އެ ދުވަހަށް ފަހު ލޯބި ލޯބި ، އާނިސްގެ މައިންބަފައިން ދަނީ ދުނިޔެއަކީ އުފާވެރި ތަނަކަށް އާނިސް އަށް ހެދުމަށް ގުރުބާން ވަމުންނެވެ.
ލ. މައިބާއިދޫ ކަނީރުވިލާ ހާމިދު ރަޝީދާއި އޭނާގެ އަނބިމީހާ ތ. މަޑިފުށި ހީނާމާގެ ޝަހީމާ ނައީމް 2008 ވަނަ އަހަރު ޒަވާޖީ ހަޔާތެއް ފެށިއެވެ. ދެމީހުންވެސް ދެކެމުން ދިޔަ ފޮނި އުއްމީދުގައި ކުލަ ޖެހުނީ 2010 ވަނަ އަހަރުގައި އެދެމީހުންނަށް ލިބުނު ފުރަތަމަ ދަރިފުޅާ އެކުގައެވެ.
ލިބުނު ފުރަތަމަ ދަރިފުޅާއެކު އާއިލާ އުފާވެރި ދުވަސްތަކުގައި ހޭދަ ކުރަމުން ދަނިކޮށް ދެވަނަ ދަރިކަށް ޒަހީމާ ބަނޑުބޮޑު ވިއެވެ. އެއީ ފިރިހެން ކުއްޖެއްކަން އެނގުނު ހިސާބުން އެ އުފާވެރިކަން އިތުރަށް ހާއްސަވެ އެދެމެފިރިންނަށް އެތައް ގުނަޔަކުން ހިތްހަމަ ޖެހުން ލިބިގެން ދިޔައެވެ.
ފިރިހެން ދަރިއެއްގެ އުއްމީދުގައި، އުފާވެރި ހަބަރަކަށް އިންތިޒާރު ކޮށްކޮށް ހުރި ހާމިދުގެ އަނބިމީހާ ނުވަމަހާއި ދިހަ ދުވަސް ފުރުވާ ވިހެެއީ ފިރިހެން ކުއްޖެކެވެ. އެއީ ޔޫސުފް އާނިސް ހާމިދެވެ. އެދަރިފުޅު ދުނިޔެއަށް އައި ވަގުތަކީ ހާމިދުގެ ހަޔާތަށް ބަހާރު މޫސުމެއް އައިކަމުގެ އިހުސާސް އޭނާއަށް ކުރެވުނު ވަގުތެއް ކަމަށް ހާމިދު ބުންޏެވެ.
ނަމަވެސް އެންމެ ފަޅި ސިކުންތެއްގެ ތެރޭގައި އެ އުފާވެރި ވަގުތު ކަރުނަޔަށް ބަދަލުވާން މަޖުބޫރު ކުރުވި ކަމަށާއި، ގަބޫލު ކުރަން ބޭނުން ނުވިޔަސް ދިމާވި ހިތްދަތި މަންޒަރުން ހާމިދު ހުއްޓުން އެރި ކަމަށް ހާމިދު ބުންޏެވެ. އޭނާއަށް އިހްސާސްވީ ބަޔާން ކުރަން ވެސް ނޭނގޭ ފަދަ ހިތްދަތި ކަމެއް ކަމަށާއި، އެ ހިތްދަތި ކަމުން އަރައިގަނެވޭނެ ކަމަކަށް ހީވެސް ނުކުރެވުނު ކަމަށް ހާމިދު ބުންޏެވެ.
"އަނބިމީހާ ބަނޑަށް ދުވަސް ފުރުވާ ހޮސްޕިޓަލުގައި ވިހައި ނިންމުމަށް ފަހު ނަރުސް ކުއްޖާ އަހަރެން އެތެރެއަށް ވެއްދި. ފެނުނު ފުރަތަމަ މަންޒަރުން ވެސް ހުއްޓުން އެރި ދަރިފުޅުގެ ބޯ ވަރަށް ބޮޑު. މޫނުގެ ކަށިތައް ހުރީ އެތެރެއަށް ވަދެފަ. ލޯވެސް ހުރީ ބޭރަށް ނުކުމެފަ" ހާމިދު ބުންޏެވެ.
ލިބުނު ޝޮކާއި ލިބުނު ހިތާމައިގެ ސަބަބުން ހަޔާތުގެ ކޮންމެ ވަގުތަކާއި، ކޮންމެ ސިކުންތެއް ކެތްތެރިކަން އިސްކުރުންނޫން ގޮތެއް ނެތްކަމަށް ހާމިދަށް އިހްސާސް ކުރެވުނެވެ.
"އަތާއި ފައިގެ އިނގިލިތައް ހުރީ ތަތްވެފަ. ސިކުނޑީގައި ވަނީ ފެން ވެސް އުފެދިފަ،" ޑޮކުޓަރާ ހަވާލާދީ އިތުރަށް ހާމިދު ބުންޏެވެ.
ހާމިދު ބުނީ އާނިސްގެ ފަރުވާއަށް އާއިލާ މެމްބަރުންގެ ވަކިލާރި ފުޅިތައް ވެސް ހުސްކޮށް އާނިސްގެ ފަރުވާއަށް އެންމެން އެހީވި ކަމަށެވެ.
ތުއްތު އުމުރުގައި އޮޕަރޭޝަން ނުކޮށްފިނަމަ ލޮލުގެ ފެނުން ގެއްލިދާނެ ކަމުގެ ނުރައްކާތެރިކަން އޮތްކަމަށް ޑޮކްޓަރު ވިދާޅުވުމުން އެ އޮޕަރޭޝަން ކޮށް ހައްލު ހޯދައިފި ކަމަށް ހާމިދު ބުންޏެވެ.
މިހާރު އާނިސްގެ އުމުރުން ނުވަ އަހަރެވެ. ތައުލީމު ދިނުމަށް މަދަރުސާއަށް ފޮނުވަން ފެށި ނަމަވެސް އާނިސް އަކަށް ވާހަކައެއް ނުދެއްކެއެވެ. އޯޓިސްޓިކް އާނިސްގެ އުޅުން ހުންނަ ގޮތުން މީހުން ބަލާ ބެލުމާއި ދެކޭ ގޮތުން ހިތަށް އަސަރު ކުރާ ކަށާއި، އިވޭ ބަސްތަކުން ހިތް ފަޅައިގެންދާ ކަމަށް ހާމިދު ބުނެއެވެ.
"އާނިސް އަކަށް ނޭނގެ ކުއްޖަކު އޭނައަށް ކޮންމެފަދަ ކަމެއް ކުރިޔަސް ބުނެދޭކަށްވެސް. ވާހަކަ ނުދެއްކޭ. ބެންކޮކް ހޮސްޕިޓަލަށް ދެއްކީމަ އެކޮޅުން ބުނި އެއްކޮށް ރަނގަޅުވާނެޔޭ،" ހާމިދު ބުންޏެވެ.
ދުނިޔެއަށް އުފަންވި އިރު ހުރި، ގިނަ މައްސަލަތަކަކާއެކު އާނިސްގެ އެކި ގުނަވަންތަކުގެ 11 އޮޕަރޭޝަނެއް މިހާރު ކުރެވިއްޖެ ކަމަށާއި، މިހާރު ރާއްޖެއިން ބޭރަށްދާން މި އުޅެނީ އާނިސް ނޭފަތު ކަށިގަނޑުގެ އޮޕަރޭޝަން ކުރުމަށް ކަމަށް ބުނެއެވެ.
އެ ގޮތަށް ކުއްޖާ ގޮވައިގެން ރާއްޖޭން ބޭރަށްދާ ކޮންމެ ފަހަރަކު، އެތައް ބައެއްގެ އެހީތެރިކަން ލިބޭ ކަމަށް ވެސް ހާމިދު ފާހަގަ ކުރިއެވެ.
މިވަގުތު ވެސް އެ ދެމެފިރިން ދަނީ އާނިސްގެ އިތުރު އޮޕަރޭޝަނަކަށް ތައްޔާރު ވަމުންނެވެ. ނޭފަތުގެ ކަށިގަނޑުގެ އެ އޮޕަރޭޝަނަށް 1.5 މިލިއަން ރުފިޔާ އަރާނެ ކަމަށް ބެލެވޭ ކަމަށާއި، އެ އާއިލާއިން އެދެނީ ވީހާވެސް ގިނަ ބޭފުޅުންގެ ހެޔޮ ދުއާއާއި ދީލަތި އެހީއެއް ލިބުން ކަމަށް ހާމިދު ބުންޏެވެ.
އާނިސް ނޭފަތުގެ ކަށިގަނޑު ލެއްވުމުގެ އޮޕަރޭޝަން ކާމިޔާބު ކަމާއެކު ކުރެވޭނެ ކަމަށް ހާމިދު ބުނީ ބެންކޮކް ހޮސްޕިޓަލުންނެވެ.
އިތުރު މައލޫމާތު ހޯދުމަށް ގުޅޭނެ ނަންބަރު: 7700415 / 7961612
ބީއެމްއެލް ދިވެހި ރުފިޔާ އެކައުންޓް ނަމްބަރު: ( ހާމިދު ރަޝީދު) 7703229160101
ބީއެމްއެލް ޑޮލަރު އެކައުންޓް ނަމްބަރު: ( ހާމިދު ރަޝީދު) 7713229160101
އެހީ ތެރިކަން ދެވެން ނެތް ފަރާތްތަކުން އާނިސް އަށް ހެޔޮ ދުއާ ކޮށްދިނުމަށް އައިލާން އެދެއެވެ.
ނޯޓް: ސީއެންއެމް އެހީ މި ސެގްމަންޓްގެ ދަށުން ގެނެސްދެވޭ ފަރާތްތަކަށް އެހީތެރިވުމަށް އެދޭ ފަރާތްތަކުން އެ އާއިލާއާ ގުޅުއްވައިގެން އެހީގެ ކަންކަން ކުރިއަށް ގެންދެވުން އެދެމެވެ.