ads
ގއ. ގެމަނަފުށީގެ، އަތޮޅަށް ހާއްސަ ބޮނޑު މާހެފުމަށް ތައްޔާރު ވުމުގެ ތެރެއިން: ފޮޓޯ/ ގެމަނަފުށީ ކައުންސިލް
މުޅި ހުވަދު އަތޮޅަށް ހާއްސަ މާހެފުމެއް ގެމަނަފުށީގައި ބާއްވަނީ
ގއ. ގެމަނަފުށީ ކައުންސިލާއި، ޒުވާނުންނާއި، އެ ރަށުގެ ހުރިހާ މުއައްސަސާ އެއް ގުޅިގެން ގެމަނަފުށީގައި މުޅި ހުވަދޫ އަތޮޅަށް ހާއްސަ މާހެފުމެއް ބާއްވަން ނިންމާފައިވާ ކަމަށް އެ ރަށު ކައުންސިލުން ބުނެފި އެވެ.

ގެމަނަފުށީ ކައުންސިލްގެ ރައީސް އިބްރާހިމް ނާޝިދު "ސީއެންއެމް' އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ މި ފެށޭ 1443 ވަނަ އަހަރު ރަމަޟާން މަހާ ދިމާކޮށް މުޅި އަތޮޅަށް ހާއްސަ މާހެފުމެއް އެ ރަށުގައި ބާއްވަން ނިންމާފައިވާ ކަމަށެވެ.

އެ މާހެފުން ކުރިއަށްދާނީ އޭޕްރީލް މަހުގެ އެކެއްވާ ހުކުރުދުވަހުގެ އަސުރު ނަމާދަށްފަހު އެ ރަށު ބަނދަރު ސަރަހައްދުގައި ކަމަށްވެސް ނާޝިދު ވިދާޅު ވިއެވެ. އަދި އެފަދަ ބޮޑު މާހެފުމެއް ބޭއްވުމުގެ މައިގަނޑު މަގުސަދަކީ އަތޮޅުގެ ހުރިހާ ރައްޔިތުންނާއި، އަދި ދާއިރާގެ އެންމެންނާއިއެކު އެއްމޭޒެއްގެ ދޮށުން ބައްދަލުވެ އެކުވެރިކަން ދެމެހެއްޓުމުގެ މަގުސަދުގައި ކަމަށްވެސް ނާޝިދު ވިދާޅުވިއެވެ.

"މިމާހެފުމަކީ ރަށު ކައުންސިލާއި ޒުވާނުންނާއި ރަށުގެ ހުރިހާ މުއައްސަސާ އެއް ގުޅިގެން އިންތިޒާމް ކުރެވިފައިވާ މާހެފުމެއް. މިހާރުވަނީ ދާއިރާގެ ކައުންސިލްތަކަށާއި އަތޮޅު ކައުންސިލަށް ދައުވަތުވެސް އަރުވާފަ." ނާޝިދު ވިދާޅުވިއެވެ.

މީގެ އިތުރުން ނާޝިދު ވިދާޅުވީ، މާހެފުން ބާއްވަން ވާންޖެހޭ ތައްޔާރީގެ ބޮޑު ބައެއް މިހާރު ނިމިފައި ވާކަމަށެވެ. 

އެ މާހެފުމާއި ބެހޭގޮތުން އިތުރު މައުލޫމާތު ސާފްކޮށްލުމަށް މާހެފުން އިންތިޒާމް ކުރާ ޒުވާނުންގެ ގުރޫޕްގެ އެންމެ އިސްފަރާތެއް ކަމަށްވާ ކަނޑުރޯޅި ދޯނީގެ ކެޕްޓަން އަހުމަދު ޝަމްރީޒު އަށް ގުޅާލުމުން އޭނާ ބުނީ މި މާހެފުމަކީ މީގެ ދެ އަހަރެއްހާ ދުވަސް ކުރިން ފެށިގެން ޒުވާނުންގެ މެދުގައި މަޝްވަރާ ކުރެވި އިންތިޒާމް ކޮށްފައިވާ މާހެފުމެއް ކަމަށެވެ. 

your imageގއ. ގެމަނަފުށީގައި ބާއްވާ ބޮނޑު މާހެފުމަށް ތައްޔާރުވުމަށް ޒުވާނުން އަވަދި ނެތި: ފޮޓޯ/ ގެމަނަފުށީ ކައުންސިލް

"އޭރު ވިސްނީ ރަށުގެ ރައްޔިތުންނަށް މާހެފުމެއްދޭން. އެހެން ނަމަވެސް ކޮވިޑްގެ ކަންތަކާ ހެދި އެކަން ނުވެ ދިޔައީ. އެންމެންގެ މެދުގަ މަޝްވަރާ ކުރުމަށްފަހު މުޅި އަތޮޅަށް ހާއްސަ ކުރީ. މއީ ގެމަނަފުށި ދާއިރާ އާއި ގއ. އަދި ގދ. ހުރިހާ ރައްޔިތުންނަށް ބައިވެރިވެވޭނެ އިވެންޓެއް. ބޭނުމަކީ އެންމެން އެއްތަނަކުން ދިމާވެ އެކުވެރިކަން ގާއިމް ކުރުން،"ޝަމްރީޒު ބުންޏެވެ. 

ޒުވާނުންނާއި މުއައްސަސާ ތަކާއި، ކައުންސިލުން މި މާފެހުމަށް ކަންކަން އިންތިޒާމް ކޮށްފައިވާއިރު، ރަށުގެ އެއްވެސް ރައްޔިތަކު މާހެފުމަށް ހަރަދު ކުރަން ނުޖެހޭނެ ކަމަށާއި، އެކަންތައް ކުރަން ރަށުގެ ޖަމިއްޔާ ތަކާއި، ކައުންސިލާއި، މަސްދޯނި ތަކުން ބަޖެޓް ހަމަޖައްސާފައިވާ ކަމަށް އޭނާ ބުންޏެވެ. އަދި މާހެފުމަށް ބޭނުންވާ ތަފާތު ކާނާގެ ބާވައްތައް އެ މުވައްސަސާ ތަކުން ހަމަޖައްސާނެ ކަމަށްވެސް ޝަމްރީޒް ވަނީ ބުނެފައެވެ. 

އެހެން ނަމަވެސް ޝަމްރީޒު ބުނީ "ރައްޔިތުންގެ މެދުގައި ފޯރި ހިފާފައިވާ މިންވަރަކީ ކޮންމެ މީހަކުވެސް ގުޅާފައި އެބަ ބުނޭ ތިމަންނާ ތައްޔާރު ކުރާނީ ކޯއްޗެއްހޭ. އެވަރަށް ފޯރި އެބަހުރި ބަނދަރު ސަރައްހައްދު ތައްޔާރު ކުރުމަށްވެސް އެންމެން އެކައްޗެއް ކިޔާ ނުކުމެ ތައްޔާރު ކުރަމުން މިދަނީ،" އޭނާ ބުންޏެވެ.

your imageގއ. ގެމަނަފުށީގައި ބާއްވާ ބޮނޑު މާހެފުމަށް ތައްޔާރުވުމަށް ޒުވާނުން އަވަދި ނެތި: ފޮޓޯ/ ގެމަނަފުށީ ކައުންސިލް

މި މާހެފުން ކުރިއަށްދާނީ ހުކުރު ދުވަހު އަސުރު ނަމާދަށްފަހު ގެމަނަފުށީ ބަނދަރު ސަރަހައްދުގައި ކަމަށާއި، ކުރީގެ މާހެފުން ތަކުގައި ބޭނުންކުރާ ދިވެހިންގެ އިހުގެ ކެއުންތައްވެސް ހިމެނޭނެ ކަމަށް ޝަމްރީޒު ބުނެވެ. އޭގެ އިތުރުން ޒަމާނީ ބައެއް ކާ ތަކެއްޗާއެކު، ބާބެކިއުއެއްވެސް އެސަރަހައްދުން ކުރިއަށްދާނެ ކަމަށްވެސް ޝަމްރީޒު ބުނެއެވެ.

"ޒުވާނުންގެ ގުރޫޕުން ބާބެކިއު އަށް މަސްވެސްހިފައިފި. 700 ފަރުމަސް ހިފިއްޖެ. ރަތް މަހާ ގިޔޮޅާއި، ފާނަ އާއި، ހަނދި، ކިރުޅިޔަ މަހުގެ އިތުރުން ތަފާތު ވައްތަރުގެ މަސްތައް އެބަހުރި." ޝަމްރީޒު ބުންޏެވެ.

ފޯރިއާއެކު ރަށުގެ އެންމެން އެއްރޫހެއްގަ ހުކުރު ދުވަހަށް ތައްޔާރު ވަމުންދާ ކަމަށާއި، މާދަމާ އަކީ މަސައްކަތަށް އޮތް އެންމެ ފަހު ދުވަސް ކަމަށާއި، މިހާރު ދަނީ ހުރިހާ ތައްޔާރީތައް ނިންމުމުގެ މަސައްކަތް ކަމަށް ޝަމްރީޒު ބުންޏެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް