ކްރޮސް ސަބްސިޑީ އުސޫލުން ހަތް އަތޮޅެއްގެ ހަތް ރަށެއްގައި އެއާޕޯޓު ތަރައްގީ ކުރުމަށް ޕްލޭނިން މިނިސްޓްރީން އިއުލާނުކުރިއިރު، މި އެއާޕޯޓުތައް ތަރައްގީ ކުރުމަށް 29 މިލިއަން ޑޮލަރު (447 މިލިއަން ރުފިޔާ) އާއި 40 މިލިއަން ޑޮލަރު (616 މިލިއަން ރުފިޔާ) އާ ދެމެދުގެ އަގެއް ހޭދަވާނެ ކަމަށް އެ މިނިސްޓްރީން ބުނެފައިވެއެވެ.
ތަރައްގީ ކުރުމަށް ހުޅުވާލި އެއާޕޯޓުތައް:
ޕްލޭނިން މިނިސްޓްރީން ބުނީ މަކުނުދޫ، ބިލެތްފަހި، ތުޅާދޫ، ވިލުފުށި، މަގޫދޫގެ އިތުރުން ރ. އަތޮޅު ދެކުނުބިތުގެ އެއާޕޯޓަށް ފައިނޭންސް ކުރުމަށް އެންމެ ދަށްވެގެން ހުށަހެޅޭނެ އަދަދަކީ ތިން މިލިއަން އެމެރިކާ ޑޮލަރު (46 މިލިއަން ރުފިޔާ) ކަމަށެވެ. ފޮއްތެޔޮފަޅު އެއާޕޯޓަށް ފައިނޭންސް ކުރުމަށް އެންމެ ދަށްވެގެން ހުށަހެޅޭނެ އަދަދަކީ ފަސް މިލިއަން އެމެރިކާ ޑޮލަރު (77 މިލިއަން ރުފިޔާ) ކަމަށް ޕްލޭނިން މިނިސްޓްރީން ބުނެއެވެ.
ޕްލޭނިން މިނިސްޓްރީން ބުނި ގޮތުގައި އެއާޕޯޓު ތަރައްގީ ކުރުމަށް ނުވަތަ ފައިނޭންސް ކުރުމަށް ހުށަހަޅާ އިންވެސްޓްމަންޓް އަދަދު، އެ މަޝްރޫއެއްގެ މުގާބިލުގައި، ފަތުރުވެރިކަމަށް ކުއްޔަށް ދޫކުރާނެ ރަށް ނުވަތަ ބިން ނުވަތަ ފަޅުގެ އެކްއިޒިޝަން ކޮސްޓު އަދި އެތަނެއްގެ ބިމު ކުލީގެ ގޮތުގައި ކަނޑައެޅޭ ފައިސާގެ އަދަދާ އަޅައި ކަނޑައިދެވޭނެ ކަމުގައެވެ.
އެއާޕޯޓު ތަރައްގީ ކުރުމަށް ޝައުގުވެރިކަން ފާޅުކޮށް ހުށަހަޅާ ހުށަހެޅުންތަކުގައި ފައިނޭންސް ކުރުމަށް ހުށަހަޅާ އެއާޕޯޓަކީ ކޮބައިކަން ބަޔާންކުރަންވާނެ ކަމަށާއި އެ މިނިސްޓްރީން ކޮށްފައިވާ އިއުލާނުގެ ދަށުން ހުށަހެޅުންތައް ހުށައެޅުމުގެ ފުރުސަތު، އާންމުކޮށް އަންގާ އެންގުމަކުން ބަންދު ނުކުރާހާ ހިނދެއްގައި ދެމި އޮންނާނެ ކަމަށް ޕްލޭނިން މިނިސްޓްރީން ބުނެއެވެ.