ރަކީދޫގައި އިބްތިހާލް މަރާލާފައި އޮއްވާ ފެނުނީ 2015 ވަނަ އަހަރުގެ ޖޫން މަހުގެ 28 ވަނަ ދުވަހު އެވެ.
މިމައްސަލައިގައި ދައުލަތުން އާފިޔާގެ މައްޗަށް އުފުލާފައިވަނީ އަމުރަށް ނުކިޔަމަންތެރިިވުމުގެ ދައުވާއާއި ގަސްދުުގައި ކުއްޖަކު މެރުމުގެ ދައުވާ އެވެ.
އެ މައްސަލައިގައި ދައުލަތުގެ ފަރާތުން ހުލާސާ ބަޔާން ހުށަހެޅުމުން އާފިޔާއާ ވަނީ އެކަމުގައި އެއްޗެއް ބުނަން ބޭނުންތޯ ސުވާލުކޮށްފަ އެވެ. ނަމަވެސް އާފިޔާ ވަނީ ބުނާނެ އެއްޗެއް ނެތް ކަމަށް ބުނެފަ އެވެ. ނަމަވެސް އިތުރަށް ހަމަ އެއްވެސް އެއްޗެއް ބުނަން ބޭނުންނެތީތޯ ސުވާލުކުރުމުން އާފިޔާ ވަނީ ގަސްދުގައި ކުއްޖަކު ނުމަރާ ކަމަށާއި އަދި ގަސްދުގައި އަނިޔާވެސް ނުކުރާ ކަމަށް ބުނެފަ އެވެ.
އޭގެ އިތުރުން މިއަދު އާފިޔާ އިތުރަށް ބުނެފައި ވަނީ އިބްތިހާލަށް ލިބިފައިވާ އަނިޔާތަކާއި ގުޅިގެން ޑޮކްޓަރުން ތައްޔާރުކުރި ރިޕޯޓްގައި ވެސް ހުރީ ހުސް ދޮގު ކަމަށް ބުނެފަ އެވެ.
އެގޮތަށް އާފިޔާ ބުނި ނަމަވެސް ކްރައިމް ސީން ރިޕޯޓު ތައްޔާރުކުރި ފުލުސް މީހާ ވަނީ އިބްތިހާލުގެ ކަންފަތާއި ކުރިމަތި ފަރާތް އަދި ކަރުގައި ގިނަ އިރުތަކެއް ނުވާ ޒަހަމްތަކެއް ހުރި ކަމަށް ބުނެފަ އެވެ. ފުލުސް މީހާގެ ހެކިބަސް ނަގާ ނިމުމުން އާފިޔާއަށް ވަނީ އެ ދުވަހުގެ އަޑުއެހުމުގައި ފުލުސް މީހާއަށް ކުރާނެ ސުވާލެއް އޮތްތޯ ސުވާލުކޮށްފައި ނަމަވެސް އޭނާ ބަނީ އިތުރު އެއްވެސް ސުވާލެއް ނެތް ކަމަށް ބުނެފަ އެވެ.
އިބްތިހާލްގެ މަރާ ގުޅިގެން އާފިޔާ ވަނީ ކޯޓުގައި އެކި ފަހަރު އެކި ގޮތަށް ވާހަކަ ދައްކާފަ އެވެ. އެގޮތުން އިބްތިހާލް މަރާލި ކަމަށް ކުރިން އިއުތިރާފްވެފައި ފަހުން އެކަމަށް އިންކާރުވެސް ކޮށްފައިވެ އެވެ. އިބްތިހާލް މަރާލި ކަމަށް ކުރިން އިއުތިރާފްވީ ބިރު ދެއްކުމުން ކަމަށްވެސް ބުނެފައިވެ އެވެ.
އިބްތިހާލު މަރާލި ފަހުން ފަސް އަހަރު ފާއިތުވެގެން ދިޔައިރުވެސް މިމައްސަލަ ނިންމާލެވިފައި ނުވާތީ ބައެއް މީހުން ގެންދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.
ނަމަވެސް މިއަދުގެ އަޑުއެހުމުގައި މިމައްސަލަ ބައްލަވާ ގާޒީ މުހައްމަދު ސަމީރު ވިދާޅުވީ އަންނަ މަހު 12 ގައި ހުކުމް އިއްވާނެ ކަމަށެވެ.