ads
އިބްތިހާލް--
އިބްތިހާލުގެ މަރަށް 8 އަހަރު، މި މައުސޫމް ކުޑަ ކުއްޖާއަށް ފުރިހަމަ އިންސާފެއް ލިބުނުތަ؟
2015 ވަނަ އަހަރު ވ. ރަކީދޫގައި އެތަށް އަނިޔާތަކެއް ކޮށް މަރާލާފައިވާ އުމުރުން އެންމެ ތިން އަހަރުގެ ކުޑަކުޑަ މައުސޫމު އިބްތިހާލުގެ މަރަަށް މިއަދަށް މިއީ އަށް އަހަރެވެ. އެމަރަށް ހަ އަހަރާއި 11 މަސް ފަހުން، އޭނާގެ ގާތިލު ކަމަށް ދައުލަތުން ދައުވާކުރި އިބްތިހާލުގެ މަންމަ އާފިޔާގެ މައްޗަށް 2020 ވަނަ އަހަރުގެ ޑިސެމްބަރު 28 ވަނަ ދުވަހު ވަނީ 20 އަހަރުގެ ޖަލު ހުކުމެއް އިއްވާފަ އެވެ.
Advertisement

ދޫތަކުން ސަނާ ކީ މި ހުކުމާއިއެކު، ކުއްޖާއަށް އިންސާފު ހޯދުމަށް ގޮވަމުންދިޔަ އަޑުތައް މަޑުވެ ހިލުނެވެ. "އިބްތިހާލަށް އިންސާފު ހޯދައިދެވިއްޖެ" އޭ ބުނަމުން ނެވެ. އެކަމަކު، ހަމަ ހަގީގަތުގައިވެސް އެ ކުޑަކުޑަ އިބްތިހާލުގެ މަރަށް ފުރިހަމަ އިންސާފެއް ލިބިއްޖެ ބާވައެވެ. މިއީ އެދުވަހުވެސް އަޅުގަނޑު ކުރި ސުވާލެކެވެ. މިއަދުވެސް މި ސުވާލު މިކުރެވެނީ އާފިޔާ ޝަރީއަތަށް ދީފައިވާ 114 ސަފުހާގެ ބަޔާނަށާއި ހެކިންގެ ބަޔާންތަަކުގެ އިތުރުން 26 ސަފްހާގެ ސައިކޮލަޖިކަލް ރިޕޯޓު ކިޔާދޭ ވާހަކަތައް އެޔަށްވުރެ ދުރަށް ވިސްނުމަށް މަޖުބޫރު ކުރުވާތީ އެވެ. 

ޝަރީއަތުގެ މަޖިލީހުގެ ހުލާސާ ބަޔާންތަކުން މި މައްސަލައިގެ އެންމެ ފުނަށް ފީނާ އިރު މި މައްސަލަފެށިގެން އައިސްފައިވަނީ އިބްތިހާލު ދުނިޔެއަށް އުފަން ވުމަށްވުރެ ވެސް ކުރިން ކަމުގައި ބުނެވިދާނެ އެވެ. ރިޕޯޓްތަކުން ކިޔާދެނީ މައުސޫމް އިބްތިހާލު ފަދައިން އަނިޔާލިބި ހަން މެށިފައިވާ އާފިޔާގެ ހިތްދަތި އަދިރިދިރިއުޅުމުގެ ނޭނގޭ އެތަށް ވާހަކަތަކެކެވެ. 

އަޑުއަހާލުމަށް: އިބްތިހާލު މަރުގެ ތަފްސީލީ ރިޕޯޓު

އިބްތިހާލު މަރާލި ދުވަހުގެ ވާހަކަތައް

ގޭތެރޭގައި އުޅޭއިރު، ބޮޑުކަމުދާތަކެތި ގޭގެ ފާރުގާ ހާކާ ހަދާތީ އާއި، ގޭތެރެ ހަޑިކޮށް ހަދާތީ އިބްތިހާލަށް އާފިޔާ އަނިޔާކޮށް ހަދަ އެވެ. މިފަދައިން އަނިޔާކޮށް ހަދާ ދުވަސް ދުވަހު، އާފިޔާގެ ގާތް ރަހުމަތްތެރިއާ އަށް އެވާހަކަތައް ކިޔައި ދީ ހަދަ އެވެ. 

އާފިޔާ ތަހުގީގުގައި ބުނިގޮތުން އާފިޔާގެ ގެއަށް އޭނާ އަންނަ ދުވަސް ދުވަހު އިބްތިިހާލަށް އަނިޔާކުރާ މަންޒަރު ފެނި އެކަމަށް ހިތްވަރުދީ ހަދަ އެވެ. އަދި "އިބްތިހާލް ބޮޮޑުވެއްޖެނަމަ އަންހެން ކުދިން ފަހަތުން ދުވާނެ ކަމަށާއި، ޖެހިޖެހީނުން މަރާލުމަށް" ބުނާ ކަމަށްވެސް އާފިޔާ ބުންޏެވެ. އަދި އިބްތިހާލު މަރާލުމުގެ ކުރީ ރޭ ވެސް އާފިޔާ އެގޮތަށް ހިތްވަރުދިންކަން ހުކުމުން އެގެއެވެ. އެގޮތުން 2015 ވަނަ އަހަރުގެ ޖެނުވަރީ 27 ވަނަ ދުވަހުގެ ރޭ 10:30 ހާއިރު އޭނާ އެ ގެއަށް ގޮސް އިބްތިހާލުގެ ވާހަކަ ކިޔައިދިނުމުން ވެސް "މަރާލާފައި މި ފޮށިގަނޑަށް ލައި، މޫދަށް އެއްލާލައި" މިހެން ބުނެ އާފިޔާ އަށް ނަސޭހަތް ދީފައި ވެއެވެ. 

އެރޭ އާފިޔާ ގެއަށް އައިރު، ތިން ދަރިންނާއި ފިރިމީހާ ތިބީ ނިދާފައެވެ. އިބްތިހާލުވެސް އޮތީ ނިދާފައެވެ. އެދުވަހު ހެނދުނު ދިން ޖޫސްތައްޓެއް ފިޔަވައި ކުއްޖާއަށް އަފިޔާ އިތުރު އެއްވެސް އެއްޗެއް ނުދެ އެވެ. ކުއްޖާ އެދުވަހު ހުރީ އޭގެ ކުރީ ދުވަހު ދޮން ބައްޕަ ޖަހައިދިން ނެޕީ އާއިއެކު އެވެ. ތަހުގީގަށް އާފިޔާ ދީފައިވާ ބަޔާނުގައި ވާގޮތުން އިބްތިހާލު މަރުވީ އޭގެ އަނެއްދުވަހު ހެނދުނު އެކުއްޖާއަށް ދިން ބޮޑެތި އަނިޔާތަކަށްފަހު އެވެ. 

އާފިޔާ ބުނިގޮތުން އެދުވަހު އިބްތިހާލް އޮތީ، ކޮޓަރީގެ އިރުމަތީ ފަރާތު ކައިރީގައި ހުރި އަލަމާރީއަކާއި ދިމާލަށް މޫނު ކުރިމަތިވާގޮތަށް، ބޯދަށަށް ބާލީހެއް ލައިގެން ކޮޓަރީގެ މުށިތަކުގެ މަތީގައި އަރިއަކަށް އޮށޯވެގެން ނެވެ. އެތަނަކީ ކޮންމެ ރެއަކުވެސް އިބްތިހާލު ނިދަން އޮންނަ ތަނެވެ. ނަމަވެސް އެދުވަހު އޮތީ ނިދަން ކަމެއް ނުވަތަ ހޭލާ އޮށޯވެގެންއޮތީ ކަމެއް ކަނޑައެޅިގެން ބުނަން ނޭނގޭ ކަމަށް އާފިޔާ ބުނެފައި ވެއެވެ. 

މިގޮތަށް އޮއްވާ އާފިޔާ ގޮސް އިބްތިހާލުގެ ކައިރިއަށް ހުއްޓި ކުޑަކޮށް ގުދުވެލާފައި މުހައްމަދު އިބްތިހާލުގެ ކަނާއަތު ކޮޑާދިމާލުގައި ހިފާ އުޑުތިލަ މައްޗަށް ވާގޮތަށް އަބުރާލި އެވެ. އެޔަަށްފަހު ކަރުގައި ހިފާ ނޭވާ ހާސްކުރުމަށް މަސައްކަތް ކުރުމުގެ ގޮތުން ކަރަށް ފިތާ ބާރު ކުރަމުންދިޔަ އެވެ. އޭރު އިބްތިހާލް އޮތީ ބަލަހައްޓައިގެން ނެވެ. މިގޮތަށް ނޭވާ ހާސްކުރަމުން ދިޔަ ވަގުތުވެސް އިބްތިހާލުގެ އަގައިން ނިކުން ޖުމްލައަކީ މަޑުމަޑުން "މަންމާ" އެވެ. 

"ނަމަވެސް ދެންވެސް ނޭވާ ހާސްކުރަމުން ދަނިކޮށް އބްތިހާލް ކުއްލިއަކަށް ތެޅިގަނެ އަތްފައިގެ އިތުރުން ހަށިގަނޑަށް ވާންވެ ދެމިލިކަމަށް. އެވަގުތު އިބްތިހާލުގެ އަގައިގެ ތެރެއިން ކޮންމެވެސް ވަރަކަށް ލޭ ފައިބަމުންދިޔަ ކަމަށް. އެގޮތަށް ކުޑަކުޑައިރުކޮޅަކު ހިފަހައްޓައިގެން ހުރުމަށްފަހު ކަރުން ދޫކޮށްލީ ކަމަށް. އޭރުވެސް އިބްތިހާލުގެ ހަރަކާތް ހުރިކަމަށް. ކަރުން ދޫކޮށްލުމަށްފަހު އާފިޔާ ކޮޅަށް ތެދުވެ އިބްތިހާލުގެ ކަނާއަތް ފަރާތު އަރިކަށްޓާ ހަމައިގައި ކޮޅަށްހުރެ އިބްތިހާލުގެ މޭމަތީގައި މަތިން ތިރިއަށް ވާގޮތަށް ވަރަށް ބާރު ތިން ފަހަރު ޖެހިކަމަށް. އެޔަަށްފަހު އިބްތިހާލުގެ ކަށިމައްޗާއި ވީ ހިސާބުން ފާގައި ވަރަށް ބާރަށް ޖެހިކަމަށް. މިގޮތަށް އަނިޔާ ދިނުމަށްފަހު އިބްތިހާލުގެ ދަތްދޮޅި ދޮށުގައި ގޮށްމުއްކަވާފައި އެއްފަހަރު ޖެހިކަމަށް. މީގެ އިތުރުން ކަނާއަތު ކަންކަށި ފަރާތު ވަރަށް ބާރަށް ޖެހުމަށްފަހު އާފިޔާ ކޮޓަރިން ނިކުތްކަމަށް. ނިކުތްއިރު އިބްތިހާލު މަޑުމަޑުން ކުކުރަމުންދިޔަ ކަމަށް" ޝަރީއަތުން އިއްވި ހުކުމްގައި ވެއެވެ.

މިއީ އަނިޔާވެރި މައާފެއް ނެތް ކުށެކެވެ. އެކަމަކަށް އޭނާ ދެބަހެއްވެސް ނުވެ އެވެ. ދަރިފުޅުގެ މަރަށް އާފިޔާ ދީފައިވާ ބަޔާންތަކަށް ބަލާއިރު ކުއްޖާ މަރާލިކަމަށް އޭނަ ވަނީ ތަކުރާރުކޮށް އެއް ބަސްވެފައެވެ. ދިވެހިރާއްޖޭގެ ގާނޫނުން އަސާސީން ލިބިދޭ ހަނުހުރުމުގެ ހައްގާއި ގާނޫނީވަކީލަކު އައްޔަން ކުރުމުގެ ހައްގުގެތެރެއިންވެސް އާފިޔާ އިހްތިޔާރު ކޮށްފައިވަނީ އާފިޔާއަށް ކުރެވޭ ހުރިހާ ސުވާލުތަކަށް ޖަވާބު ދިނުމަށެވެ. 

"މި އަދަބު ލިބުމާއި ބެހޭ ގޮތުން އާފިޔާ ދެކެނީ ކިހިނެތްތޯ" އެހުމުންވެސް އޭނަ ތަކުރާރު ކުރި ބަހަކީ އޭއީ އޭނާއަށް ހައްގު އޭނާ ލިބެން ބޭނުންވާ އަދަބެއް ކަމަށެވެ. ދައުވާއަށް އިންކާރު ކުރިނަމަވެސް ތަކުރާރުކޮށް ފެންކަޅިވެފައި ބުނަމުން އައީ އޭނަ ކުއްޖަކު ގަސްތުގައި ނުމަރަން ކަމަށެވެ. އަދި އެކަން ކުރެވުނު ސަބަބެއްގެ ގޮތުގައި ތަކުރާރު ކޮށްފައިވަނީ އިންތިހާ ދަރަޖައަށް ކޮންޓްރޯލް ނުކުރެވޭވަރަށް ރުޅި އިސްކުރެވުމެވެ. އަދި "ރުޅި އިސް ނުކުރެވުނު ނަމައޭ، މަރާ ނުލެވުނު ނަމައޭ" އެތަށް ފަހަރަކު އޭނަ ތަކުރާރު ކޮށްފައި ވެއެވެ.

ސައިކޮލަޖިކަލް ރިޕޯޓްތަކުންވެސް ޑިޕްރެޝަނަން އާއި ރުޅި ކޮންްްޓްރޯލް ނުވުން އަދި ބަދަލު ހިފުމުގެ ރޫހު އާފިޔާގެ ގައިގާ މަތީދަރަޖައަކަށް ހުރިކަން ފާހަގަކޮށްފައި ވެއެވެ. އެހެން ނުވާންވީ ސަބަބެއްވެސް ނުވިސްނެ އެވެ. އުމުރުން ހަތް އަހަރުން ފެށިގެން ލިބެމުން އާ ޖިންސީ އަދި ނަފްސާނީ އަނިޔާތަކަކީ މީހަކު އެ ދަރަޖައަށް ދާން އެކަށޭނެ މިންވަރެއް ކަމުގައި ބުނެވިދާނެ އެވެ. އެއްވެސް ހާލަތެއްގައި މިއީ އާފިޔާ ކުއްވެރި ނުވާކަމަށް ބުނަނީއެއްވެސް ނޫނެވެ. އެހެންނަމަވެސް ހަ އަހަރާއި 11 މަހަށް ފަހު އިންސާފުގެ ލަފްޒުން އާފިޔާ 20 އަހަރަށް ޖަލަށް ލެވިގެންދިޔައިރު އާފިޔާގެ މުޅި ދިިރިއުޅުމުގައި އޭނައަށް ވީ އިހްމާލާއި ދިން އަނިޔާތަކަށް އިންސާފު ހޯދުމަށް މައްސަލަ ހުށަހެޅި ނަމަވެސް އިންސާފެއް ނުލިބުމުން އާފިޔާއައިމެދު ވެވޭ ބޭއިންސާފާއިމެދު ވެސް ސުވާލު އުފެދެއެވެ. 

އެދަރަޖައަށް އިންސާނަކު ވައްޓާލުމަށް ވަށައިގެންވީ މުޖުަތަަމައުއާއި އަމިއްލަ އާއިލާއާއި ރަށްޓިހެން ކަނޑައެޅިގެން މަޖުބޫރުން ކުރުވިކަން ބަޔާންތަކާއި ފެންނަން ހުރި ހެކިތަކުން އެގި ކަށަވަރު ވެއެވެ. އިބްތިހާލަކީ އާފިޔާއަށް ޝަރުއީ ގޮތުން ލިބުނު ކުއްޖެއް ނޫންކަމާއި، ހަޔާތުގައި ހޭކިފައިވާ ހަޑި ލައްގަނޑާއި 16 އަަހަރު ދުވަސްތެރޭ އާފިޔާއަށް ޖިސްމާނީ ގޮތުންނާއި ޖިންސީ އަދި ނަފްސާނީ ގޮތުން ލިބުނު އަނިޔާގެ މުލުގައިވާ އޭނަގެ ދޮން ބައްޕަގެ ހަނދާންތަށް އާކޮށްދޭ އޭނަގެ ސޫރަ އާފިޔާއަށް އާކޮށްދޭ އެއްޗަކަށް ކުޑަކުޑަ މައުސޫމް އިބްތިހާލް ހެދުމަށް ދިރިއުޅެމުން ދިޔަ މާހައުލުގެ އެންމެންނާއި ރަށްޓެހިން ހިތްވަރު ދިނުން މިއީ ކުށަކަށް ނުވޭތޯ އެވެ؟

ތަހުގީގަށް އާފިޔާ ދިން ބަޔާނަށް ބަލާއިރު، އާފިޔާ ރަކީދޫ މެރީން ކޯނާ ގޭގައި ދިރިއުޅުނު ދުވަސްވަރު ރަށުގެ އެންމެން ކަހަލަ ގޮތަކަަށް އިބްތިހާލުގެ އުޅުމާއި ހިނގުން އިސްމާއިލް ރައޫފާއި ވައްތަރުވާ ކަމަށާއި "އިބްތިހާލުވެސް އުޅޭނީ އިސްމާއިލް ރައުފް އުޅުނު ގޮތަށް" ކަމަށް ބުނެ ފުރުއްސާރަ ކުރަމުން ދިޔަކަމަށް އޭނާ ބުނެފައި ވެއެވެ. އަދި އޭގެ ސަބަބުން އާފިޔާއަށްވެސް އިބްތިހާލުގެ އުޅުމާއި ހިނގުން އިސްމާއިލް ރައޫފާ ވައްތަރުވެ އޭނަގެ މާޒީ އިބްތިހާލު ފެންނަ ކޮންމެ ފަހަރަކު އާ ވާކަމަށް އޭނަ ވަނީ ފެންކަޅިވެ ހުރެ ބަޔާން ދީފަ އެވެ. އަދި އިބްތިހާލު މަރާލަން ހިތަށް އެރީވެސް މީހުން ކިޔާ އެއްޗިއްސާއި ފުރުއްސާރާއިގެ ސަބަބުން ކަމަށް ތަކުރާރުކޮށް ބުނެފައިވެ އެވެ. 

އެހެންކަމުން މިއަދު ކުއްޖާއަށް އިންސާފު ހޯދަދެވުނުސް މި އިންސާފު އެންމެ އިންސާފު ވެރިތޯވެސް މިއީ އުފެދޭ ސުވާލެެކެވެ. މައްސަލައިގައި ކުއްވެރިވި އާފިޔާ 20 އަހަރަށް ޖަލަށް ލެވިގެން ދިޔައިރު ޖަލުގެ ކުޑަގޮޅިގެ ތޭރިތަކަށް ފަށްތަންޖެހޭ ހަމައެކަނި މީހަކީ އޭނަ އެކަނި ތޯ މިއީ ވެސް އުފެދޭ ސުވާލެކެވެ. މި މި މަރުގެ މުލުގައި ތިބި އެތައް ބަޔަކު އަދިވެސް ދޫވެފައި ތިބިއިރު ކުއްޖާގެ މަންމައަށް އިއްވި 20 އަހަރުގެ ޖަލު ހުކުމަކުން އެންމެ ފުރިހަމަ އިންސާފު ކުއްޖާއަށް ހޯދައިދެވިއްޖެ ކަމަށް ދޭކޭނީ ކިހިނަކުންތޯ އެވެ؟ 

18%
ކަމުގޮސްފި
6%
އަޑުއެހިތާ މިހުރީ
71%
ސަތޭކައަކުން ސުމެއް
6%
ވަރަށް ސަލާމް
ކޮމެންޓްސް