ads
ރޯދަމަސް
ކުރީގެ ދިރިއުޅުއްވުމުގެ ތެރެއިން: އަބޫބަކުރުގެފާނު
ތިރިގައިމިވާ މައުލޫމާތު ތަކަކީ، އަބޫބަކްރު އަލް ސިއްދީގީ ނުވަތަ އަބޫބަކުރު ގެފާނާއި ބެހޭގޮތުން އެކި އިލްމްވެރިން ލިޔުއްވާފައިވާ ލިޔުއްވުންތަކުން ނަކަލުކުރެވި އަދި އެއްކުރެވިފައިވާ މައުލޫމާތަކުން ތަރުޖަމާ ކުރެވިފައިވާ ބައެއް މައުލޫމާތުތަކެވެ. ވަރަށް ގިނަ ބޭފުޅުންނަށް ވެސް އެނގިވަޑައިގަންނަވާނޭ ފަދައިން، އަޅަމެންގެ މާތްނަބިއްޔާ މުޙައްމަދު (ރސއވ) ގެ އެންމެ އަރިސް ބޭފުޅެއްގެ ގޮތުގައި މަޝްހޫރުވެފައި ވަނީ އަބޫބަކުރުގެފާނެވެ. އެކަލޭގެފާނަކީ، ޚުލަފާއުއް ރާޝިދޫންގެ ފުރަތަމަ ޚަލީފާ އެވެ.
Advertisement

ދަރިފަސްކޮޅު އަދި މަގާމް

އަބޫބަކްރު އަލް ސިއްދީގީ ނުވަތަ އާއްމު ނަމުންނަމަ، "އަބޫބަކުރުގެފާނު" އަދި އަޅަމެންގެ މާތްނަބިއްޔާ މުޙައްމަދު (ރސއވ) އަށް ފަހު އުފެދުނު ޚިލާފަތުގެ އެންމެ ފުރަތަމަ ޚަލީފާގެ އަސްލު ނަންފުޅަކީ އަބްދުﷲ ބިން އަބޫ ގުހާފާ އުސްމާން ބިން އަމީރު އަލް ގުރައިޝީ އަލް ތާމީ އެވެ. ދަރިފަސްކޮޅުގެ ގޮތުން އަޅަމެންގެ މާތްނަބިއްޔާ މުޙައްމަދު (ރސއވ) ގެ ނަސަބުގެ ބޭފުޅުންނާއި، އަބޫބަކުރުގެފާނުގެ އާއިލާގެ ހަ ދަރިފަސްކޮޅުގެ ކުރިން ގުޅިފައިވެ އެވެ. އަބޫބަކުރުގެފާނު އުފަންވެވަޑައިގަތީ އީސާގެފާނު ދުނިޔެއަށް ވަޑައިގަތުމުގެ 573 އަހަރު ފަހުން މައްކާއަށެވެ. ބޮޑުފުޅުވެ ވަޑައިގަތީ އަމިއްލަ ބައްޕާފުޅާއި މަންމާފުޅުގެ އަރިހުގައި، މާތް އަހުލާގުގެ ހުރިހާ ސިފަފުޅުތަކާ އެކު އެވެ. ބައްޕާފުޅު، އުސްމާން އަބޫ ގުއާފާ އިސްލާމްވެ ވަޑައިގަތީ މައްކާ ފަތަހަ ކުރެއްވި ދުވަހު އެވެ. އެހެން ނަމަވެސް މަންމާފުޅު އެއަށްވުރެ ކުރިން އިސްލާމްވެ ވަޑައިގެން މަދީނާއަށް ހިޖުރަ ކުރެއްވި އެވެ.

ހަށިގަނޑުގެ ބައެއް ސިފަފުޅުތައް

އަބޫބަކުރުގެފާނުގެ ދަރިކަނބަލުން އާއިޝާ (ރ.އ) ވިދާޅުވިކަމަށް ބައެއް ބޭފުޅުން ވިދާޅުވާގޮތުގައި، އަބޫބަކުރުގެފާނަކީ އިސްކޮޅުން ދިގު، ހިމަތޮޅިކޮށް ހުންނެވި، ގައިގެ ކުލަ ދޮން އަދި ނިތްކުރި ފުޅާ ބޭފުޅެކެވެ.

ކުރީގެ ހަޔާތްޕުޅުން ތަންކޮޅެއް

އަބޫބަކުރު ސިއްދީޤު (ރ.އ) ވެސް ޅައިރުގެ ދުވަސްތައް ހޭދަކުރެއްވީ، އެޒަމާނުގެ އެހެން އަރަބި ކުދިން ފަދައިން، ބަދުޢީންގެ ތެރޭގަ އެވެ. ފުރަތަމަ އަހަރުތަކުގައި ޖަމަލާއި ބަކަރިތަކާ ކުޅެމުން ދިޔަ އިރު، ޖަމަލަށް ލޯބި ކުރައްވާތީ "އަބޫބަކުރު" ގެ ލަގަބު ލިބިވަޑައިގެންނެވި އެވެ. މާނައަކީ "ޖަމަލުތަކުގެ ބައްޕަ" އެވެ.

މީލާދީން 591 ވަނަ އަހަރު ކުރިން، އުމުރުފުޅުން 18 އަހަރުގައި އަބޫބަކުރު (ރ.އ) ވިޔަފާރި ދާއިރާއަށް ނުކުމެވަޑައިގެން، އާއިލާގެ ވިޔަފާރި ކަމަށްވާ ފޮތީގެ ވިޔަފާރި ކުރެއްވުމުގައި އުޅުއްވި އެވެ. އެ ވިޔަފާރި ފެއްޓެވީ ސާޅީސް ހާސް ދިރުހަމްގެ ރައުސުލްމާލަކުންންނެވެ. 

އޭގެ ފަހުން އައި އަހަރުތަކުގައި އަބޫބަކުރު (ރ.އ) ގާފިލާތަކާއެކު (އެއްތަނުން އަނެއްތަނަށް ފަސިންޖަރުން އުފުލާ ޖަމަލުތަކުގެ ސިލްސިލާ) ގިނަ ދަތުރުތަކެއް ކުރެއްވި އެވެ. ވިޔަފާރީގެ ދަތުރުތަކުގައި ވަޑައިގެންނެވީ ޔަމަނާއި ސީރިއާ އަދި މިހާރުގެ މެދުއިރުމަތީގެ ގައުމުތަކަށެވެ. ވިޔަފާރި ކުރިއަރައި ދިއުމުގެ ސަބަބުން ބައްޕާފުޅު ދުނިޔޭގައި ހުންނެވި ނަމަވެސް، އެކަލޭގެފާނަށް އަރަބި ގަބީލާތަކުގެ ތާރީހާ ބެހޭގޮތުން އިލްމު (ނަސްލީ އިލްމު)، ސިޔާސީ ކަންކަމާއި، ވިޔަފާރީގެ އިލްމާއި އަދި އޯގާތެރިކަމާއި މިފަދަ އެތައް ކަމެއްގެ ސަބަބުން އަބޫބަކުރު (ރ.އ.) އަކީ ގަބީލާގެ ވެރިއެއްގެ ގޮތުގައި މީސްތަކުން ބަލައިގެންނެވި ބޭކަލެކެވެ.

އަބޫބަކުރު ސިއްދީޤު (ރ.އ) އަކީ ފާހަގަކޮށްލެވޭ ފަދަ ހެޔޮލަފާ ބޭކަލެކެވެ. އިސްލާމް ދީނުގެ ކުރިން ވެސް ބަނގުރާ ހިއްޕެވުން އަމިއްލައަށް ހަރާމް ކުރައްވައިގެން ހުންނެވި ބޭކަލެކެވެ. އެއް ފަހަރަކު މީހަކު އެކަލޭގެފާނާ ސުވާލުކުރި އެވެ.

”ދުވަހަކުވެސް ބަނގުރާ ހިއްޕިވިންތޯ؟"

އަބޫބަކުރު (ރ.އ) ޖަވާބު ދެއްވި އެވެ.

"އަހަރެން ހިމާޔަތް ހޯދަނީ الله ގެ ޙަޟްރަތުން، އަހަރެން ދުވަހަކު ވެސް އެކަން ނުކުރަން."

އެމީހަކު އަނެއްކާ ވެސް އެއްސެވި އެވެ.

"އެކީއްވެތޯ އެވެ؟"

ޖަވާބު ދެއްވި އެވެ.

"އަހުރެން، އަހުރެންގެ ޝަރަފު ދަމަހައްޓައި އަހުރެންގެ ކަރާމާތް ދަމަހައްޓަމެވެ."

އަބޫބަކުރު ސިއްދީޤު (ރ.އ) ދުވަހަކު ވެސް ބުދުތަކަށް އަޅުކަންކޮށް، ބުދުތަކަށް ސަޖިދަކޮށްފައެއް ނުވެއެވެ. އެއް ފަހަރަކު ރަސޫލާ މުޙައްމަދު (ޞޢވ) އާއި އެކަލޭގެފާނުގެ ޞަޙާބީ (ޞަޙާބީން) ގެ ޖަމާޢަތެއްގައި އަބޫބަކުރު (ރ.އ) ވިދާޅުވެފައިވެ އެވެ.

"އަހުރެން ދުވަހަކު ވެސް ބުދުތަކަށް އަޅުކަންކޮށް ބުދުތަކަށް ސަޖިދަކޮށްފައެއް ނުވާނެ އެވެ. އެއް ފަހަރަކު، އަހުރެންގެ ބައްޕާފުޅު، ކައުބާގައިވާ ބުދުތަކުގެ ކައިރިއަށް އަހުރެން ގެންދެވާފައި ވިދާޅުވި އެވެ: "މިއީ ތިބާގެ ބޮޑު މަތިވެރި ކަލާނގެތަކެކެވެ." މިހެން ވިދާޅުވުމަށް ފަހު ބައްޕާފުޅު ކަމެއްކުރައްވާން ވަޑައިގެންނެވުމުން، އަހުރެން ބުދެއްގެ ކުރިމައްޗަށް ކުރިއަށް ގޮސް ބުނީ މެވެ: "އަހުރެން ބަނޑު ހައިވެއްޖެ. އަހަންނަށް ކާންދީފާނަންތަ؟" އެއިން ބުދެއްގެ ފަރާތުން އެއްވެސް ޖަވާބެއް ނުލިބުމުން އަނެއްކާ ވެސް ބުނީ މެވެ: "އަހަންނަށް ރީތި ހެދުންތަކެއް ބޭނުންވެ އެވެ. އެ ހެދުންތައް އަހަންނަށް ދެއްވާށެވެ." މިސުވާލަކަށް ވެސް ޖަވާބެއް ނުލިބުނެވެ. ދެން އަހުރެން އެއިން ބުދަކާއި ދިމާލަށް ހިލައެއް އެއްލައިލުމުން އެއިން ސަލާމަތްވާން ވެސް އެ އަޔަކަށް ނޭނގުނެވެ. އޭގެ ފަހުން އަހުރެން ދުވަހަކު ވެސް ކައުބާގެ ބުދުތައް ކައިރިއަށް، ނުދަމެވެ."

ޖާހިލުކަމުގެ މުޖުތަމައުއެއްގެ ތެރޭގައި ބޮޑުފުޅުވެ ވަޑައިގަތަސް، އިސްލާމް ދީނުގެ ކުރިން ވެސް، އަބޫބަކުރު ސިއްދީޤު (ރ.އ) އަކީ، މަތީ އަހުލާގާއި، ރަނގަޅު ސުލޫކުތަކެއް ލިބިވަޑައިގެން ހުންނެވި ބޭކަލެކެވެ. މަތިވެރި އަހުލާގާ އެކު، ލީޑަރެއްގެ ގޮތުގައި މައްކާގެ ރައްޔިތުންގެ ތެރޭގައި މަޝްހޫރު ވެވަޑައިގެންނެވި ބޭފުޅެކެވެ. މިގޮތުން ދުވަހަކު ވެސް ޤުރައިޝުންގެ ގަބީލާގެ ތެރޭގައިވާ އުނިކަމަކާ ހެދި އަބޫބަކުރު ސިއްދީޤު (ރ.އ) އަށް އެއްވެސް ފާޑެއް ރައްދުވެފައެއް ނުވެ އެވެ.

އިސްލާމް ދީން ގަބޫލު ކުރެއްވުން

އަބޫބަކުރުގެފާނު އިސްލާމް ދީން ގަބޫލު ކުރައްވަނީ ހަގީގީ ދީން ހޯދުމަށް ގިނަ ދުވަސްތަކެއް ވަންދެން އުޅުއްވުމަށް ފަހުގަ އެވެ. އަދި އެކަލޭގެފާނަކީ، ރަސޫލާ މުޙައްމަދު (ޞައްލަالله ޢަލައިހި ވަސައްލަމަ) އަށް ރައްދު ދެއްވައި އީމާންވެވަޑައިގެންނެވި އެންމެ ފުރަތަމަ އިންސާނާ އެވެ.

އެކަލޭގެފާނަކީ ޤުރައިޝް ވަންހަ އާ ގާތް ގުޅުމެއް އޮތް ބޭފުޅަކަށްވެފައި އަދި، الله ތަޢާލާ މަތިވެރިކުރެއްވި މަތިވެރި ސިފަފުޅުގެ ވެރި އަކަށް ވުމުގެ އިތުރުން އަބޫބަކުރު (ރ.އ) އަކީ އިސްލާމް ދީނަށް ކާމިޔާބީގެ މަސްދަރެއް ކަމުގައި ވާތީ އާ އެކު، އެކަލޭގެފާނު އިސްލާމް ދީން ގަބޫލު ކުރެއްވުމުން، އެކަމާ އަޅަމަންގެ ރަސޫލާ (ޞޢވ) ވަރަށް އުފާފުޅު ކުރެއްވި އެވެ. 

އެ ކަލޭގެފާނަކީ ބުދަށް އަޅުކަން ކުރުމުގެ ސައްހަކަމާ މެދު އަބަދު ވެސް ޝައްކު ކުރައްވާ ބޭފުޅެކެވެ. އެހެން ކަމުން އިސްލާމް ދީން ގަބޫލު ކުރެއްވިއިރު، އެހެން މީހުން އެކަމަށް ޝައުޤުވެރި ކުރުވުމަށް ކުރެވެން އޮތް ހުރިހާ މަސައްކަތެއް ކުރެއްވި އެވެ. ވަރަށް އަވަހަށް ޢުޘްމާން ބިން އައްފާން (ރ.އ)، ޢަބްދުއް ރަޙްމާން ބިން ޢައުފް (ރ.އ)، ތަލްޙަ ބިން އުބައިދިއްލާ (ރ.އ)، ސާދު ބިން އަބީ ވަޤާސް (ރ.އ)، އަލްޒުބައިރު ބިން އަލްޢައްވާމް (ރ.އ) އަދި އަބޫ އުބައިދާ ބިން އައި-ޖައްރާ ( ރ.އ.) މިއެއްމެ ބޭކަލުން އިސްލާމް ދީން ގަބޫލް ކުރައްވާ، ނަބިއްޔާ މުޙައްމަދު (ސ.އ.ވ) އާ ގުޅިވަޑައިގަތުމަށް ނިންމި އެވެ.

އެންމެ ފުރަތަމަ އިސްލާމީ ދަރުހެއް ދެއްވި އަބޫބަކުރުގެފާނެ އެވެ. މިކަން ހިނގާފައި ވަނީ، މުހައްމަދު (ރ.ސ.ވ) ގެ ގޮވާލެއްވުމަށް އިޖާބަ ދެއްވި މީހުންގެ އަދަދު 39 އެރުމާ އެކު، ފާޅުގައި ދީނުގެ ވާހަކަ ދެއްކެވުމުގެ ހުއްދައަކައަށް އަބޫބަކުރުގެފާނު އެދިވަޑައިގަތުމުން ނެވެ. މިއެދިވަޑައިގަތުމަށް އިޖާބަ ދެއްވާ، އެވަގުތު އިސްލާމް ދީން ގަބޫލް ކުރައްވައިގެން ތިއްވެވި ހުރިހާ ފަރާތްތަކެއް ކައުބަތުﷲ ގެފުޅަށް އެއްކުރެއްވިކަމަށްވެ އެވެ. މިގޮތުން އެއްވި މީސްތަކުންނާއި މުހާތަބު ކުރައްވައި، އަބޫބަކުރުގެފާނު ދެއްކެވި ވާހަކަފުޅަކީ އިސްލާމްދީނުގެ އިލްމްވެރިއަކު ދެއްވި ފުރަތަމަ ދަރުސްކަމަށް އިސްލާމީ ތާރީހު ދިރާސާ ކުރައްވާ ގިނަ ފަރާތްތަކުން ދެކެއެވެ.

ނޯޓް:

މިއީ 1444 ވަނަ އަހަރުގެ ރަމަޟާން މަހު ސީއެންއެމްއިން ސިލްސިލާކޮށް ގެނެސް ދިނުމަށް ހަމަޖެހިފައިވާ އިސްލާމީ ޝަޚްސިއްޔަތްތަކުގެ (އަޅަމެންގެ މާތް ނަބިޔްޔާ އަށް ފަހު)  އެންމެ ފާހަގަކޮށްލެވޭ ބޭބޭފުޅުންގެ ދިރިއުޅުއްވުން ހުށަހަޅައިދިނުމަށް ހިމަނާފައިވާ ސިލްސިލާ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް