ads
ރޭ އެމްޑީޕީއަށް ސޮއިކުރެއްވި އިލްހާމް އަހުމަދު، ފުރަތަމަ ފަހަރަށް އެ ޕާޓީގެ ޕޯޑިއަމްގައި ވާހަކަ ދައްކަވަނީ
ޕީޕީއެމްގެ ވެރިކަމެއްގައި ދެންވެސް އޮންނާނީ މީހުން ހައްޔަރުކުރުން: އިލްހާމް
ޕީޕީއެމްގެ ވެރިކަމެއްގައި ދެންވެސް އޮންނާނީ މީހުން ހައްޔަރުކޮށް ހުކުމްކުރުން ކަމަށާއި މިހާރު ހައްޔަރުކުރާނެ މީހުންގެ ލިސްޓުތައް ހަދަމުންދާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ދަނގަތި ދާއިރާގެ ކުރީގެ މެންބަރު އިލްހާމް އަހުމަދު ވިދާޅުވެއްޖެއެވެ.
Advertisement

ސެޕްޓެމްބަރު 30 ގައި ބާއްވާ ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރުގައި ރައީސް ސޯލިހަށް ތާއިދު ކުރައްވިކަން އިއުލާނު ކުރެއްވުމަށް ފަހު، މިރޭ އެމްޑީޕީ އަށް ސޮއިކުރެއްވި އިލްހާމް ފުރަތަމަ ފަހަރަށް އެ ޕާޓީގެ ޕޯޑިއަމްގައި ވިދާޅުވީ ޕީޕީއެމް ވެރިކަމަށް އައިސްފިއްޔާ، ދިވެހި ސިފައިންނާއި ފުލުހުން އަބަދުވެސް ތިބެން ޖެހޭނީ ގޭންގުތަކުން ކޮންމެވެސް މާރީމާރީއެއް ފަދަ ކަމެއް ހިންގައިގެން އެކަމުގައި ކަމަށާއި ޕީޕީއެމްގެ ކުރީގެ ވެރިކަމުގައި ވެސް ފެނިގެންދިޔައީ އެކަން ކަމަށެވެ.

"ޕީޕީއެމަށް ވެރިކަން ލިބިއްޖެއްޔާ ކޯޓުގެ ދައުރަކަށް ވާނީ މީހުން ހިފައި ހައްޔަރުކުރުން، ރޭގަނޑު ދަންވަރު ކޯޓުން އަމުރު ނެރުން. ޕީޕީއެމަށް ވެރިކަން ލިބިއްޖެއްޔާ ކޯޓުތަކާއި އެތަންތަނުގެ ފަނޑިޔާރުންނާއި މުވައްޒަފުންނަށް އޮންނާނެ ކަމަކީ ރޭގަނޑު ހޭލާ ތިބެގެން ފަހަރަކު އަމުރެއް ނެރުން، މިނޫން އެއްވެސް ގޮތެއް ނޯންނާނެ. ހަރާމް ހުކުމް ނެރެން ޖެހޭނީ. އެހެންވީމާ ކޮބައިތޯ ޗޮއިސްއަކީ، ތިބޭފުޅުންގެ ޗޮއިސްއަކީ ތިބޭފުޅުންނާއި ތިބޭފުޅުންގެ އާއިލާތައް އިބްރާހިމް މުހައްމަދު ސޯލިހަށް ވޯޓުދެއްވުން.." ޖުމްހޫރީ ޕާޓީގެ ލީޑަރު ގާއިމް އިބްރާހިމްގެ ސްޕެޝަލް އެންވޯއީ މަގާމު ފުރުއްވި އިލްހާމް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ މި ރާއްޖެއަށް ނާމާން, ކަޅު, އަނދިރި ދުވަސްތަކެއް ނާންނާނީ ރައީސް ސޯލިހަށް ވޯޓު ދީގެން ކަމަށެވެ. އަދި އެ ބާރު އޮތީ ދިވެހި ފުލުހުންނާއި ސިފައިންގެ އަތްމަތީގައި ކަމަށާއި, މި ފަހަރު 'މިސްޓޭކު' ނުހެދުމަށް އޭނާ އެދިވަޑައިގެންނެވި އެވެ.

"މީހުން ހިފާ ހައްޔަރު ކުރުމަށްޓަކައި [ޕީޕީއެމުން] ލިސްޓުތަކެއް އެކުލަވާލެވި އެދަނީ އިއުލާނު ކުރަމުން،" އިލްހާމް ވިދާޅުވި ގޮތުގައި މިކަންކަން ވިޔަ ނުދިނުމަށްޓަކައި, ރައީސް ސޯލިހަށް ވޯޓު ދިނުމަކީ ދިވެހި ފުލުހުންނާއި ސިފައިންގެ މައްޗަށް އޮތް ވާޖިބެއް ކަމަށެވެ.

އިލްހާމް ވިދާޅުވީ ރައީސް ޔާމީންގެ ވެރިކަމުގައި ރައްޔިތުންނަށް ކުރި އަނިޔާތައް ފަސް އަޅައި ފޮރުވާ ނުލެވޭނެ ކަމަށާއި އެގޮތުން 2018ގެ ޓޭޕް ރިވައިންޑް ކޮށްލުމުން އޮންނާނީ ވަރަށް މުޑުދާރުކޮށް ކަމަށެވެ. އަދި ރައީސް ޔާމީންގެ ވެރިކަމުގައި އަނިޔާވެރިކަން ތަހަންމަލް ކުރާންޖެހުނު މީހުންނާއި އާއިލާތަކުން ޕީޕީއެމަށް ވޮޓު ނުދޭނެ ކަމަށް ވިދާޅުވިއެވެ.

ރައްޔިތުންގެ ތެރެއިން ބަޔަކަށް ހެދޭ ގޯހަކުން ޑރ. މުއިއްޒު ވެރިކަމަށް ގެނެވިއްޖެ ނަމަ، ތާރީހު ނުދެކޭ ފަދަ ނިކަމެތިކަމެއް ގައުމަށް ލިބިގެންދާނެ ކަމަށް ވެސް އިލްހާމް ވިދާޅުވިއެވެ.

އިލްހާމް އިތުރަށް ވިދާޅުވީ ޖަލުގައި ހުކުމެއް ތަންފީޒުކުރައްވަމުން ގެންދަވާ ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ވެސް އެމަނިކުފާނުގެ ލެގަސީ ހިފެހެއްޓުމަށް ބޭނުންފުޅުވާ ކަމަށްވާ ނަމަ، އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ވޯޓުދެއްވަން ޖެހިވަޑައިގަންނަވާ ކަމަށެވެ. އަދި ކެރިވަޑައިގެން ގޮތް ނިންމެވުމަށް ރައީސް ޔާމީނަށް އިލްތިމާސްކުރައްވާ ކަމަށް އޭނާ ވިދާޅުވިއެވެ. 

އަދި ސިޔާސީ ހަރަކާތަށް ޖާގަ ލިބި ހަމަޖެހުމާ އެކު ރައްޔިތުންނަށް ދިރިއުޅެން ފުރުސަތު ފަހިވެފައި އޮތް ގޮތަށް މި ވެރިކަމުގެ ދައުރު ދަންމާލަން ވިސްނުންތެރިކަމާ އެކު ވޯޓުލާން އޭނާ އެދިވަޑައިގަތެވެ. އަދި ވިދާޅުވީ ރައީސް ސޯލިހުގެ ޓީމް އޮތީ ގަދަކޮށް ކަމަށާއި މާތްﷲގެ އިރާދަފުޅުން މި މަސައްކަތް ހުއްޓާލާނީ އެމަނިކުފާނު އިތުރު ދައުރަކަށް އިންތިހާބުކޮށްފައި ކަމަށެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް