ވިހެއި އިރު ބަލި އެ ކުއްޖާގެ ހާލަތު ދުވަހެއް ދުވަހަކަށް ބޮޑުވެ އަމިއްލަ ނަފްސަށް ގެއްލުން ދެމުން ދިޔަ އިރުވެސް ހަމަ ގަބޫލު ނުކުރެވުނީ ދަރިޔަކު ބަލިވެ އުޅޭތަން ބަލަން މަންމަޔަކާއި ބައްޕައެއްގެ ހިތަށް ކެތް ނުވާތީ އެވެ. އަދި މައެއްގެ ހައިސިއްޔަތުން މައި ލަގޮނޑިއަށް ކެތް ނުވާތީ ކަމަށް އިހުސާނާ ބުންޏެވެ.
މުހައްމަދު އަޒްޔާންގެ އަލީގެ މަންމަ "ސީއެންއެމް" އަށް އަޒުޔާންގެ ބަލީގެ، ހާލަތު ހިއްސާ ކުރަމުން ބުނީ އެދެމެފިރިނަށް ފުރަތަމަ ލިބުނު ދަރިއަށްފަހު އަޒުޔާނުގެ ބައްޕަ އަކީ ހަމުގެ ބައްޔެއްގައި ގިނަދުވަހަށް ބޭސް ކާންޖެހޭ ބަލި މީހަކަށްވި ކަމަށެވެ.
ޑޮކްޓަރު ލަފާދެއްވާފައި އޮތީ ބާރުގަދަ ބޭސްތަކެއް ކާތީ ދަރިއަކު ނުހޯދުމަށެވެ. އެހެން ނަމަވެސް ތަގުދީރުގެ ނިޔާއެއް އެއްވެސް މީހަކަށް ބަދަލެއް ނުކުރެވޭނެ ކަމަށް ބުނެ އިހުސަނާ ބުނީ ދޮށީ ދަރިފުޅަށް އަށް އަހަރުގައި އަޒުޔާނަށް އިހުސާނާ ބަލިވެ އިން ކަމަށެވެ.
އިހުސާނާ ބުނިގޮތުން ކުރީގެ މާބަނޑުވުމާއި އަޒްޔާންއަށް ބަނޑަށް ނުވަ މަސް ވިއިރު ވަރަށް ތަފާތުކަމަށް ފާހަގަވީ ކަމަށެވެ. އެގޮތުން އަޒްޔާންއަށް ވިހަން ބަނޑުބޮޑުވެފައި ހުރިއިރު އިހުސާނާ ވަރަށް ބޮޑަށް ބަލިވެ އުޅުނު ކަމަށް އޭނާ ބުންޏެވެ.
ނުވަމަހާއި 10 ދުވަސް ފަހުން އިހްސާނާއަށް ލިބުނީ ލޯބި ލޯބި ފިރިހެން ކުއްޖެކެވެ.
"އަޒުޔާން ވިހައިގެން ފުރަތަމަ ކޮޅުގައި ވެސް ގާތުން ބުއްނުބޯ. އަބަދު ކުއްޖާގެ ކަމަކީ ރުއިން." ކުއްޖާގެ ކުޑައިރުގެ ހާލަތު ކިޔައިދެމުން އިހުސާނާ ބުންޏެވެ.
ސްރީލަންކާއަށް ދިރިއުޅުން ބަދަލުކޮށްގެން ދިރިއުޅެމުންދިޔަ އިހުސާނާ ބުނީ އޭރުވެސް ނިދަން އުނދަގޫތަކެއް ކުއްޖާ އަށް ކުރިމަތިވާތީ ޑޮޮކްޓަރަށް ދެއްކި ކަމަށާއި، އަޒުޔާން އަށް ވަމުން ދިޔަ އުނދަގޫތަކުން ފަރުވާ ހޯދުމަށް ލަންކާ ހޮސްޕިޓަލަށް ޑޮކްޓަރަށް ދެއްކިނަމަވެސް ފުރަތަމަ ކޮޅު އަޒުޔާން އަށް ވަމުން އައީ ކީއްކަމެއް ބުނެދޭކަށް ޑޮކްޓަރުންނަށް ވެސް ނޭނގޭ ކަމަށެވެ.
ދަރިފުޅަށް ހަމަނިދި ނުލިބި ދުވަސްތައް ފާއިތުވެ ދިޔައިރު ހޭލެވޭ އިރަށް އަޒްޔާން ކޮންމެފަދަ ކަމެއްވެސް ކޮށްފާނެތީ އެކަމުގެ ބިރުގައި އެދެމެފިރިންނަށް ވެސް ރަނގަޅަށް ހަމަ ނިންޖެއް ނުލިބެއެވެ. އިހުސާނާގެ ދެދަރިން ތިބެއެވެ. އެއީ 12 އަހަރުގެ އަންހެން ކުއްޖަކާއި، 4އަހަރުގެ އަޒްޔާންއެވެ.
ސްރީލަންކާގައި ދިރިއުޅެމުން ދިޔަ އިހުސާނާ، އަޒްޔާނަށް ނިދަން އުދަގޫވާތީ އުފަންވިތާ ހަފްތާއެއްހާ ދުވަސް ފަހުން ޑޮކްޓަރަށް ދެއްކުމުން ޑޮކްޓަރުން އިރުޝާދު ދިނީ ހިތާނު ކުރުމަށެވެ.
އެހެންކަމުން އަޒްޔާނަށް ހަތަރު މަހުގައި ހިތާނު ކުރިއެވެ. އަދި ހިލަ ނައްތާލުމުގެ ކަންތަކަށް ފަރުވާކުރުމަށް ލަންކާގެ ޑޮކްޓަރުގެ ލަފާގެ މަތިން އިންޑިއާއަށް ދިޔަ އެވެ. އިންޑިއާ އިން ދިން ފަރުވާ އިން އަހަރެއްހާ ދުވަސްތެރޭ އޮޕަރޭޝަނަކާއި ނުލައި އެމައްސަލަ ރަނގަޅުވިއެވެ.
ނަމަވެސް އަޒުޔާން އަށް ނިދަން ފަސޭހަ އެއް ނުވިއެވެ. އަބަދު އަޒުޔާންގެ ކަމަކީ ބޯ ތެޅުމާއި ހަށިގަނޑަށް އަނިޔާކުރުމާއި ރުއިމެވެ. ދަންވަރަށް ހޭލައިގެން ރޮވޭ ސަބަބެއް އިންޑިއާއިން ބެލި ޑޮކްޓަރުންނަކަށް ވެސް ނޭނގުނެވެ.
"އެންމެ ކުޑައިރު ދުވާލަކު 90 ވަރަކަށް ފަހަރުވެސް ފާރުގައާއި ޓައިލްމަތިގައި ބޯ ތަޅާ ހަދާ. އެ އަނިޔާ ކުއްޖާ ހަށިގަނޑަށް ކުރަމުންދާތީ ހިތަށް ކެތްނުވި ނަމަވެސް ޑޮކްޓަރަށް ދެއްކުން ނޫން ކަމެއް ނުކުރެވޭ." އޭނާ ބުންޏެވެ.
ފަހުން ބޯ ތެޅުން އިތުރުވަމުން އައިސް ދުވާލަކު ގާތްގަނޑަކަށް 300 އެއްހާ ފަހަރުވެސް ތަންތަނުގައި ބޮލުން ޖަހާ ހަދާ ކަމަށް އިހްސާނާ ބުންޏެވެ. އެހިސާބުން ދެވުނު އިރު ފާހަގަވީ އަޒުޔާންްގެ ލޮލުުގެ ފެނުންވެސް ރަނގަޅު ނޫންކަމެވެ. މިކަން ދުވަހެއް ދުވަހަކަށް ބޮޑުވެ ނުހުއްޓުވިގެން ލަންކާއިން ސައިކޭޓްރިސްޓަކަށް ދެއްކުމުން ދިނީ ނިންދަވަން ބޭހެކެވެ.
އިހުސާނާގެ އާއިލާގައި އޭޑީއެޗްޑީ(ހިމޭނުން ނުހުރެވޭ ބަލި) ހުންނަ ކުއްޖެއް ހުރެ އެވެ. އެހެންވެ އެބައްޔާއި ބެހޭ މައުލޫމާތު ކުރިންވެސް އިހުސާނާއަށް އެނގެއެވެ. އަޒުޔާންގެ ކިބައިން ވެސް ފެންނަމުން ދިޔައީ ހަމަ އެ އަލާމާތްތަކެވެ. އަޒްޔާންގެ ވާހަކަ ދެއްކުން ލަސްވުމާއި، އައި ކޮންޓެކްޓް ރަނގަޅު ނުވުމާއި ގަދަ އަޑުތަކަށް އުނދަގޫވުން ފަދަ މައްސަލަތައް ހުންނާތީ އަޒްޔާނަކީ ނޯމަލް ކުއްޖެއް ނޫންކަން އިހްސާނާއަށް މަޑުމަޑުން ދިޔައީ ފާހަގަވަމުންނެވެ.
ނަމަވެސް އަޒްޔާންގެ ހަލަނި ކަމާއެކުވެސް މިބުނި އަލާމާތްތައް އަޒްޔާންގެ ކިބައިން ފެންނަމުން ދިޔައިރު އަޒުޔާންްގެ ބައްޕަ އެކަންކަން ގަބޫލު ނުކުރެއެވެ. ވަޒީފާއެއްގައި ރާއްޖޭގައި ދިރިއުޅެމުންދިޔަ ފިރިމީހާ ބުނަނީ "ފިރިހެން ކުއްޖަކަށް ވުމުން ހަމަ ހަލަނިއީ" ކަމަށެވެ.
ޑޮކްޓަރެއްގެ ދުލުން އަޒްޔާން އަކީ ބަލި ކުއްޖެއް ކަމަށް ބުނުމުން ފިރިމީހާ އަށް ހިތްދަތި ކަމާއެކު އެ ވާހަކަތައް ކިޔައިދެވުނު އިރު، އަޒްޔާންގެ ބައްޕަގެ ހިތް ފަޅިފަޅިވެގެން ދިޔައީ ގަބޫލު ކުރަން ބޭނުން ނޫން އެ އަޑު ކަންފަތުގައި ޖެހުމުން ކަމަށް އިހްސާނާ ބުންޏެވެ.
އިހުސާނާ ބުނީ އަޒުޔާންގެ ބައްޕަ އަކީ ހަމުގެ ބައްޔެއް ތަހައްމަލް ކުރަން ޖެހިފައިވާ މީހަކަށްވުމުން އަލީ އަށްވަނީ ދާއިމީ ބޭސްތަކެއް ކާން ޖެހިފައި ކަމަށެވެ. އަލީގެ ހަށިގަނޑުގައި ބަލީގެ ވޭނެއް އަޅަމުންދާތީ ދަރިއެއްގެ ހަށިގަނޑުގައި އެއްވެސް ބަަޔެއްގެ އިހުސާސް ވާން އޭނާ ނެދޭ ކަމަށެވެ.
ނަމަވެސް އިހްސާނާ ބުނީ ތަގުދީރުގެ ނިޔާ ބަދަލުވީ އެންމެ ހިނދުކޮޅެއްގެ އުފަލަކުން މުޅިއުމުރަށް ހިތާމަޔާއި ވޭނަށް ކަމަށެވެ.
ލަންކާއިން އޯޓިޒަމް ކުދިންނަށްދޭ ތެރަޕީ ނަގަންފެށީ ކުއްޖާއަށް 15 މަހުން ޑޮކްޓަރުން ދިން ލަފައާއެކުއެވެ. ތެރަޕީ ނަގަން ފެށިފަހުން ބަސްތައް ކުޑަކޮށް ކިޔަން ފެށިއެވެ. ނަމަވެސް އެ ތެރަޕީތަކުން ބަސްތަކަށް ބަދަލު އައިކަން ފާހަގަ ކުރެވުނު ނަމަވެސް ނިންޖަކަށްމާ ރަނގަޅު އަސަރެއް ނުކުރި ކަމަށް އިހްސާނާ ބުންޏެވެ.
ދެންވެސް ޖެހުނީ އަނެއްކާވެސް ސައިކޭޓްރިސްޓަކަށް ދެއްކުމަށް ކަމަށާއި، އެގޮތަށް ދެއްކުމުން ބުނީ އަޒްޔާނަށް ކޮންމެ ދުވަހަކު އޮކިއުޕޭޝަނަލް ތެރަޕީ (އޯޓީ) ބޭނުންވާކަމަށެވެ. ލަންކާއިން ކޮންމެ ދުވަހަކަށް އޯޓީ ލިބޭގޮތެއް ނުވުމުން އަޒްޔާންގެ ފަރުވާ އަށް ޑޮކްޓަރުންގެ ލަފައާއި އެކު ދެން ބަދަލުވީ މެލޭޝިއާ ކަމަށެވެ.
މާލީހާލަތު ހުރިގޮތުން ފައިސާގެ ދަތި ކަމާހުރެ މެލޭޝިއާގައި ދަރިފުޅު ގޮވައިގެން އުޅުނު އިރު ގިނަ އުނދަގޫތައް ހުރި ކަމަށާއި، ވިސާ ނުލިބުމުގެ މައްސަލައާއި ހުރެ ކޮންމެ ތިންމަހަކުން މާލެ އަންނަން ޖެހުނު ކަމަށެވެ.
އުމުރުން މިހާރު އަޒުޔާނަށް ހަތަރު އަހަރު ވެއްޖެއެވެ. ކުރިން ސުކޫލުގައި އިންނަ އިރު ރޯތީ ސުކޫލަށް ގެންދިޔައަސް އިރުކޮޅަކުން ގެއަށް ގެންދާން ޖެހެއެވެ. ނަމަވެސް މިހާރު ގިނަ އިރު ނުރޮއި އިންނަކަމަށް އިހުސާނާ ބުންޏެވެ.
މިހާރު އިހުސާނާ އާއި، އަލީ ބޭނުންވަނީ ދަރިފުޅު އަޒްޔާން ގޮވައިގެން ނޯތު އެމެރިކާގެ "ޕެނަމާގެ ސްޓެމްސެލް އިންސްސިއުޓް" އަށް ދިއުމަށެވެ. އެހާ ދުރު ގައުމަކަށްދާތީވެ ވަރަށްގިނަ ފަރާތެއްގެ ދީލަތި އެހީއެއް ބޭނުންވާ ކަމަށް އިހުސާނާ ބުންޏެވެ.
ނަމަވެސް ކުއްޖާގެ ހަމައެކަނި ފަރުވާއެއް ކަމަށް އެ އާއިލާ އިން ގަބޫލުކުރާ 'ސްޓެމްސެލް ތެރަޕީ' ހެދުމަށް 16400 އެމެރިކާ ޑޮލަރު ބޭނުންވެއެވެ.
16400 އެމެރިކާ ޑޮލަރަކީ ދިވެހި ރުފިޔާގެ ދެލައްކަ ފަންސާސް ތިންހާސް ތިންސަތޭކަ އަށްޑިހަ ރުފިޔާ އެވެ.
ހުރުމާއި ކެއުމާއި ދެކޮޅު ޓިކެޓަށް އަމިއްލަ އާއިލާގެ އެހީތެރިކަން ލިބިފައިވާ ކަމަށް ބުނެ އިހުސާނާ ބުނީ ކުއްޖާގެ ތެރެޕީއަށް ބޭނުންވާ އަދަދަށް ބޭނުންވަނީ ހަމަ އެކަނި ޑޮލަރު ހަމަ ކުރަން ކަމަށެވެ.
މިވަރުގެ ބޮޑު ހަރަދެއް ކުރުމަށް ބޭނުންވާ ފައިސާ ހޯދުމަށް ހެޔޮއެދޭ ފަރާތްތަކުގެ އެހީއަށް އެދެމުން އަންނައިރު އަޒްޔާން ގޮވައިގެން ކުރަމުންދާ ދަތުރުގެ ރާސްތާ ދުރުމިނަކީ ކޮބައި ކަމެއްވެސް ނޭނގޭ ކަމަށް އިހުސާނާ ބުންޏެވެ.
އޯޓިޒަމް ބަލި ތަހައްމަލް ކުރަމުންދާ ދަރިންގެ މައިންބަފައިން އެފަދަ ދަރިންނަށްޓަކާ ނުކުރަނީ ކޮން ކަމެއް ހެއްޔެވެ؟ އެދަރިންމަށްޓަކާ ނުވަނީ ކޮން ގުރުބާނީ އެއް ހެއްޔެވެ؟ އަޒުޔާން ދުނިޔެއަށް އުފަން ވުމާއި އެކު އަޒުޔާންްގެ މަންމައާއި ބައްޕަ ދަނީ އެ ކުއްޖާގެ ހައްގުގާއި މުޅި ދުނިޔޭގެ ކޮންމެ ދިމާލަކުން ނަމަވެސް ފަރުވާ ހޯދުމަށް އެދި އާދޭސް ކުރަމުންނެވެ.
"އަރެންގެ ދެމަފިރިން ނެތް ދުނިޔެއެއްގައި އެ ފަކީރު އުޅޭނީ ކޮންފަދަ ހާލެއްގަ؟ މުޅި ދުނިޔޭގައި ފުރޮޅުނުހާ ގަލެއް ފުރޮޅައިގެންވެސް ބޭނުންވަނީ ދަރިފުޅަށް އަމިއްލަ އަށް އުޅެވޭނެ ދުވަހެއް ފެންނަން." އެ މައިވަންތަ ކަމުގެ ކުލުނުން ފުރިގެންވި މަންމަ ހިތްދަތި ކަމާއި، އުއްމީދާއި، އަސަރާއެކު ތަކުރާރު ކޮށް ބުނަމުން ދިޔައީ މިހެންނެވެ.
މީ އިހްސާނާގެ އާދޭހެވެ. އޭނާގެ އެދުމެވެ. އޭނާ އެދެނީ އޭނާގެ ދަރިފުޅުގެ ފަރުވާއަށް އެހީތެރި ވެދެއްވަން ބޭނުންފުޅުވާ ފަރާތްތަކުން ވީވަރަކުން އެހީތެރިކަން ވެދިނުމަށެެވެ.
އަދި ފައިސާގެ އެހީ ދެވެން ނެތް ފަރާތްތަކުން ވެސް ދަރިފުޅަށް ހެޔޮ ދުއާ ކޮށް ދެއްވުމަށް އިހުސާނާ އެދެއެވެ.
ގުޅޭނެ ނަމްބަރު: 9759991 (ފާތުމަތު އިހުސާނާ)
އެކައުންޓް ނަމްބަރު: ބީއެމްއެލް ދިވެހި (7701153120101) ފާތުމަތު އިހުސާނާ (އަޒްޔާންގެ މަންމަ)
އެކައުންޓް ނަމްބަރު: ބީއެމްއެލް ޑޮލަރު (7730000107811 ) އަލީ އިބްރާހިމް ( އަޒްޔާންގ ބައްޕަ)
ސީއެންއެމް އެހީ މި ސެގްމަންޓްގެ ދަށުން ގެނެސްދޭ ފަރާތްތަކަށް އެހީތެރިވުމަށް އެދޭ ފަރާތްތަކުން އެ އާއިލާއާ ގުޅައިގެން އެހީގެ ކަންކަން ކުރިއަށް ގެންދިއުން އެދެމެވެ.