ads
ރައީީސް ޑރ. މުއިއްޒު ގއ. ގެމަނަފުށީ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަނީ - ފޮޓޯ: ރައީސް އޮފީސް
"މިދިޔަ ތިން މަސް ދުވަހު ފެނުނީ މަޖިލިހުގެ މެޖޯރިޓީ ނެތުމުގެ ދަތިތަށް"
ސަރުކާރަށް މަޖިލިހުގެ މެޖޯރިޓީ ނެތުމުގެ ސަބަބުން ވޭތުވެދިޔަ ތިން މަސް ދުވަހުގެ ތެރޭގައި ގިނަ ދަތިތަކެއް ދިމާވަމުން ގޮސްފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
Advertisement

ރައީސް ޑރ. މުއިއްޒު ގއ. އަތޮޅަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން ގެމަނަފުއްޓަށް ވަޑައިގެން ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އެ މަނިކުފާނު ވިދާޅުވީ، އިދިކޮޅުގައި މަޖިލިހުގެ މެޖޯރިޓީ އޮތުމުގެ ސަބަބުން ވަރަށް ގިނަ ކަންކަމުގައި ތަފާތު ދަތިތަށް ސަރުކާރަށް ކުރިމަތިވަމުންދާ ކަމަށެވެ.

އެގޮތުން ރައީސް ވިދާޅުވީ މި އަހަރުގެ ބަޖެޓު މަޖިލިހުން ފާސްކޮށްފައިވަނީ ސަރުކާރުގެ ކޮންޓްރޯލް ނެތި ކަމަށެވެެ. އަދި ބަޖެޓަށް ކަންކަން ހުށަހެޅުމަށް ލިބުނީ 10 ވަރަކަށް ދުވަސް ކަމަށާއި، އެ ފުރުސަތުގައި މަޝްރޫއުތަކަށް ހުޅަހެޅި އަދަދުތަކުގެ ތެރެއިން ރަސްމާލެ ޕްރޮޖެކްޓަށް ހުށަހެޅި ފައިސާ ވެސް އުނި ކޮށްފައިވާ ކަމަށް ރައީސް ފާހަގަކުރެއްވި އެވެ.

"މިދިޔަ ތިން މަސްތެރޭގައި މިހުރީ ހުސް މިސާލުތަކޭ ފެންނަން، ރައްޔިތުންގެ މަޖިލިސް ސަރުކާރާ އެއްކޮޅަށް ނެތީމާ ކުރިމަތިވާ ދަތިތަކުގެ ވާހަކަ،" ރައީސް ކަންބޮޑުވުން ފާޅުކުރެއްވި އެވެ.

އެހެންކަމުން މަޖިލިހުގެ މެޖޯރިޓީ ސަރުކާރަށް ލިބިއްޖެ ނަމަ އެ ހުރިހާ ކަމަކަށް ވެސް ފަސޭހަ ވެގެންދާނެ ކަމަށް ރައީސް ވިދާޅުވި އެވެ. އަދި އެކަމުގެ ސަބަބުން މުޅި ރާއްޖޭގެ ތަރައްގީގެ މަޝްރޫއުތައް ސަރުކާރުން ބޭނުންވާ ގޮތަށް ކުރިއަށް ގެންދިއުމުގެ ފުރުސަތު ވެސް ފަހިވެގެންދާނެ ކަމަށް ރައީސް ވަނީ ވިދާޅުވެފަ އެވެ.

މީގެއިތުރުން ރައީސް ވިދާޅުވީ ގާނޫނުތައް ހެދުމާއި، ބައެއް ގާނޫނުތަކަށް އިސްލާހު ގެންނަން ޖެހިފައި ވެސް އެބަހުރި ކަމަށެވެ. އޭގެތެރެެއިން ހާއްސަކޮށް ގެދޮރުވެރިކަމާ ގުޅޭ ބިލްތައް ފާސް ކުރުމަށް މަޖިލިހުގެ މެޖޯރިޓީ ލިބުމުގެ މުހިއްމު ކަމަށް ރައީސް އަލިއަޅުއްވާލެއްވި އެވެ.

އެހެންކަމުން ކުރިއަށް އޮތް ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި ސަރުކާރުގެ ކެންޑިޑެޓުންނަށް ވޯޓު ދިނުމަށް ރައީސް ވަނީ އެދިވަޑައިގެންފަ އެވެ. އަދި އެކަން ހާސިލުވެއްޖެ ނަމަ އެ މަނިކުފާނުގެ ހުރިހާ ވައުދުފުޅެއް ވެސް މި ދައުރުގައި ފުއްދައިދެވޭނެ ކަމަށް ރައީސް ވިދާޅުވި އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް