ads
މިނިސްޓަރު ޝައުނާ
ވޭސްޓް ޓްރާންސްފާ ސެންޓަރާއެކު އިންގިލާބީ ބަދަލެއް އަންނާނެ
މިހާރު މާލޭގައި ގާއިމްކުރެވެމުންދާ ވޭސްޓް ޓްރާންސްފާ ސެންޓަރު ނިމި، އެތަނަށް ބޭނުންވާ ވަސީލަތްތައް ގާއިމްކުރެވުމުން، ގްރޭޓާ މާލެ ސަރަހައްދުގެ ކުނި މެނޭޖްކުރުމަށް އިންގިލާބީ ބަދަލެއް އަންނާނެ ކަމަށް މިނިސްޓަރ އޮފް އެންވައަރޮމެންޓް ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮކޮލޮޖީ އާމިނަތު ޝައުނާ ވިދާޅުވެއްޖެއެވެ.
Advertisement

މިނިސްޓަރު ޝައުނާ މިހެން ވިދާޅުވީ، މާލޭ އިންޑަސްޓްރިއަލް ވިލެޖްގައި މިހާރު އިމާރާތްކުރެވެމުންދާ ވޭސްޓް ޓްރާންސްފަރު ސެންޓަރުގެ މަސައްކަތްތައް ކުރިއަށްދާގޮތް ނޫސްވެރިންނަށް ދައްކާލެވުމައްފަހު ނޫސްވެރިންނާއި ވާހަކަފުޅު ދައްކަވަމުންނެވެ.

ނޫސްވެރިންނާއި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ޝައުނާ ވިދާޅުވީ، މިސެންޓަރު ނިމި ބޭނުންކުރެވެންފެށުމުން، ގެންނަ ކުނި ވަކިކޮށް، ބަރުދަނަށް އަގުކުރެވި، އަދި އޭގެފަހުން ނައްތާލުމަށް ތިލަފުއްޓަށް ފޮނުވާލުމުގެ ކުރިން އެކުންޏެއް ނިސްބަތްވާ ކޮންޓެއިނަރުގައި ބަންދުކުރެވިގެންދާނެ ކަމަށެވެ. އަދި އުއްމީދުކުރަނީ، މި ސެންޓަރާއެއެކު، ވެމްކޯއަށް ކުނި ނައްތާލުމަށްބޭނުންވާ ތަކެއްޗާއި ވަސީލަތްތައް ހޯދައިދެވުނީ ކަމަށް ގަބޫލުކުރައްވާ ކަމަށާއި، އަދި މިސެންޓަރު ބޭނުންކުރަންފެށުމާއިއެކު، މާލެ ސަރަހައްދުގައި ކުނި މެނޭޖްކުރުމަށް ކުރާ މަސައްކަތްތަކަށް އިންގިިލާބީ ބަދަލެއް އަންނާނެކަމަށެވެ.

މިބައްދަލަވުމުގައި ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަންގެ މެނޭޖިންގް ޑައިރެކްޓަރު ޔޫސުފް ސިރާޖު ވިދާޅުވީ، މި ސެންޓަރުގެ ބޭނުންހިފަންފެށުމާއެކު، މިހާރު އުޅަނދުތަކުގައި ބަންދުނުކޮށް ތިލަފުއްޓަށް ގެންދާ ކުނި، މޫދަށް އެޅޭއެޅުން ހުއްޓުމަކަށް އަންނާނެކަމަށާއި، އަދި މީގެ އިތުރުން، ކުނި ނައްތާލެވެމުގެ ކުރިން ބަހާލެވި، އަދި ކޮންޓެއިނަރުތަކުގައި ބަންދުކުރެވިގެން އުފުލުމަކީ ވެމްކޯގެ މަސައްކަތްތައް އިތުރަށް ފަސޭހަވެގެންދާނެކަމެއްކަމަށް ދެކިލައްވާކަމަށެވެ.

މިދިޔަ އަހަރުގެ ޖޫން މަހުގެ 21 ވަނަދުވަހު، ޗައިނާގެ ސްޓޭޓް ކޮންސްޓްރަކްޝަން އިންޖިނިއަރިން ކޯޕޮރޭޝަންއާއި ހަވާލުކުރެވިގެން ކުރިއަށް ގެންދާ މި އިމާރާތް ހެދުމުގެ މަސައްކަތް ނިމި މިއަންނަ ޖުލައި މަހުގެ ތެރޭގައި ބޭނުންކުރެވެންފެށޭވަރުވާނެ ކަމަށް މިނިސްޓަރު ޝައުނާ މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވެފައިވެއެވެ.

ވޭސްޓް ޓްރާންސްފާ ސްޓޭޝަނަކީ މާލެ އާއި ވިލިމާލެ އަދި ހުޅުމާލެއިން ނަގާކުނި ޖަމާކުރާތަނެވެ. ކުނި ޖަމާކުރަން ހަދާ 3 ބުރީގެ އިމާރާތުގެ އިތުރުން މިތަނުގައި މިިނިސްޓްރީ އޮފް އެންވައަރޮމެންޓް ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީގެ، ވޭސްޓް ޑިޕާޓްމަންޓާއި، އެންވައަރޮމެންޓަލް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ) އާއި އަދި ވެމްކޯގެ އޮފީސް އިމާރާތްވެސް އިމާރާތްކުރެވިގެންދާނެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް