މި ހާދިސާ އާއި ގުޅިގެން އެ ހޮސްޕިޓަލުން ނެރުނު ބަޔާނެއްގައި ބުނީ، މި ހާދިސާ ހިނގުމަށް މެދުވެރިވީ، ރޭ މެޓާނިޓީ ޔުނިޓުގައި ހުރި ކޭބަލް ތަކެއްގެ ސަބަބުން ކަމަށާއި، ކޭބަލްތައް ބާވެފައި ހުރުމުގެ ސަބަބުން ކަރަންޓު ޝޯޓެއްވެ މެޓާނިޓީ ޔުނިޓުގައި އަލިފާން ރޯވީ ކަމަށެވެ.
އަދި އެވަގުތު އެ ޔުނިޓުގައި 14 ކުއްޖަކު ތިބި ކަމަށާއި، އަލިފާން ރޯވެފައި ހުރުމުގެ ސަބަބުން އެތަނުން ސަލާމަތް ކުރެވުނީ އެންމެ ތިން ކުދިން ކަމަށް ބަޔާނުގައި ވަނީ ބުނެފަ އެވެ. ތިން ކުދިން ވެސް ހޮސްޕިޓަލުގެ އައިސީޔޫގައި މިހާރު ފަރުވާ ދެމުން އަންނަ ކަމަށް ބަޔާނުގައި ބުނެފައި ވެއެވެ.
ބަޔާނުގައި އިތުރަށް ބުނީ، މަރުވި ކުދިންގެ އާއިލާތަކުގެ ކިބައިން މާފަށް އެދޭ ކަމަށާއި، އެ އާއިލާ ތަކަށް ބަދަލު ދޭނެ ކަމަށެވެ.
ދެން އެކަހަލަ ކަމެއް މެދުވެރި ނުވާނެ ގޮތަށް ބަލައިގެން ކަންކަން ކުރާނެ ކަމަށް ވެސް ބަޔާނުގައި ބުންޏެވެ.
މިކަމާއި ގުޅިގެން މަރުވި ކުދިންގެ އާއިލާ ތަކާއި ހަވާލާދީ އެގައުމުގެ ނޫސްތަކުގައި ބުނެފައިވަނީ، ކުދިން މަރުވުމުން ބަދަލު ދޭނެ ކަމަށް ބުނުމުން އެކުދިން އަނބުރާ ނުލިބޭނެ ކަމަށެވެ. އަދި ކުދިން މަރުވީ އެ ހޮސްޕިޓަލުގެ އިހުމާލުން ކަމަށްވާއިރު، ސަރުކާރުން އެ ހޮސްޕިޓަލު ބަންދު ކުރަންޖެހޭ ކަމަށް ވެސް އެއާއިލާ ތަކުން އަންނަނީ ބުނަމުންނެވެ.
މި ހޮސްޕިޓަލަކީ މީގެ ދެ އަހަރު ކުރިން ހުޅުވި ހޮސްޕިޓަލެއް ކަމުން، މެޓާނިޓީ ޔުނިޓުގައި ހުރި ކޭބަލްތައް ބާވެގެން އަލިފާން ރޯވީ ކަމަށް ހޮސްޕިޓަލުން ބުނެފައި ވުމުން އެގައުމުގެ ގިނަ ބަޔަކު އަންނަނީ ނުރުހުން ފާޅު ކުރަމުންނެވެ. އަލަށް ހެދި ހޮސްޕިޓަލަކަށް ބާ ކޭބަލް ތަކަކުން ކަރަންޓު ހިދުމަތް ދިނީ އަގު ހެޔޮ ކުރަން ކަމަށްވެސް ބައެއް ފަރާތްތަކުން ވަނީ ބުނެފަ އެވެ.
މި ހާދިސާއާއި ގުޅިގެން އެގައުމުގެ ރައީސް، މެކީ ސާލް ވަނީ ކުރިއަށް އޮތް ތިން ދުވަހަކީ އެގައުމުގައި ހިތާމަ ފާޅު ކުރުމުގެ ތިން ދުވަސްކަމަށް ނިންމާފަ އެވެ. އަދި މިކަމާއި ގުޅިގެން އެގައުމުގެ ސިއްހަތާ ބެހޭ ވަޒީރު ވަނީ މަގާމުން ވަކިކޮށްފަ އެވެ.