ads
މުހައްމަދު ޖާމިއު...
ނެތް ބައްޔަކަށް އައިޖީއެމްއެޗުން 3 އޮޕަރޭޝަން ކުރުވި، ހާލަތު ދަނީ ގޯސްވަމުން!
ބަލިވެ އޭނާ އުޅެން ފެށީ މީގެ 15 އަހަރު ކުރިންނެވެ. ބައްޔަށް ކެތްނުވެ އައިޖީއެމްއެޗަށް ދެއްކި ހިސާބުން ޑޮކްޓަރު ނިންމީ އޭނާ އަކީ އާތުރައިޓްސް ބަލި ތަހައްމަލު ކުރަމުންދާ ޕޭޝަންޓެއް ކަމަށެވެ. އެދުވަހަށްފަހު ޑޮކްޓަރުގެ ލަފާގެ މަތިން ބޭސް ބޭނުން ކުރަމުން ދިޔަ އިރުވެސް ބައްޔަށް މާ ބޮޑު ލުޔެއް ނުލިބެވެ.
Advertisement
"ބަލިވީމާ ދައްކަން ޖެހޭނީ ޑޮކްޓަރުންނަށް ކަމުން ފުރަތަމަވެސް ދެއްކީ އައިޖީއެމްއެޗްގެ ޑޮކްޓަރު، ޑޮކްޓަރު ޝާން އަށް. ޝާން ވިދާޅުވީ މައިބަދައިގެ ޑިސްކަށް ޖެހިފަ ހުރި މައްސަލައެކޭ ހުރީ. އެގޮތުން އެކިފަހަރުމަތިން ތިން އޮޕަރޭޝަނެއް ކުރި. ދެން ރަނގަޅު ނުވެ ދުވަސްވާތީ ޑރ. މުރުޝިދަށް ދެއްކީ ޓެސްޓުތަކާއި އެހެނިހެން ގޮތްގޮތަށް ބެލުމަށްފަހު ނިންމީ އަޅުގަނޑުގެ ބައްޔަކީ އާތުރައިޓްސް ކަމަށް. އެދުވަހަށްފަހު އެބައްޔަށް ފަރުވާ ކުރަމުން އައީ." ތ. ތިމަރަފުށީ ނަޒީހާ މަންޒިލް މުހައްމަދު ޖާމިއު އޭނާގެ ބަލީގެ ވާހަކަ ސީއެންއެމްއާ ހިއްސާ ކުރަމުން ފަށައިގަތީ މިހެންނެވެ.

އުމުރުން 14 އަހަރުގެ ދަރިއަކާއި، ހަތަރު އަހަރުގެ ދަރިއެއް ހުރި 43 އަހަރުގެ ޖާމިއު ވަޒީފާ އަދާކުރަމުންދަނީ ތިމަރަފުށީ ކޯޓްގެ ސެކިއުރިޓީ އޮފިސަރެއްގެ ވަޒީފާގަ އެވެ. 

އެހެންނަމަވެސް އޮތް ހިތްދަތި ކަމާއި ވޭނަކީ، ބަލިވެ ޑޮކުޓަރަަށް ދެއްކި ހިސާބުން ޑޮކްޓަރުގެ ލަފާގެ މަތިން އައިޖީއެމްއެޗުން ކުރެވުނު ތިން އޮޕަރޭޝަނަކީ ނެތް ބައްޔަކަށް ހަށިގަނޑަށް ދެވުނު އަނިޔާއެއް ކަމަށްވާތީ ކަމަށް އޭނާ ބުންޏެވެ. އޭގެ ސަބަބުން މީހާ އިތުރު ބައްޔަކަށް ހުށައެޅި ލިބޭ މަދު ލާރިކޮޅުން އަނބިމީހާއި ދަރިންގެ ކަންކަން ބަލަމުން، ރާއްޖޭން ބޭރަށް ޑޮކްޓަރަށް ދައްކަން ނުކުޅެދިފައިވާ ކަމަށް އޭނާ ބުންޏެވެ.

"މިހާރު ނުވެސް ހިގޭ. ކިރިޔާވެސް ހިގެނީ 20 ނޫނީ 30 ފޫޓަށް. ބައެއްފަހަރު 50 ފޫޓަށްވެސް ދެވޭ. ދެލޯވެސް މިހާރު ފުސްވަނީ. ދެ އަތުގެ ބޭނުމެއްވެސް ނުކުރެވޭ. އެހެންވެ މިއުޅެނީ ރާއްޖޭން ބޭރަށް ނުދެވިގެން. ބަލި އެއްވެސް ގޮތަކަށް ރަނގަޅުނުވެ ދުވަސް ދިގުލައިގެން ގޮސް އެންމެ ފަހުން އައިޖީއެމްއެޗް އިން އެދިގެން އިންޑިއާ އަށް ދެފަހަރު ދެވިއްޖެ. އެގޮތަށް ދެވުނީމަ އެނގުނީ އާތުރައިޓްސް ބައްޔެއް ނޫންކަން ހުރީ. އިންޑިއާއިން ދެއްކި ޑޮކްޓަރު ވިދާޅުވީ ކަރުންމަތީގެ ތިން ޑިސްކު މައްސަލަ ޖެހިފައޭ ހުރީ. އެކޮޅުން ބޭނުންވި އޮޕަރޭޝަން ކުރަން. އެހެން ނަމަވެސް ހިތުގެ މައްސަލަ އެއްވެސް ހުންނާތީ ހިތުގެ ވިންދު ދަށްވާތީ އޮޕަރޭޝަން ނުކުރެވުނު އެކޮޅުން. ދެން ފައިސާގެ ދަތި ކަމާ އެކުގަ ރާއްޖެ އައީ" ޖާމިއު ބުންޏެވެ. 

ދެން ދިޔައީ ރަށަށެވެ. ރަށަށް ގޮސް ހުއްޓާ ނޭވާ ހާސްވެ އަސްވިވާގޮތްވާން އަނެއްކާވެސް ފެށުމުން، ދެން ދެއްކީ އޭޑީކޭގެ ރިއުމެޓޮލަޖިސްޓަކަށެވެ. އެ ޑޮކްޓަރު ވިދާޅުވި ކަމަށް ޖާމިއު ބުނީ އާތްރައިޓްސް ބަލި ޖާމިއު ގައިގައި ނެތްކަމަށާއި، އޭޑީކޭން ހެދި އެމްއާރްއޭ ދައްކަމުން، ކަރުންމަތީގެ ތިން ޑިސްކު މައްސަލަ ޖެހިފަ ހުރި ވާހަކަ ވިދާޅުވި ކަމަށެވެ. އަދި ނާރުގެ ޑޮކްޓަރަކަށް ދެއްކުމަށް އޭނާ ލަފާ ދެއްވި ކަމަށް ޖާމިއު ބުންޏެވެ. 

އެއަށްފަހު އޭޑީކޭގެ ޑޮކްޓަރު ލަފާދެއްވީ އައިޖީއެމްއެޗުގެ ނާރުގެ ޑޮކްޓަރު ޕްރަދީޕް އަށް ދެއްކުމަށެވެ. އެލަފާގެ މަތިން ޖާމިއު އައިޖީއެމްއެޗަށް ގޮސް އެ އެ ޑޮކްޓަރަށް ދެއްކިއެވެ. ޑރ. ޕްރަދީޕް ވިދާޅުވީ، ވީހާވެސް އަވަހަކަށް އޮޕްރޭޝަން ކުރުމަށް އިންޑިއާއަށް ދާންޖެހޭ ކަމަށެވެ. އަދި މީގެ ކުރިން އައިޖީއެމްއެޗުން ކޮށްފައިވާ ތިން އޮޕަރޭޝަން އަކީވެސް ރަނގަޅު އޮޕަރޭޝަން އެއް ނޫން ކަމަށާއި އޭގެ ސަބަބުން މައިބަދައިގެ ފަސް ތަނަކަށް ގެއްލުން ލިބިފައި ހުރި ކަމަށް ޑޮކްޓަރު ވިދާޅުވި ކަމަށް ޖާމިއު ބުންޏެވެ. 

"އައިޖީއެމްއެޗުގެ ނާރުގެ އޮޕަރޭޝަން ޑޮކްޓަރު އަޅުގަނޑު ކައިރީ ވިދާޅުވީ އަޅުގަނޑު ދާން ޖެހެނީ އިންޑިއާގެ ޗެއްނާއީގައި ހުންނަ މިއޮޓް ހޮސްޕިޓަލަށް ކަމަށް. އަދި ތިމަންނާ ދާނަމޭ އަދި ކައިރީގައި ވެސް ހުންނާނަމޭ އޮޕަރޭޝަން ނިމެންދެން" ޖާމިއު ވިދާޅުވި އެވެ.

މިހާރު މަސައްކަތް ކުރަނީ ރަމަޟާން މަސް ނިމުމަށްފަހު އިންޑިއާއަށް ދިއުމަށް ކަމަށާއި، އޮޕަރޭޝަނުގެ ފަރުވާ އަށް ބޭނުންވާ އާސަންދަ ހޯދަން އަދި މަސައްކަތް ނުކުރާ ކަމަށް އޭނާ ބުންޏެވެ. ނަމަވެސް ބަލީގެ ހާލަތު ހުރިގޮތުން އާސަންދަ ލިބޭނެ ކަމަށް އައިޖީއެމްއެޗުން ޖާމިއުއަށް އޮތީ އަންގާފައެވެ.

އެހެން ނަމަވެސް އެކޮޅުގައި ހުރުމާއި ކެއުމާއި އެހެނިހެން ހަރަދުތަކަށް ބޮޑު ހަރަދެއް ވެސް ހޭދަވެގެންދާނެތީ އޭނާ އެދެނީ އާއްމުންގެ ދީލަތި އެހީއަކަށެވެ. ޖާމިއު އެދެނީ ފައިސާގެ ގޮތުން އެހީ ދެވެން ނެތް ފަރާތްތަކުން ވެސް އެނާ އަށް ހެޔޮ ދުއާ ކޮށް ދިނުމަށެވެ.

ގުޅޭނެ ނަމްބަރު: 7943351 (މުހައްމަދު ޖާމިއު)  

އެކައުންޓް ނަމްބަރު:  ބީއެމްއެލް ދިވެހި ( 7725265378101 ) މުހައްމަދު ޖާމިއު.

ސީއެންއެމް އެހީ މި ސެގްމަންޓްގެ ދަށުން ގެނެސްދޭ ފަރާތްތަކަށް އެހީތެރިވުމަށް އެދޭ ފަރާތްތަކުން އެ އާއިލާއާ ގުޅައިގެން އެހީގެ ކަންކަން ކުރިއަށް ގެންދިއުން އެދެމެވެ.

23%
ކަމުގޮސްފި
42%
އަޑުއެހިތާ މިހުރީ
28%
ސަތޭކައަކުން ސުމެއް
6%
ވަރަށް ސަލާމް
ކޮމެންޓްސް