އެލައިޑުގެ އެޑިއުކޭޝަނަލް ފަންޑު 6 ސްކޫލަކަށް ލިބިފައިވާއިރު އެލައިޑުގެ ކޮމިއުނިޓީ ފަންޑު ވަނީ 4 ޖަމިއްޔާއަކަށް ހަވާލުކޮށްފަ އެވެ.
މި ހަތަރު ޕްރޮޖެކްޓު ހިންގުމަށް ހަތަރު ކޮންމެ ޕްރޮޖެކްޓަކަށް 50،000ރ. ގެ ފައިސާގެ އެހީ އެލައިޑުން ވަނީ ދީފަ އެވެ.
މި ފަހަރުގެ އެޑިއުކޭޝަން ފަންޑުން އެހީ ދޭން ނިންމާފައިވަނީ ހަ ސްކޫލަކުން ހިންގާ ޕްރޮޖެކްޓްތަކަށެވެ. އެއިން ކޮންމެ ޕްރޮޖެކްޓަކަށް ވެސް އެލައިޑުން 25،000ރ. ފަންޑުކޮށްދޭނެ އެވެ.
އެލައިޑް އިންޝިއުރެންސް ހެޑް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފަންޑިން ޕްރޮގުރާމްތަކަށް ހޮވުނު ފަރާތްތައް އިއުލާނުކުރެއްވީ ޖެނެރަލް މެނޭޖަރު އިބްރާހިމް ފިރްޝާން އެވެ.
މިރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ފިރުޝާން ވިދާޅުވީ އަންނަ އަހަރު ވެސް މި ދެ ފަންޑިން ޕްރޮގްރާމު އިއުލާނު ކުރާނެ ކަމުގެ ޔަގީންކަންދޭ ކަމަށެވެ.
އެލައިޑުގެ ކޮމިއުނިޓީ ފަންޑަކީ ހަތް ދާއިރާއެއް ހިމެނޭ ގޮތަށް މުޖުތަމައުއަށް މަންފާކުރުވަނިވި ހިޔާލުތައް ހަގީގަތަކަށް ހެދުމުގެ ބާރުވެރިކަން، އަތޮޅު ތެރޭގައި ދިރިއުޅޭ ފަރާތްތަކަށް ލިބިދޭ ފަންޑިން ޕްރޮގްރާމެކެވެ.
އެޑިއުކޭޝަން ފަންޑުން އެހީދެނީ ތައުލީމީ ނިޒާމު ހަރުދަނާ ކުރުމަށްޓަކައި ދަރިވަރުންނާއި ޓީޗަރުންނަށް މަންފާކުރުވަނިވި ޕްރޮޖެކްޓުތައް ހިންގުމަށެވެ. އެ ފަންޑުން ސްކޫލްތަކުގެ ލައިބްރަރީ އާއި ޓީޗިން ސްކޫލާއި ލެބޯޓަރީ އާއި ޓީޗާސް ޑިވެލޮޕްމަންޓް ޕްރޮގްރާމް އަދި ސްޓޫޑެންޑް ޑިވެލޮޕްމަންޓް ފަދަ މަސައްކަތްތަކަށް އެހީ ފޯރުކޮށްދެ އެވެ.
ރާއްޖޭގައި އެންމެ ފުޅާދާއިރާއެއްގައި އިންޝުއަރަންސްގެ ހިދުމަތްދެމުން އަންނަ އެލައިޑުން 2018 ވަނަ އަހަރު ތައާރަފް ކުރި އެޑިއުކޭޝަން އަދި ކޮމިޔުނިޓީ ފަންޑަށް ކުރިމަތިލުމަށް ހުޅުވާލާފައިވަނީ، މިދިޔަ އަހަރުގެ ޖޫން މަހުއެވެ.