ads
"މުނިސިޕަލްގެ ބަދަލާއެކުވެސް އާބަންކޯގެ މުވައްޒަފުންގެ މުސާރަ ކުޑަ ނުކުރާނަން"
ހުޅުމާލޭގެ މުނިސިޕަލް ހިދުމަތް ދިނުމުގެ މަސައްކަތް މާލޭ ސިޓީ ކައުންސިލްގެ ދަށަށް ބަދަލުކުރިއަސް، އާބަންކޯގެ މުވައްޒަފުންގެ މުސާރަ ކުޑަނުކުރާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރައީސް ޑރ. މުއިއްޒު ރޭ "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ހުޅުމާލޭގެ މުނިސިޕަލް ހިދުމަތް މާލޭ ސިޓީ ކައުންސިލްގެ ދަށަށް ބަދަލުކުރުމާ އެކު، އާބަންކޯގެ ބައެއް މުވައްޒަފުން އެކަމާމެދު ކަންބޮޑުވުން ފާޅުކޮށްފައިވާ ކަމަށެވެ.

އެކަމާގުޅިގެން ރައީސް ވަނީ، ގެނެވުނު ބަދަލާއި ގުޅިގެން މުވައްޒަފުންގެ މުސާރަ ކުޑަވުމާއި، އިންޝުއަރެންސް ގެ އިތުރުން އެހެން އެއްވެސް އިނާޔަތެއް އުނި ނުކުރައްވާނެކަމުގެ ޔަގީންކަން ދެއްވާފައެވެ.

އެ ބަދަލާއެކު އާބަންކޯގައި މުނިސިޕަލް ހިދުމަތްތައް ދިނުމުގެ މަސައްކަތުގައި ހަރަކާތްތެރިވާ މުވައްޒަފުންނަށް އިތުރު އެއް އަހަރު ދުވަހަށް މުސާރަތައް ބަދަލެއް ގެނައުމަކާ ނުލައި ލިބޭނެ ކަމަށް ރައީސް މީގެކުރިން ވިދާޅުވެފައިވެ އެވެ.

އެއަށްފަހު ވެސް ކުރިމަތިވި ކަންބޮޑުވުންތަކަށް ޖަވާބު ދެއްވަމުން އެމަނިކުފާނު ވިދާޅުވީ އެއް އަހަރަށް ފަހު ވެސް މުސާރައާއި ގުޅޭ ކަންކަމަށް ބަދަލެއް ނާންނާނެ ކަމަށެވެ.

މީގެއިތުރުން އެކަމަށް އެންމެ އެކަށީގެންވާ މެކޭނިޒަމެއް ސަރުކާރުން ތައާރަފު ކުރާނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

ހުޅުމާލޭގެ މުނިސިޕަލް ހިދުމަތް ދިނުމުގެ މަސައްކަތް މާލެ ސިޓީ ކައުންސިލަށް ބަދަލުކުރުމަށް ނިންމައި، މިދިޔަ ބުރާސްފަތި ދުވަހު އެކަމުގެ އެއްބަސްވުމުގައި ވަނީ ސޮއި ކޮށްފައެވެ.

ހުޅުމާލޭގެ މުނިސިޕަލް މަސައްކަތް އާބަންކޯއިން ނަގައި، މާލޭ ސިޓީ ކައުންސިލާ ހަވާލު ކުރުމަކީ ރައީސް ޑރ. މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް