ނެޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން އިންތިޒާމުކޮށްގެން ބޭއްވި 24 ވަނަ އިންޓަސްކޫލް ނެޓްބޯލް މުބާރާތުގެ، 13 އަހަރުން ދަށުގެ ޗެމްޕިއަންކަން އިސްކަންދަރުން ހޯދީ ފައިނަލް މެޗުގައި ރެހެންދި ސްކޫލާ ވާދަކޮށް 28-21 އިން މޮޅުވެގެންނެވެ. މި އުމުރުފުރާގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ އިސްކަންދަރުގެ ސޯފިއާ އަބްދުﷲ އިބްރާހީމެވެ.
އުމުރުން 17 އަހަރުން ދަށުގެ ޗެމްޕިއަންކަން އިސްކަންދަރުން ހޯދީ ފައިނަލް މެޗުގައި ޣިޔާސިއްދީން އިންޓަރނޭޝަނަލް ސްކޫލާ ވާދަކޮށް 53-43 އިން މެޗު ކާމިޔާބުކޮށްގެންނެވެ. މި އުމުރުފުރާގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ އިސްކަންދަރުގެ ފާތިމަތު ޒާހީ ޒިޔާދުﷲ އެވެ.
15 އަހަރުން ދަށުގެ ފައިނަލުގައި ވާދަކޮށްފައިވަނީ ޣިޔާސުއްދީނާއި އަހުމަދިއްޔާ އިންޓަރނޭޝަނަލް ސްކޫލެވެ. މި ފައިނަލް މެޗު 29-23 އިން ކާމިޔާބުކުރީ ޣިޔާސުއްދީނުންނެވެ. މި އުމުރުފުރާގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ޣިޔާސުއްދީނުގެ މަރިޔަމް މަލާކް މުޙައްމަދު ޝިފާނެވެ.
19 އަހަރުން ދަށުގެ ޗެމްޕިއަންކަން ވިލާ އިންޓަރނޭޝަނަލް ހައި ސްކޫލުން ވަނީ ދިފާއުކޮށްފައެވެ. އެ ސްކޫލުން ޗެމްޕިއަންކަން ހޯދީ ފައިނަލުގައި ސެންޓަ ފޯ ހަޔަ ސެކަންޑަރީ އެޑިއުކޭޝަން (ސީއެޗްއެސްއީ) 51-35 އިން ބަލިކޮށްގެންނެވެ. މި އުމުރުފުރާގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ވިލާގެ އާމިނަތު އައިނީއެވެ.