކަން ތަހަންމަލު ކުރަމުންދާ ޔަޝައު މިހާރު ވަނީ އެކަންކަމަށް ހޭނިފައެވެ. “އަގްލީ ބޯއި”ގެ ނަމުން ޚުދު އޭނާ އަމިއްލައަށްވެސް ނަފްސާ މުހާތަބު ކުރެއެވެ. 

your image“އަގްލީ ބޯއި” ނަމުން ޚުދު އޭނާ އަމިއްލައަށްވެސް ނަފްސާ މުހާތަބު ކުރޭ--

ވަޒީފާ އަށް ކުރިމަތިލީމަ ބުނަނީ "ނޯ"!

ކިތަންމެ ތަފާތަސް، ޔަޝައު ވެސް ދިރި އުޅުމަށް މަސައްކަތް ކުރަން ބޭނުން ވެއެވެ. އަމިއްލަ ފައިމައްޗަށް ތެދުވެ، އަމިއްލައަށް ލިބޭ އެއްޗަކުން އަމިއްލަ ޖީބުން ލޯބިވާ މަންމަ އާއި ބައްޕައަށް މީރު ކާތަކެއްޗާއި ރީތި ހެދުން ހޯދަން ބޭނުން ވެއެވެ.

އޭނާ ކުޑަ އިރު، އޭނާ އަށްޓަކާ މަންމަވީ ގުރުބާނީގެ އަގު ވަޒަން ކުރަން ބޭނުން ވެއެވެ. ނަމަވެސް އޭނާގެ ތަފާތުކަން މުޖުތަމައު ބަލައި ނުގަންނާތީ ވަޒީފާ އެއް ހޯދަން ވަރަށް އުނދަގުލެވެ. ކޮންމެ ތަނަކުން ވެސް "ނޯ" އޭ ބުނެ އޭނާ ފޮނުވާލަނީއެވެ. 

"މިހާރު ކޮންމެ ވަޒީފާއެއްވެސް ދެނީ ސިޔާސީ މީހުންނަށް. އަހަންނަށް ވަޒީފާ ހޯދައިދޭން އެ ވަރަށް މަސައްކަތް ކޮށްދޭނެ މީހެއްވެސް ނެތް . އެންމެ ފަހުން ކުރިމަތިލި ވަޒީފާގެ އިންޓަވިއުގައިވެސް ހަމަ ސީދާ ނޯ ބުނެފައި ފޮނުވާލީ”ބުންޏެވެ.
"ވަރަށް މަސައްކަތް ކޮށްފިން ފުލެޓެއް ހޯދަން އެކަމަކު ނުލިބުނު. ޖޮބެއް ހޯދަން އުޅުނީމަ ނުލިބުނު. މީހުން ބަލައި ގަންނަ މީހަކަށްވާން އުޅެފިން. އެކަމެއް ނުވި. ބުލީ ނުކުރޭތޯ ވަރަށް ޓްރައި ކޮށްފިން . އެކަމެއް ނުވި. ވަރަށް ގިނަ މަސައްކަތް ކޮށްފިން ލައިފް ކުރިއަށް ގެންދަން . އެކަމެއް ނުވި." ޔަޝައު އިތުރަށް ވާހަކަދައްކަމުން ބުންޏެވެ.

ޔަޝައުގެ ބައްޕަ އާއިލާގެ, ދެބެންގެ ދެދަރި މީހެއްގެ މިހާރުވެސް އެފަދަ ކުއްޖެއް އެބަހުއްޓެވެ. މިއީ ރާއްޖެއިން އާއްމުކޮށް ނުފެންނަ ބައްޔެއް ނަމަވެސް މިއީ އެ ބަލި ތަހަންމަލު ކުރާ މީހުން މުޖުތަމައުއިން ބާކީ ކޮށްލަންވީ ސަބަބެއް ނޫނެވެ. 

މި އެޑިޝަނުގައި ޔަޝައުގެ ވާހަކަ އަޅުގަނޑު ލިޔެލަން ގަސްތުކުރި އިރު ވެސް ހުރެވުނީ ދެ ހިޔާލެއްގަ އެވެ. ސަބަބަކީ މިއީ ޔަޝައުގެ އިހުތިޔާރެއް ނެތި އޭނާ ތަހަންމަލު ކުރަމުންދާ ތަފާތު ބައްޔެއް ނަމަވެސް، އާއްމުންނާއި ހަމަޔަށް ތިލަވުމުން ބައެއް ފަހަރު އެފަދަ ފަރާތްތަކަށް ހިތްވަރު ދިނުމުގެ ބަދަލުގައި ނިކަމެތިކޮށް ބަދުބަސް ބުނެ ބުލީ ކުރުމަކީ ވެސް އާއްމުކަމެއް ކަމަށް ވާތީ އެވެ.

"މިވާހަކަަތައް ކިޔައިދިނުމުން ވަކި ވާނެ ފައިދާއެއް އޮންނާނެތޯ. އަޅުގަނޑު ބަލައިގެންފާނެތޯ." މި އާޓިކަލްއަށް މައުލޫމާތު ހޯދާލަން ޔަޝައު އާއި ވާހަކަދައްކާލުމުން އޭނާ ފުރަތަމަވެސް އެހީ މި ސުވާލުތަކެެވެ. އާޓިކަލަށް މައުލޫމާތު ދިނުމަށްފަހުވެސް ދެވަނަ ހިޔާލަކަށް ދިޔައެވެ. ނަމަވެސް ޔަޝައުގެ ހިތްވަރާއި ކެރުންތެރިކަމަށް އަޅުގަނޑު ހަމަ ހައިރާންވިއެވެ. އައްސަރިބަހާއި ސަބާހެވެ. މުޖުތަމައުގައި އުޅޭ މިފަދަ އެތައް ބަޔަކު ބަލައިގަތުމުގެ އުންމީދުގައި އާއްމުން ހޭލުންތެރިކުރުމުގެ މާތް މަގުސަދު ހިތުގައި ބާއްވައިގެން އޭނާގެ މިވާހަކަތައް އާއްމުންނާއި ހަމަޔަށް ތިލަކޮށްލުމަށް ހިތްވަރާއިއެކު އާނއެކޭ ބުންޏެވެ.

ޔަޝައުގެ އެދުމަކީ އޭނާގެ ތަފާތު ކަމާއިއެކު ވެސް ބަލައިގަތުމެވެ. އާއްމު މީހެއް ފަދައިން މުޖުތަމައުގައި އުޅުމުގެ ފުރުސަތު ދިނުމެވެ. ތަފާތު ކަމުގެ ސަބަބުން އަމިއްލަ ފައިމައްޗަށް ތެދުވާން ހުރަސް ނާޅައި، އެ ފުރުސަތު ދިނުމެވެ. 

79%
ކަމުގޮސްފި
5%
އަޑުއެހިތާ މިހުރީ
13%
ސަތޭކައަކުން ސުމެއް
3%
ވަރަށް ސަލާމް
ކޮމެންޓްސް