ads
ސައުދީއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު މަތުރެކް ބިން އަބްދުﷲ އަލްޢަޖާލީން އަލްދައުސަރީ އާއި ޑރ. މުއިއްޒު
ސައުދީ ރަސްގެފާނު ޑރ. މުއިއްޒަށް މަރުހަބާ ދަންނަވައިފި
މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ރިޔާސީ އިންތިހާބުގެ ދެވަނަ ބުރު ކާމިޔާބު ކުރެއްވި އިދިކޮޅު ޕީއެންސީގެ އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒުއަށް ސައުދީ އަރަބިއްޔާއިން މަރުހަބާ ދަންނަވައިފި އެވެ.

ސައުދީގެ ސަލްމާން ރަސްގެފާނާއި ވަލީއަހުދު މުހައްމަދު ބިން ސަލްމާން، މުއިއްޒަށް މަރުހަބާ ވިދާޅުވެފައިވާކަން ސައުދީ ދައުލަތުގެ މީޑިއާއިން ވަނީ ރިޕޯޓުކޮށްފައެވެ.

ސައުދީއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު މަތުރެކް ބިން އަބްދުﷲ އަލްޢަޖާލީން އަލްދައުސަރީ ވެސް ވަނީ މުއިއްޒަށް މަރުހަބާ ދަންނަވާފައެވެ.

ސަފީރު ވަނީ ރާއްޖެ އާއި ސައުދީ އަރަބިއްޔާއާ ދެމެދުގައި އޮތް ގުޅުން ކުރިއަށް އޮތް ދުވަސްތަކުގައި އިތުރަށް ބަދަހިކުރައްވާނެ ކަމުގެ ޔަގީންކަން ދެއްވައިފައެވެ.

ރާއްޖޭގެ ވެރިކަމަށް މުއިއްޒު ގެންނަން އިއްޔެގެ އިންތިހާބުގައި 129،159 މީހުން ވޯޓު ދިނެވެ. އެއީ 45.96 ޕަސެންޓެވެ. ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ހޯއްދެވުނީ 109،868 ވޯޓެވެ. އެއީ 54.03 ޕަސެންޓެވެ.

އިންތިހާބުން ހޯއްދެވި ކާމިޔާބީއާ ގުޅިގެން ބޭރުގެ ގިނަ ގައުމުތަކުގެ އިސްވެރިން ވަނީ މުއިއްޒަށް މަރުހަބާ ވިދާޅުވެފައެވެ. އިންތިހާބީ ރައީސް މުއިއްޒަށް މަރުހާބާ އެންމެ ފުރަތަމަ ކީ ގައުމަކީ އަވަށްޓެރި އިންޑިއާ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް