ވަޒީރު ވިދާޅުވީ ރާއްޖޭގެ ހޯމް ސެކްޓަރގެ ތެރޭގައި ހުރި ބޮޑެތި އަދި ސިސްޓަމެޓިކް މައްސަލަތައް ޙައްލުކުރުމަށްޓަކައި ވަގުތު އަމަލުކުރާ ޕްލޭންތަކާއި ދިގު މުއްދަތުގެ ޕްލޭންތަކުގެ މަސައްކަތް ކުރައްވަމުން ގެންދަވާކަމަށެވެ. މި މަސައްކަތްތައް ކުރާއިރު ސިޓީތަކާއި ބައްދަލުވުންތަކާއި ސޯޝަލް މީޑިއާ ޕްލެޓްފޯމްތައް މެދުވެރިކޮށް ސަމާލުކަމަށް ގެންނަ މައްސަލަތައް ހައްލުކުރުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާނެކަމަށް އިހްސާން ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ އެކި ފަރާތްތަކުން ހުށައަޅާ މައްސަލަތައް ހައްލުކުރުމަށް ހޯމް ސެކްޓަރއަށް ޕަބްލިކް ކޮމްޕްލެއިންޓްސް ބިއުރޯއެއް އުފެއްދުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާކަމަށެވެ.
ވަޒީރު އިހްސާން ވިދާޅުވީ ގައުމީ ކޮމްޕްލެއިން ބިއުރޯގެ މައިގަޑު އަމާޒަކީ ހޯމް ސެކްޓަރގެ ދާއިރާއިން ފޯރުކޮށްދޭ ޚިދުމަތާ ގުޅޭގޮތުން ރައްޔިތުންގެ ކަންބޮޑުވުންތައް ހޯދުންކަމަށެވެ.
ރާއްޖޭގައި އުޅޭ ބިދޭސީންގެ މައްސަލަތައް ހައްލުކުރުމަށް އެކަމާއި ކަންބޮޑުވުން ސޯޝަލް މީޑިއާގައި ފާޅުކުރަމުންދިޔަ ޒުވާނަކާ ވަޒީރު އިހްސާން ވަނީ މިދިޔަ ހަފްތާގައި ބައްދަލުކޮށްފައެވެ. އަދި އެފަދަ މައްސަލަ ހައްލުކުރުމަށް އެކުލަވާލި ޓާސްކް ފޯސްގައި އެޒުވާން ހިމަނާނެކަން ވަޒީރު ވަނީ ހާމަކުރައްވާފައެވެ.