ads
އުނޑޫދޫ---
އިތުރު ފަރުވާ ދިނުމަށް ބިދޭސީ މީހާ މާލެ ގެންނަނީ
މިދިއަ ބުރާސްފަތިދުވަހުގެ ރޭ ބ. އަތޮޅު އުނޑޫދޫ ނަމަކަށް ކިޔާ ފަޅު ރަށެއްގައި ދެ ބިދޭސީންގެ ދެމެދުގައި ހިނގި މާރާމާރީއާއި ގުޅިގެން އޭދަފުށީ ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަ ބިދޭސީ މީހާ މާލެ ގެންނަން ނިންމައިފި އެވެ.

ބުރާސްފަތި ދުވަހުގެ ރޭ ހިނގި މާރާމާރީގައި ޒަހަމްވި މީހާ އަށް ބ. އޭދަފުށީ ހޮސްޕިޓަލަށް ގެންގޮސް ފަރުވާދެމުންދާއިރު، "ސީއެންއެމް" އަށް މައުލޫމާތުދެއްވަމުން އޭދަފުށީ ހޮސްޕިޓަލުގެ މީޑިއާ އޮފިޝަލް މީގެ ކުރިން ވިދާޅުވީ، ޒަހަމްވި މީހާގެ ބޮލުގެ ފަސް ތަނަކަށްވެސް އެކިވަރުގެ ޒަހަމްތައް ލިބިފައިވާއިރު، ބަނޑަށް ދީފައިވާ ހަމަލާގަައި ގޮހޮރުވެސް ނިކުމެފަވާ ކަމަށެވެ. 

"ހޮސްޕިޓަލަށް ގެނައިރު ބަޑަށް ވަޅި ހަރައިގެން ހުރީ ބޮޑު ބައެއް ފަޅައިގެން ގޮސް ގޮހޮރުވެސް ނުކުމެފަ. ބޮލުގެވެސް ފަސް ތަނަކަށް ހުރި ވަޅި ޖަހާފަ. މިވަގުތު ހުރިހައި ސާޖަރީތަކެއް ހަދަމުން ދަނީ. ޑޮކްޓަރުން ވިދާޅުވޭ ހާލު ރަގަޅުވަމުން އަންނަ ކަމަށް." އޭދަފުށީ ހޮސްޕިޓަލުގެ މީޑިޔާ އޮފިޝަލް ވިދާޅުވި އެވެ.

މިއަދު އެ ހޮސްޕިޓަލުގެ އޮފިޝަލަކު "ސީއެންއެމް" އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، އަނިޔާ ލިބުނު އުމުރުން 45 އަހަރުގެ ބަންގްލަދޭޝް މީހާއަށް އިތުރު ފަރުވާ ދިނުމަށް މާލެ ފޮނުވުމަށް ނިންމާފައި ވާކަމަށާއި، އެމީހާގެ ހާލު އަދިވެސް ސީރިއަސް ކަމަށެވެ. 

އެމީހާއަށް އިތުރު ފަރުވާ ދިނުމަށް މާލެ ފޮނުވުމަށް ނިންމާފައި ވަނީ އެމީހާ މަސައްކަތް ކުރަމުން އަންނަ ކުންފުނީގެ ފަރާތުން ކަމަށްވެސް އޮފިޝަލް ވިދާޅުވި އެވެ. 

މި މައްސަލަ އާއި ގުޅިގެން 43 އަހަރުގެ ބިދޭސީއަކު ވަނީ ހައްޔަރުކޮށްފަ އެވެ. މި މާރާމާރީ ހިނގީ އަދި އެފަޅު ރަށުގައި އެދެމީހުން ތިބީ ކީއްވެ ކަމެއް ސާފެއް ނުވެ އެވެ.

ނަމަވެސް މިފަހަކުން ބިދޭސީންގެ މެދުގައި މާރާމާރީތައް ވަނީ ގިނަވެފަ އެވެ. މިފަދަ މާރާމާރީތަކުގައި އެކަކު އަނެކަކަށް ބޮޑެތި ޒަހަމުތަކެއް ވެސް ލިބެ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް