ads
ޑރ. މުއިއްޒު ށ. ބިލެތްފަހީގައި ބޭއްވި ބައްދަލުވުމުގެ ތެރެއިން. ފޮޓޯ: ޕީޕީއެމް
ބިލެތްފަހީގެ އެއާޕޯޓް ނިންމައިދޭނަން: މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމަށް އިންތިހާބުވެ ވަޑައިގެންފިނަމަ، ށ. ބިލެތްފަހީގެ އެއަޕޯޓް ނިންމައިދޭނެ ކަމަށް ބުނެ، ޕީއެންސީގެ ރިޔާސީ ކެނޑިޑޭޓް އަދި މާލެ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވައުދުވެ ވަޑައިގެންފިއެވެ.

ރިޔާސީ އިންތިހާބުގެ ކެމްޕޭނަށް ށ. ބިލެތްފަހިއަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާއި ބައްދަލުކުރައްވައި ޑރ. މުއިއްޒު ވިދާޅުވީ، ބިލެތްފަހީގައި އެއަޕޯޓެއް އެޅުމަކީ ރައީސް ޔާމީނުގެ ވައުދެއް ކަމަށާއި، އަދި އެވައުދުފުޅާއި އެއްގޮތްތަށް އަދި ބިލެތްފަހީގެ ރައްޔިތުންގެ އުއްމީދާއި އެއްގޮތަށް، ވެރިކަމަށް އިންތިހާބުވެ ވަޑައިގެންފިނަމަ، ބިލެތްފަހީގައި އެއަޕޯޓެއް ތަރައްގީ ކޮށްދެއްވާނެ ކަމަށެވެ.

މީގެ ކުރިން ރައީސް ޔާމީނު ވަނީ ބިލެތްފަހީގައި އެއަޕޯޓެއް ތަރައްގީކުރައްވާނެ ކަމަށް ބުނެ ވައުދުވެޑައިގެންފައެވެ. އެހެންނަމަވެސް، އެރަށު ފަޅުތެރޭގައި ހިއްކައިގެން އެއަޕޯޓެއް ތަރައްގީކުރުމުގެ މަސައްކަތް ކުރަމުން އަންނަނީ މިހާރުގެ ސަރުކާރުންނެވެ. ޑރ. މުއިއްޒު ވިދާޅުވީ، އެރަށުގެ ތަރައްގީއަށް އެއްމެ މުހިއްމު ޕްރޮޖެކްޓަކީ އެއަޕޯޓް ކަމަށް ދެކިލައްވާކަމަށާއި، އެހެންކަމަަށްވުމާއެކު، އެ އެއަޕޯޓް ނިންމުމުގެ މަސައްކަތް މަޑުޖެހުމެއް ނެތި ކުރައްވާނެކަމަށެވެ.

"މި ރަށުގެ ފަޅު ތެރޭގައި އެއާޕޯޓް ހިމެނޭ ގޮތަށް އުމްރާނީ ތަރައްގީގެ މަޝްރޫއު ކުރިއަށް ގެންދާނަން. ރައްޔިތުން އުއްމީދު ކުރައްވާ ގޮތަށް އެއާޕޯޓް ތަރައްގީ ކޮށްދޭނަން. މިހާރު ހައިމާކެއް ގެނެސް ފަށަން ކުލަވަރު ޖައްސާ ކަމަށް ވާހަކައެއް އަޑު އިވުނު. އެ އެއް ނޫން، އަޅުގަނޑުމެން ކަންކަން ކުރާނެ ގޮތަކީ. ރޭވިގެން ތަރުތީބުވެގެން މަސައްކަތް ފެށި އެގޮތަށް ގޮސް ނިންމައި ދޭނަން،" މުއިއްޒު ވިދާޅުވި އެވެ.

ށ. އަތޮޅުގައި މިވަގުތު އެއަޕޯޓެއް އޮންނަނީ އެއަތޮޅު ފުނަދޫގައި އެކަންޏެވެ.

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރަށް ކުރައްވާ ކެމްޕެއިންގައި މުއިއްޒު މިއަދު ވަނީ ހދ. އަތޮޅުގެ ކުމުންދޫ އާއި ވައިކަރަދު އާއި ނޭކުރެންދޫ އަދި ށ. އަތޮޅުގެ ނޫމަރާ އާއި ގޮއިދު އަށް ވެސް ވަޑައިގެންފަ އެވެ. މި ރަށްރަށުން އެދުނު ކަންކަން ވެސް އޭނާގެ ސަރުކާރެއްގައި ކޮށްދެއްވާނެ ކަމުގެ ޔަގީންކަން މުއިއްޒު ދެއްވި އެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް