ads
މިއަދު ބޭއްވި ރަސްމިޔާތުގެ ތެރެއިން---
މާލެ ސިޓީގައި އީ.ކައުންސިލްގެ "ގްމެން" މޮޑިއުލް ބޭނުންކުރަން ފަށައިފި
ދިވެހި ރައްޔިތުންގެ އުފަންދުވަހުގެ ރަޖިސްޓްރީ އާއި، ރައްވެހިންގެ ރަޖިސްޓްރީ އަދި ގޯތި ގެދޮރުގެ ރަޖިސްޓްރީ ބަލަހައްޓަން ލޯކަލް ގަވަމަންޓް އޮތޯރިޓީއިން އެން.ސީ.އައި.ޓީ އާއި ގުޅިގެން ތައްޔާރުކުރި އީ-ކައުންސިލްގެ ގްމެން މޮޑިއުލް ތައާރަފްކޮށްފިއެވެ.

މިއަދު އެލް.ޖީ.އޭގައި ބޭއްވި އެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ މިނިސްޓަރު އޮފް ސްޓޭޓް ފޯ ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޯލޮޖީ އަލީ ސާލިހުއެވެ.

ހަގީގީ މާނާގައި ކައުންސިލްތައް ބާރުވެރިކުރުވުމަށްޓަކައި އެލް.ޖީ.އޭއިން ކުރަމުންދާ މިންނެތް މަސައްކަތައް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް މަގުފަހުކޮށްދެއްވާ ކަމީ މިނިސްޓްރީއިން ފާހަގަ ކުރާކަމެއް ކަމަށް އަލީ ސާލިހު ވިދާޅުވިއެވެ. 

އޭގެ އިތުރުން މީގެ ކުރީ ސަރުކާރުން ކައުންސިލްތަކުގެ ހިންގުން ދަތިކޮށްފައިވަނިކޮށް އަދުގެ އިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ އޮނަރަބަލް އިބްރާހީމް މުޙައްމަދު ސާލިހް ވަނީ އެކަންކަން ބަދަލުކޮށްފައިވާ ކަން ފާހަގަކުރެއްވިއެވެ.

އޭގެ ތެރޭގައި މަލީގޮތުން ކައުންސިލް ބާރުވެރިކޮށް ކައުންސިލްތަކުގެ ހިންގުން އަނބުރާ އިޔާދަކޮށްދީފައިވާކަން ފާހަގަކުރިއެވެ.

އެހެންކަމުން މިއަދު މި ފެށިގެންދާ މަސައްކަތަކީ ހުރިހާ އެންމެން ގުޅިގެން ރައްޔިތުންނަށް ލުއިފަސޭހަ ގޮތެއްގައި ޒަމާނީ ވަސީލަތްތައް މެދުވެރިކޮށް ހިދުމަތް ލިބިގަތުމަށް ފަހިކޮށްދިނުމަށް ފެށުމެއް ސްޓޭޓް މިނިސްޓަރު ވިދާޅުވިއެވެ.

ހަމައެހެންމެ ސިޓީ ކައުންސިލްތަކުގެ ބާރުތައް ނަގައި މިނިސްޓްރީ ތަކަށް މައްސޫލިއްޔަތުތައް ބަދަލުކޮށް ހެދިއިރު އާބާދީއާއި ގުޅުންހުރި މިފަދަ މުހިންމު ލިޔެކިޔުންތަކުގެ ރަސްމީ ރިކޯޑްތައް ގެއްލޭނެހެން ދެން އަމަލުނުކުރެވޭކަން ސްޓޭޓް މިނިސްޓަރު ކުރެއްވިއެވެ.

"މިއަދު އޮންލައިންވެގެން ދާ މި ސިސްޓަމްގެ ސަބަބުން ރައްޔިތުންނަށް ކައުންސިލްތަކުން ފޯރުކޮށްދެމުންދާ ވަރަށް މުހިއްމުޙިދުމަތެއް ޑިޖިޓަލް ކުރެވި މައުލޫމާތު ރައްކާތެރިކޮށް ބެލެހެއްޓޭނެ ނިޒާމެއް ގާއިމުކުރެވުނީ ކަމަށް ސައިސް މިނިސްޓްރީން ވަނީ ބުނެފައެވެ.

ހަމައެހެންމެ އެފަދަ މުހިއްމު މައުލޫމާތު މިހާތަނަށް ގެންގުޅެމުން އައިސްފައިވަނީ ކަރުދާހުގައި ކަމަށާއި އާބާދީ ބޮޑުވާ ވަރަކަށް މިފަދަ ކަރުދާސް ރައްކާ ކުރާނެ ޖާގަ މަދުވެ ހަލާކުނުވާނޭހެން ބެލެހެއްޓުމަށް ދަނީ ދަތިވަމުން ކަމަށް ވެސް މިނިސްޓްރީން ވަނީ ބުނެފައެވެ.

"ގެމެން" މި ސިސްޓަމް ފުރިހަމަ މާނާގައި ބޭނުންކުރަން ފެށުމުން ހިދުމަތެއް ހޯދުމަށް ގޯތީގެ ރަޖިސްޓްރީ ފޮޓޯ ކޮޕީ ހައްދައި އެތަކެއް ބައެއްގެ އަތްމައްޗަށް މައުލޫމާތު ދޫކުރުމުގެ ބަދަލުގައި، ސިސްޓަމް ތެރެއިން ބޭނުންވާ މައުލޫމާތު، ބޭނުންވާ މިންވަރަށް، ރައްކާތެރިކަމާއި، ސައްޙަކަމާއެކު އިދާރާތަކުގެ މެދުގައި ހިއްސާކުރުމުގެ އިންތިޒާމް އެން.ސީ.އައި.ޓީއިން ހަމަޖައްސަވައި ދެވޭނެ ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.

އެގޮތަށް ސިސްޓަމްގައި ރައްކާ ކުރެވޭ މައުލޫމާތު ނަހަމަގޮތުގައި ބޭނުންކުރުމުގެ ފުރުސަތު އެއްވެސް ފަރާތަކަށް
ނުދޭނެ ކަމުގެ ޔަގީންކަންވެސް ރައްޔިތުންނަށް މިނިސްޓްރީން ވަނީ އަރުވާފައެވެ.

އުންމީދަކީ މިއަދުގެ މި މަސައްކަތުން އިބުރަތް ހާސިލުކޮށް އެން.ސީ.އައި.ޓީ އާއި ގުޅިގެން ދައުލަތުގެ ހުރިހާ ހިދުމަތްތައް އޮންލައިންކުރުމަށް އެހެން އިދާރާތަކުން މަސައްކަތް ފެށުން ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.

އެ ރަސްމިއްޔާތުގައި އެން.ސީ.އައި.ޓީގެ އިސްވެރިންނާއި މުވައްޒަފުންވެސް ބައިވެރި ވެވަޑައިގެންނެވިއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް