ads
ފޮރިން ސާވިސް، ސިވިލް ސާވިސްއިން ވަކިވެއްޖެ
ދިވެހިރާއްޖޭގެ ފޮރިން ސަވިސްގެ ގާނޫނު ތަންފީޒުކުރަންފަށުމާއިއެކު، ފޮރިން ސާވިސް، ސިވިލް ސާވިސްއިން ވަކިވެއްޖެ އެވެ.

ދިވެހިރާއްޖޭގެ ފޮރިން ސާވިސްގެ ޤާނޫނަކީ، ދިވެހިރާއްޖޭގެ ހާރިޖީ ސިޔާސަތު ހިންގައި ތަންފީޒުކުރުމަށް ފޮރިން ސާވިސްގެ ނަމުގައި ވަކި ހިދުމަތެއް ގާއިމުކޮށް، އެ ހިދުމަތް ރޭވިފައިވާ ގޮތާއި، ފޮރިން ސާވިސް ހިންގުމާގުޅޭ އުސޫލުތަކާއި، އެ ސަވިސްގެ މުވައްޒަފުންނާ ގުޅޭ އުސޫލުތައް ބަޔާންކުރުމުގެ ގާނޫނެވެ.

ފޮރިން ސަވިސްގެ ބިލު ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ތަސްދީގު ކުރެއްވީ މިދިޔަ ނޮވެމްބަރު މަހުގެ ތެރޭގައެވެ. އެއާއެކު އެ ބިލު ގާނޫނަކަށް ވެގެންދިޔައިރު، މި ގާނޫނަށް އަމަލުކުރަން ފަށާތާ 90 ދުވަހުގެ ތެރޭގައި ފޮރިން ސާވިސް އެކުލަވާލަންވާނެ ކަމަށް ގާނޫނުގައި ބުނެފައިވެއެވެ.

އެ ގާނޫނު މިއަދު ފޮރިން މިނިސްޓްރީން ވަނީ ތަންފީޒު ކުރަން ފަށާފައެވެ. މި ގާނޫނަށް ތަންފީޒުކުރަން ފެށުމާއެކު "ދިވެހިރާއްޖޭގެ ފޮރިން ސާވިސް" ، ދިވެހި ސިވިލް ސާވިސް ވަކިވެ، ވަކި ހިދުމަތެއްގެ ގޮތުގައި ގާއިމުކުރެވޭނެ އެވެ. 

 ފޮރިން ސަވިސްގެ ނަމުގައި ވަކި ހިދުމަތެއް ޤާއިމުވުމުގެ މުނާސަބަތުގައި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ދެއްވި ހިތާބުގައި ވިދާޅުވީ، މިއަދަކީ ރާއްޖޭގެ ހާރިޖީ ދާއިރާގެ މުވައްޒަފުންގެ ވަރަށް ބޮޑު އުއްމީދެއް ހަޤީޤަތަކަށް ވެގެން ދާ ދުވަސް ކަމަށާއި، ވަކިން އެކުލަވާލެވިފައި އޮންނަ ފޮރިން ސަވިސްއެއް، އެއީ ވަރަށް ގިނަ މުވައްޒަފުން ވަރަށް ދިގު މުއްދަތަކަށް ދެކެމުން އައި ހުވަފެނެއް ކަމަށެވެ. 

"މިހުވަފެން ހަގީގަތަކަށް ހެދުމުގެ ދިގު ރާސްތާގައި މަސައްކަތްކުރައްވާފައިވާ އެންމެހާ ބޭފުޅުންގެ ހަނދާން އާކޮށް އެ އެންމެ ބޭފުޅުންގެ މަސައްކަތްޕުޅުތައް ފާހަގަކޮށް ޝުކުރު ދަންނަވަން" މިނިސްޓަރު ވިދާޅުވިއެވެ.

މިގޮތުން، ރާއްޖޭގެ ހާރިޖއްޔާގެ މަސައްކަތަކީ ވަކި ސަވިސްއެއްގެ ދަށުން ހިނގާ މަސައްކަތެއްގެ ގޮތުގައި އިންތިޒާމު ކުރެއްވުމުގެ ތަޞައްވަރު އެންމެ ފުރަތަމަ ގެންގުޅުއްވި ދިވެހި ހާރިޖިއްޔާގައި އެންމެ ގިނަ ދުވަހު ވަރަށް އަގު ހުރި ހިދުމަތްތަކެއް ކޮށްދެއްވާފައިވާ ހާރިޖީ ވަޒީރު ފަތުހުﷲ ޖަމީލުގެ ފާހަގަކޮށް އެމަނިކުފާނުގެ ޛިކުރާ މިނިސްޓަރު ޝާހިދު އާކޮށްފައިވެއެވެ.

މިނިސްޓަރު ވިދާޅުވީ، ވަކި ހިދުމަތެއްގެ ގޮތުގައި  ފޮރިން ސަވިސްއެއް ޤާއިމްކުރެވުމުން މަސައްކަތްތައް އިތުރަށްހަލުވިވެ، ވަރަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެ ކަމަށާއި، ފޮރިން ސަވިސް އަކީ ރާއްޖޭގެ މިނިވަންކަމާއި ރައްކާތެރިކަން ދެމެހެއްޓުމަށްޓަކައި އެންމެ ކުރީ ސަފުގައި އަބަދުވެސް ތިބެންޖެހޭނެ ބައެއް ކަމަށެވެ. 

"ފަސްޓް ލައިން އޮފް ޑިފެންސް އެވެ. އެހެންކަމުން، ދިވެހިރާއްޖޭގެ ފޮރިން ސަވިސްގެ އެންމެ އިސް ވާޖިބަކީ ދިވެހިރާއްޖޭގެ ސަރަހައްދުގެ މިނިވަންކަމާއި ރައްކާތެރިކަން ދެމެހެއްޓުމަށްޓަކައި އަދި ބައިނަލްއަޤްވާމީ މުޖުތަމައުގައި ދިވެހިރާއްޖޭގެ ގައުމީ ސިޔާސަތަށް އިހުތިރާމު ކުރުން އިތުރުކުރުމާއެކު ރާއްޖޭން ބައިނަލްއަޤްވާމީ މުޖުތަމައަށް އަދާކުރަން ޖެހޭ ޒިންމާތައް ފުރިހަމައަށް އަދާކުރުމުގައި، ރައީސް ކަނޑައަޅުއްވާ ސިޔާސަތު ތަންފީޒުކުރުމެވެ." މިނިސްޓަރުގެ ހިތާބުގައި ވިދާޅުވިއެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ، ދިވެހި ޚާރިޖިއްޔާއިން ދެގޮތެއް ނުވެ އިހްލާސްތެރިކަމާއެކު ހިދުމަތްކުރުމުގައި ދެމިތިބެންޖެހޭނެ ކަމަށެވެ.

މިނިސްޓަރު ޝާހިދު ވަނީ އެ މުނާސަބަތުގައި ރައީސް އިބްރާހިމް މުހައްމަދު މިއަދު ތަންފީޒުކުރަން މި ފަށާ ދިވެހިރާއްޖޭގެ ފޮރިން ސަވިސްގެ ޤާނޫނަކީ ހާރިޖީ ސިޔާސަތު ހިންގުން ހަރުދަނާކުރެއްވުމަށް އެމަނިކުފާނު ގެންގުޅުއްވާ ތަސައްވަރުގެ ނަތީޖާ ކަމަށް ވިދާޅުވެ، ޝުކުރު ދަންނަވާފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް