ads
އުދަ އެރުމުގެ ސަބަބުން ގެތަކަށް ވަނީ ލޮނުގެ އަސަރު ކޮށްފަ
"ރަށަށް ހީވީ ސުނާމީއެއް އަރައިގެން އައިހެން"
އދ. އަތޮޅު ދިގުރަށަކީ އާއްމު ގޮތެއްގައި އުދަ އަރާ ރަށެއް ނޫންނަމަވެސް ރޭ މެންދަމު 01:15 އިން ފެށިގެން ރަށަށް ދިޔައީ، ގަދަޔަށް އުދަ އަރަމުންނެވެ.
Advertisement

ފަޅުގައި އަޅަފައި ތިބި ލޯންޗާއި ދޯނި ފަހަރު އެއްގަމަށް ނާރާ ތިބީ ހަމަ ކިރިޔާ އެވެ. ރަށުގެ އިރުމަތި ފަރާތުން އެރި އުދައިގެ ސަބަބުން މީހަކަށް ގެއްލުން ނުވިނަމަވެސް ބައެއް ތަކެއްޗާއި، ގޭގެއަށް ވަނީ ގެއްލުން ވެފަ އެވެ. ގެއަށް ލޮނު ވަނުމުގެ ސަބަބުން އެގެތަކުން މީހުން މިހާރު ވަނީ ހުސްކޮށްފަ އެވެ. 

އެރަށުން "ސީއެންއެމް" އަށް މައުލޫމާތު ދިން މީހަކު ބުނީ، ރޭ ދަންވަރު އުދަ އަރަން ފެށުމުން ފުރަތަމަ ހީކުރީ ސުނާމީ އެއް އަރައިގެން އައި ކަމަށެވެ. އެއީ އެ ރާޅު ތަކަކީ އުދައަރާ އިރު އަރާ ރާޅުތަކަށް ވުރެ ވަރުގަދަ ރާޅުތަކަކަށް ވުމުން ކަމަށް އޭނާ ބުންޏެވެ.

"އަހަރެން ހުރީ ބަނދަރު މަތީ. ހުއްޓާ ރާޅު އަރައިގެން އައިތަން ފެނުމުން އަހަރެން ހީކުރީ، އެއީ ސުނާމީއެއް ކަމަށް. އެހާވެސް ވަރުގަދައަށް ރާޅު އަރައިގެން އައީ. ގާތް ގަނޑަކަށް 15 ވަރަކަށް ފޫޓު ހުންނާނެ ރޭ އެޅި ރާޅުގަ. މިއީ 2004 ގެ ސުނާމީގަވެސް ރަށަށް ނާރާވަރުގެ ބިޔަ ރާޅުތަކެއް." މައުލޫމާތު ދިން މީހާ ބުންޏެވެ.

މީގެ އިތުރުން މައުލޫމާތު ދިން އެހެން މީހަކު ބުނީ، ރާޅު އެރުމުގެ ސަބަބުން ފަޅުގައި އަޅާފައި ހުރި އޮޑިދޯނު ފަހަރުގެ ވާތައް ކަނޑައިގެން ގޮސް އެއް ދޯނި އަނެއް ދޯންޏާއި ޖެހި ދޯނިތަކަށް ގެއްލުން ވެފައިވާ ކަމަށެވެ. އަދި އޭގެ ތެރޭގައި ހުރި ބައެއް ތަކެއްޗަށްވެސް ބޮޑެތި ގެއްލުންތައް ވެފައިވާކަމަށް އެމީހާ ބުންޏެވެ. 

ރޭ މެންދަމު 01:15 ގައި އެރަށް އުދަ އަރަން ފެށިގޮތަށް އުދަ އެރުން ހުއްޓުނީ، ފަތިހު 04:00 ހާއިރު އެވެ.

މިކަމާއި ގުޅިގެން އެރަށު ކައުންސިލްގެ އޮފިޝަލަކު ވިދާޅުވީ، މިހާރު ގޭގެއަށް އަދި އޮޑިދޯނި ފަހަރަށް ގެއްލުން ވި މީހުންގެ ލިސްޓެއް ނެގުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އެހެން ނަމަވެސް މޫސުން ގޯސްވުމުގެ ސަބަބުން އެކަމަށް ހުރަސްތަކެއް ކުރިމަތިވެފައި ވާކަމަށް އޮފިޝަލް ވިދާޅުވި އެވެ. 

8%
ކަމުގޮސްފި
31%
އަޑުއެހިތާ މިހުރީ
46%
ސަތޭކައަކުން ސުމެއް
15%
ވަރަށް ސަލާމް
ކޮމެންޓްސް