ދަރިން ނުލިބޭ ކަމުގައިވާނަމަ ދެމެފިރިންގެ ދިރިއުޅުމުގައި، ހަޔާތުގެ ފޮނިކަމެއް ވެސް ނުލިބޭނެ އެވެ. މިހެން ކަމުން ދަރިއަކު ހޯދުމަށް މަސައްކަތް ކުރާ ދެމެފިރިންގެ ހަޔާތަށް ބަހާރު މޫސުމެއް އަންނާނީ ދަރިން ލިބި ހަޔާތަށް އާރޯ ކަމެއް ލިބިގެންނެވެ.
ފާޓިލިޓީ ހިދުމަތް ބޭނުންވާ އެތައް އާއިލާއެއް ރާއްޖޭގެ އެބަ ތިއްބެވެ. މި ފަރުވާ އަށް އޮތް އެންމެބޮޑު ހައްލަކީ ރާއްޖެއިން ބޭސްފަރުވާ ކުރުން ކަމުގައިވެސް އެފަރުވާ ބޭނުންވާ ބައެއް މީހުންނަށް ގަބޫލު ކުރެއެވެ. ސަބަބަކީ ބޭސް ފަރުވާގެ އަގު ބޮޑުވުމެވެ. އެގޮތުން މިހާރު ވެސް ވަރަށް ގިނަ ފަރާތްތަކެއް ފަރުވާ ލިބިގަންނަމުންދާއިރު، އެންމެ ބޮޑު މައްސަލައަކީ ދަރިމައިވުމަކީ ބައްޔެއްކަމުގައި ކަނޑައެޅިފައި ނެތުމެވެ.
އޭގެ ސަބަބުން ދިވެހި ކޮންމެ ރައްޔިތަކަށް ލިބިދީގެންދާ އާސަންދައިން ދަރިމައިވުމުގެ ބޭސް ފަރުވާ ނުހިމެނެ އެވެ. އާސަންދައިގެ ތެރެއަށް މި ފަރުވާ ވަދެފައިނުވާތީ ބޭސް ކުރަން ބޭނުންވާ މީހެއް ކަމުގައިވާ ނަމަ އެތައް ހަރަދެއް އަތުން މިކަމަށް ކުރަންޖެ އެވެ. އަދި އަތޮޅުތެރޭގައި އުޅޭފަރާތެއްނަމަ މާލެ އައިސް ފަރުވާ ލިބިގަތުމަކީ ވެސް މާބޮޑު ތަކުލީފަކަށް ވެސް ވަނީ ވެފައެވެ.
އެހެންކަމުން މި ފަރުވާ ބައެއް ހާލަތްތަކުގައި އެންމެ އެދެވޭ ގޮތަކަށް ލިބިގެންނުދެއެވެ. އަމިއްލަ ޒާތުގައި އަންހެން މީހާއަށް ނުވަތަ ފިރިހެން މީހާ އަށް ދިމާވާ ސިއްހީ ކަމެއްގެ ސަބަބުން ދަރިފަނި ރަހިމުގައި އާލާކުރަން ޖެހޭ ހާލަތު އާދެއެވެ. އެފަދަ ފަރާތްތަކަށް ޑޮކްޓަރުން ލަފާ ދެއްވަނީ ރާއްޖެއިން ބޭރަށް ދިއުމަށެވެ. އާންމު ގޮތެއްގައި މިފަދަ ފަރާތްތައް ދަރިފަނި ރަހިމުގައި އަށަގަނުވާ ފަރުވާ (އައިވީއެފް) ރާއްޖޭގައި ގާއިމުވާނެ ދުވަހަކަށް ދިޔައީ އުއްމިދުތަކެއް ކުރަމުންނެވެ.
އެއީ ރާއްޖޭގައި ހުރެގެން އެފަރުވާ ނުލިބޭތީ އާ އެކުގަވެސްމެއެވެ. އެގޮތުން ރާއްޖޭން ބޭރުން އައިވިއެފް ފަރުވާއަށް ގޮސް ފަރުވާ ލިބިފައިވާ މީހުންގެ އަތުން އެއްލައްކަ އާ ގާތްކުރާ އަދަދަކަށް ފައިސާ ހަރަދުވާކަމަކަށް އައިވިއެފް ފަރުވާ ހޯދާފައިވާ މީހުންގެ ފަރާތުން އެނގެ އެވެ. މިހާ ބޮޑު ހަރަދުކޮށްގެން މިއީ ކޮންމެ ކޮންމެ ހޯދޭވަރުގެ ފަރުވާއަކަށް ނުވެ އެވެ. ނަމަވެސް ދަރިއަކު ހޯދުމަށް މި ފަދަ މީހުން ދިޔައީ އުއްމީދު ކުރަމުންނެވެ. މި ކަމަށް ހައްލެއް ނުލިބިދާ މައްސަލައަށް އަވަސް ހައްލެއް ލިބޭތޯ ރައްޔިތުންގެ މަޖިލީހުގައި ވެސް ވަނީ ބަހުސްކޮށްފަ އެވެ. ވަކި ގޮތަކަށް މި މައްސަަލަ ނިމިފައި ނުވި ނަމަވެސް މި ފަރުވާ ހޯދަން ޖެހޭ މީހުންގެ އަދަދު ދުވަހެއް ދުވަހަކަށް އަންނަނީ ގިނަވަމުންނެވެ.
ދަރިއަކު ލިބުމަށް ފަހު އޭގެފަހުން ދަރިއަކު ނުލިބިގެން ދަރިއަކު ހޯދުމަށް މަސައްކަތް ކުރަމުންދާ މީހަކު ސީއެންއެމް އަށް ކިޔައިދިނީ؛ މިހާރު ހުރި ކުއްޖާއަށް 15 އަހަރުވެފައިވާ ކަމަށާއި، ކުއްޖާ ވިހެއި ފަހުން އިތުރު ކުއްޖަކު ނުލިބޭ ކަމަށެވެ.
އެއީ ހޮމޯންސަަށް އައިސްފައިވާ ބަދަލަކާއެކު މީހާ މާބޮޑަށް ފަލަވުމުގެ ސަބަބުން ވާ ކަމެއްކަމަށާއި، އޭގެ ފަހުން ޑޮކްރުންނަށް ވަރަށް ގިނައިން ދެއްކޭ ކަމަށް ވެސް އެމީހާ ކިޔައިދިނެވެ. ނަމަވެސް އެމީހާ ބުނީ ބޭސް ކުރަން ފެށި ފަހުން ބޭހަށް އެއްވެސް ވަރަކަށް އާސަންދަ ކަވަރުނުކުރާ ކަމަށެވެ.
މި ކަމަށް ހައްލެއ ހޯދުމުގެ ގޮތުން ފަރޓިލިޓީ ކެއަރ ޕްރޮގްރާމެއް ތަޢާރަފްކުރުމަށްޓަކައި ވާންޖެހޭ ތައްޔާރީތައް ސަރުކާރުން ވަމުން އަންނަ ކަމުގައި ޓްރީ ޓޮޕް ހޮސްޕިޓަލުގެ، ފަރޓިލިޓީ ސެންޓަރު ހުޅުވައިދެއްވައި ވާހަކަފުޅު ދައްކަވަމުން ރައީސް ވަނީ ވިދާޅުވެފައެވެ. ޓްރީޓޮޕް ހޮސްޕިޓަލުގައި ހުޅުވި ދަރިމައިވުމުގެ ފަރުވާއާ ބެހޭ ހާއްސަ ކްލިނިކް މިއީ ރާއްޖޭގައި މުޅިން އަލަށް ފަށާ ފަރުވާއަކަށް ވިޔަސް، މިއީ ރާއްޖެއަށް ވަރަށް ބޭނުންތެރި ފަރުވާއެއް ކަމަށާއި، މި ހިދުމަތް ފެށުމުން ހާސިލުވާނެ އެންމެ ރަނގަޅު ނަތީޖާއަކީ، ރާއްޖެއިން ބޭރަށް ނުގޮސް، ވަޒީފާއިން ވަކިނުވެ ނުވަތަ ނޯޕޭލީވް ނުނަގައި، އަދި ޢާއިލާގެ ކައިރީގައި ހުރެގެން، ފަރުވާ ހޯދުމުގެ ފުރުސަތު ލިބުންކަމުގައިވެސް ރައީސް ވިދާޅުވެފައިވެއެވެ.
ސަރުކާރުން ތައާރަފު ކުރައްވަން އަންނަ ނޭޝަނަލް ފަރޓިލިޓީ ކެއާ ޕްރޮގްރާމާއި ބެހޭގޮތުންވެސް ވިދާޅުވީ މިފަދަ ޕްރޮގްރާމެއް ތަޢާރަފްކުރުމަށްޓަކައި، ރާއްޖެއިން ބޭރުގައި ޢަމަލުކުރާ އުޞޫލުތަކަށް ރިޢާޔަތްކޮށް، އެކަމަށް އެންމެ ބޭނުންޖެހިފައިވާ މީހުންނަށް ބޭނުންތެރި ނިޒާމެއް ގާއިމުކުރުމަކީ މުހިއްމު ކަމެއްކަމުގައެވެ. އެގޮތުން މިފަަދަ ޕްރޮގްރާމަކަށް ޝަރުތު ފުރިހަމަވާނެ މީހުން ކަނޑައެޅުމާއި، ދަރިމައިވުމުގެ ސިއްހަތާ ގުޅޭ މަޢުލޫމާތު ފުޅާ ދާއިރާއެއްގައި ފޯރުކޮށްދިނުމުގެ މަސައްކަތް ސަރުކާރުން މިހާރު ފަށަފއިވާ ކަމުގައެވެ. ރާއްޖޭގައި މިފަދަ ހިދުމަތްތައް ދޭން ފެށުމުން، ރާއްޖޭން ބޭރުން މިފަދަ ފަރުވާތަކަށް ކުރާ އެތައް ޚަރަދެއް ވެސް ސަލާމަތް ކުރެވި އޭގެ ފައިދާ ރާއްޖޭގެ އިގްތިސާދަށް ވެސް ކުރާނެކަން ރައީސްގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ. އަދި ޓްރީޓޮޕް ހޮސްޕިޓަލުގެ މި ފަރޓިލިޓީ ސެންޓަރު ހުޅުވުމުގެ ބޭނުމަކީ ރާއްޖޭގައިތިބި ދަރިމައިނުވުމުގެ މައްސަލަތައް ހުންނަ ފަރާތްތަކަށް ބޭނުންވާ ފަރުވާތައް ލިބޭނެ ފަސޭހަ އިންތިޒާމެއް ހަމަޖެއްސުން ކަމުގައިވެސް ވަނީ ވިދާޅުވެފައިއެވެ.
ފާޓިލިޓި ހިދުމަތް ތައާރަފްކުރުމުގެ ގޮތުން ރާއްޖޭގައި މި ފެށެނީ އައިވިއެފް އެވެ. ރާއްޖޭން ބޭރަށް ނުގޮސް މިކަމަށް މި ލިބެނީ ހައްލެކެވެ. ނަމަވެސް އެފަދަ އާއިލާތަކުން އެދެނީ އާސްނަދައިން ދަރިމައިމައިވުމުގެ ފަރުވާ އަށް ލިބޭ ބޭސް ލިބޭނެ ގޮތް ވުމަށެވެ.