މާދަމާއިން މި މަހުގެ 22 އަށް ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވާ މި މުބާރާތަކީ ފިރިހެން އިންވިޓޭޝަނަލް މުބާރާތެކެވެ. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ދެން ވާދަކުރާނީ ބަންގްލަދޭޝް، ބޫޓާން، ނޭޕާލް އަދި ޕާކިސްތާނެވެ. ބޫޓާން އަދި ނޭޕާލް ޓީމު މިހާރު މާލެ އައިސްފައިވާއިރު، ބަންގްލަދޭޝް ޓީމު މިރޭ އަންނާނެއެވެ. އަދި ޕާކިސްތާނު ޓީމު މާދަމާ މާލެ އައުމަށްވަނީ ހަމަ ޖެހިފައެވެ.
މުބާރާތުގެ ފުރަތަމަ މެޗުގައި މާދަމާ ހަވީރު ކުޅޭނީ، ނޭޕާލާ ބޫޓާނެވެ. އެއަށް ފަހު މާދަމާ ރޭ ރާއްޖެއާ ބަންގްލަދޭޝްގެ މެޗު އޮންނާނެއެވެ. މި މުބާރާތައް ތައްޔާރުވުމުގެ ގޮތުން ޤައުމީ ޓީމުން ވަނީ އިންޑިއާގެ ޕަޑުކޯން ރާވިޑް ސެންޓާ ފޯ ސްޕޯޓްސް އެކްސަލަންސް ހައި ޕާފޯމަންސް ސެންޓަރުގައި 14 ދުވަހުގެ ކޭމްޕެއް ކުރިޔަށް ގެންގޮސްފައެވެ.
މުބާރާތުގެ ފައިނަލް މެޗު އޮންނާނީ އަންނަ ބުދަ ދުވަހުއެވެ.