ads
"ފިލީޕޯ ބްރޫނެލޭޝީ" ޑްރެޖަރުން ވެލި ނަގާ މަންޒަރު ފެންނަ ވީޑިއޯގެ ސްކްރީން ޝޮޓެއް
ބިން ހިއްކުމަށް ވެލި ނަގާތީ އެންވެރިކަން ހަލާކުވެއްޖެ: ބޮޑު ކަންނެލި ޔޫނިއަން
މާލެ ސަރަހައްދުގައި މިހާރު ކުރިއަށްދާ ބިން ހިއްކުމުގެ މަޝްރޫއުތަކަށް ބޭނުންވާ ވެލި ނެގުމުގެ ސަބަބުން "އެންވެރިކަން" ހަލާކުވެފައިވާ ކަމަށް ބޮޑު ކަންނެލި މަސްވެރިންގެ ޔޫނިއަން އިން ބުނެފި އެވެ.

އެ ޔޫނިއަނުން އެކްސްގައި ކުރި ޕޯސްޓުތަކެއްގައި ވަނީ، ކަންނެލި މަސްވެރިން އެންމެ ރަނގަޅަށް އެންވެރިކަން ކުރަމުން އަންނަ އިހުރު ވައްބިންފަރު ކައިރިން ކޮންމެދުވަހަކު މަހާޖައްރާފު ވެލިނަގަމުން އަންނަ ކަމަށެވެ. އެކަމާ ގުޅިގެން، އެ ސަރަހައްދުގެ އެންވެރިކަން "ހަލާކުވެފައިވާ" ކަމަށް އެ ޕޯސްޓުގައިވެ އެވެ.

"ކަންނެލި މަސްވެރިން އެންމެ ރަނގަޅަށް އެންވެރިކަން ކުރަމުން އަންނަ އިހުރު ވައްބިންފަރު ކައިރިން ކޮންމެ ދުވަހަކު މަހާޖައްރާފުން ވެލި ނަގަމުން ދާތީ އެންވެރިކަން ހަލާކު ވެއްޖެ! މިކަން މިއަދުން މިއަދަށް ހުއްޓުވުމަށް ކަމާބެހޭ އެންމެހާ ފަރާތްތަކަށް ގޮވާލަން،" ވެލި ނަގާ މަންޒަރު ފެންނަ ވީޑިއޯއާ އެކު ކުރި ޕޯސްޓްގައި ބުނެފައިވެ އެވެ.

މި ވީޑިއޯ އިން ފެންނަނީ ހުޅުމާލޭ ތިންވަނަ ފިޔަވަހި ހިއްކުމަށް ބޭނުން ކުރާ "ފިލީޕޯ ބްރޫނެލޭޝީ" ޑްރެޖަރަށް ވެލި ނަގާ މަންޒަރެވެ. 

މި ޕްރޮޖެކްޓަށް ބޭނުންވާ ވެލި ނެގުމަށް ކޮންނަން ހުށަހަޅާފަ އޮތް މާލެ އަތޮޅު އިހުރު އަދި ވައްބިންފަރު ރިސޯޓާއި ދިމާލުން ކަނޑުގެ ސަރަހައްދަކީ، ބޮޑު ކަންނެލި މަސްވެރިންގެ ޔޫނިއަނުން ބުނާ ގޮތުގައި އެންމެ ރަނގަޅަށް މަސްވެރިން އެންވެރިކަން ކުރާ އެއް ސަރަހައްދެވެ.

މާލެ ސަރަހައްދުގައި ކުރިމަތިވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލުހޯދައިދިނުމަށް ސަރުކާރުން ކުރިއަށްގެންދާ މަޝްރޫއުތަކުގެ ދަށުން، ހުޅުމާލެގެ ފޭސް 3، ގުޅީފަޅު، ގިރާވަރު ފަޅު އަދި މިފަހުން ފެށި ފުށިދިއްގަރުފަޅު ހިއްކުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް