އާބަންކޯއިން ބުނީ ކޮންމެ އަހަރެއްގެ ވެސް ރޯދަ މަހު އެ ކޯޕަރޭޝަނުން އަންނަނީ ކޮމިއުނިޓީ ރޯދަ ވީއްލުމެއް ބާއްވަމުން ކަމަށެވެ. އެ ރޯދަ ވީއްލުންތަކަކީ އާބަންކޯގެ އެންމެ ބޮޑު އެއް އަމާޒުކަމުގައިވާ ބަދަހި މުޖުތަމައުއެއް ބިނާކުރުމަށް ކުރެވޭ މަސައްކަތެއް ކަމަށް އެ ކޯޕަރޭޝަނުން ބުނެއެވެ.
އާބަންކޯއިން ބުނި ގޮތުގައި މި އަހަރުގެ ރޯދަ ވީއްލުން ހާއްސަކޮށްފައި ވަނީ ހުޅުމާލޭގައި ހިންގަމުން އަންނަ އޯޓިޒްމް ސެންޓަރަށް ކަމުގައެވެ. އެ ކޯޕަރޭޝަނުން އިންތިޒާމުކުރި ރޯދަ ވީއްލުމަށް އެ ސެންޓަރުގައި ރަޖިސްޓްރީވެފައިވާ 192 ކުދިންނާއި އެ ކުދިންގެ ބެލެނިވެރިންގެ އިތުރުން 40 މުވައްޒަފުންނަށް ދައުވަތު ދެވުނު ކަމަށް އާބަންކޯއިން ބުނެއެވެ.
އިއްޔެ ސެންޓްރަލް ޕާކުގައި ބޭއްވި ރޯދަ ވީއްލުމުގެ ކުރިން އެ ރޯދަ ވީއްލުމުގައި ބައިވެރިވި ކުދިންނަށް ހާއްސަކޮށް ރޮބޯމޭންގެ ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފައިވާ ކަމަށް އެ ކޯޕަރޭޝަނުން ބުނެއެވެ.
އާބަންކޯއިން ބުނެފައިވަނީ ހިނގަމުން މިދާ އެޕްރީލް މަހަކީ އިންޓަނޭޝަނަލް އޯޓިޒަމް އެވެއަނެސް މަހުގެ ގޮތުގައި ފާހަގަކުރަމުން އަންނަ މަސްކަމަށް ވުމާ އެކު ރޯދަ ވީއްލުން އޯޓިޒަމް ސެންޓަރަށް ހާއްސަ ކުރީ މި މަސް ފާހަގަކުރުމަށް އެ ކޯޕަރޭޝަނުގެ ފަރާތުން ބޭއްވޭ ހަރަކާތެއްގެ ގޮތުގައި ކަމަށެވެ.
އޯޓިޒަމަކީ ކުއްޖާ އުފެދުމުގައި ހުންނަ ޑިސްއޯޑައެކެވެ. ނުވަތަ ނިއުރޮލޮޖިކަލް ޑިސްއޯޑަ ނުވަތަ ސިކުނޑި މަސައްކަތް ކުރާ ގޮތުގައި ހުންނަ ތަފާތު ވުމެކެވެ. އެކި މީހުން މިކަން ތަހައްމަލު ކުރާ މިންވަރު ތަފާތުވާތީ އެއަށް އޯޓިޒަމް ސްޕެކްޓްރަމް ޑިސްއޯޑަވެސް ކިއައެވެ.