ads
ވާޓިކަލް ފާމިންގެ މަސައްކަތްތައް ކުރިއަށްގެންދަނީ ހދ. ހަނިމާދޫ އެގްރިކަލްޗަރަލް ސެންޓަރުގައި -- ފޮޓޯ: އެންވަޔަރަމެންޓް މިނިސްޓްރީ
ވާޓިކަލް ފާމިންގެ ފުރަތަމަ މަޝްރޫއު ފަށައިފި
ސަރުކާރުގެ އަމާޒަކީ ދަނޑުވެރިކަމަކީ އިގްތިސާދީ ބިންގަލެއް ކަމުގައި ހެދުން ކަމަށާއި ވާޓިކަލް ފާމިންގެ ފުރަތަމަ މަޝްރޫއު ފަށައިފި ކަމަށް އެގްރިކަލްޗާ މިނިސްޓްރީން ބުނެފި އެވެ.

އެގްރިކަލްޗާ މިނިސްޓްރީން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވަނީ އެ މިނިސްޓްރީން ވޭތުވެދިޔަ މުއްދަތުގައި ކުރިއަށްގެންދިޔަ މަސައްކަތްތަކާއި، ލިބިފައިވާ ކުރިއެރުންތަކުގެ މައްޗަށް އަލިއަޅުއްވާލައްވާފަ އެވެ.

"އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން މިވަނީ ވާޓިކަލް ފާމިންގެ މަސައްކަތް 14 ފެބްރުއަރީގައި ފައްޓާ، އިފްތިތާހުކޮށް، މިހާރު އެ މަސައްކަތްތަކުގެ ރިސާޗް މަސައްކަތްތައް ކުރަމުން،" ރައީސް މުހައްމަދު މުއިއްޒުގެ ވެރިކަމުގެ ފުރަތަމަ 14 ހަފްތާގައި ކުރަން ނިންމާފައިވާ ކަންކަމުގެ ތެރެއިން ކުރިއަށްދާ މަސައްކަތްތަކުގެ ތަފްސީލް ދެއްވަމުން އެގްރިކަލްޗާ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު މަރިޔަމް ވިޝާމާ އަހުމަދު ވިދާޅުވި އެވެ.

އޭނާ ފާހަގަކުރެއްވި ގޮތުގައި، ވާޓިކަލް ފާމިން އަކީ، ރާއްޖެ ފަދަ ބިން ކުދި ގައުމުތަކުގައި ދަނޑުވެރިކަމުގެ އުފެއްދުންތައް އިތުރުކޮށް، ކާނާގެ ޔަގީންކަން އިތުރުކުރުމަށް އެންމެ ރަނގަޅު އެއް މޮޑެލް އެވެ. ޕައިލެޓް ޕްރޮޖެކްޓުގެ ދަށުން ވާޓިކަލް ފާމިންގެ މަސައްކަތްތައް ކުރިއަށްގެންދަނީ ހދ. ހަނިމާދޫ އެގްރިކަލްޗަރަލް ސެންޓަރުގަ އެވެ.

ދަނޑުވެރިކަމަކީ ރާއްޖޭގެ އިގްތިސޯދުގެ އެއް ބިންގާ ކަމުގައި ހަދަން ސަރުކާރުން މަސައްކަތް ކުރާއިރު، އެކަން ކާމިޔާބު ކުރެވެން އޮތީ ޒުވާނުން މި ދާއިރާއަށް ވަދެގެން ކަމަށް މިނިސްޓްރީގެ ބޭފުޅުން ވިދާޅުވި އެވެ.

ވިޝާމާ އިތުރަށް ވިދާޅުވީ އެގްރިކަލްޗާ މިނިސްޓްރީން އެންމެ ބޮޑު އިސްކަމެއް ދެއްވީ ދަނޑުވެރިކަމުގެ ސިނާއަތު ކުރިއަރުވަން އޮންނަ ބަޖެޓް ބޮޑުކުރުންކަމަށެވެ. އެގޮތުން ދާއިރާ އިތުރަށް ފުޅާކޮށް ތަރައްގީ ކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ދެނެގަނެ އޭގެ އަލީގައި ބަޖެޓް އިތުރުކޮށްފައިވާކަމަށް އޭނާ ވިދާޅުވި އެވެ. އަދި އެކަމުގެ ސަބަބުން މީގެކުރިން ދަނޑުވެރިކަން ކުރިއަރުވަން ހޭދަކުރާ މިންވަރަށްވުރެ ބޮޑު އަދަދެއް ސިނާއަތުގެ ތަރައްޤީއަށް ކަނޑައަޅާފައިވާކަމަށް ވިޝާމާ ވިދާޅުވި އެވެ.

އެގްރިކަލްޗާ މިނިސްޓްރީގެ މި އަހަރުގެ ބަޖެޓަށް އިތުރު 45 މިލިއަން ރުފިޔާ މިހާރުވެސް ވަނީ ސަރުކާރުން އިތުރުކޮށްފައި އެވެ. މިއި ކުރީ އަހަރާ ބަލާއިރު ދައުލަތުން ދަނޑުވެރިކަމަށް ދޭ ބަޖެޓާއި ބަލައި އެތަށް ގުނައެއް ބޮޑު ބަޖެޓެކެވެ.

މި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އެ މިނިސްޓްރީގެ ޑިރެކްޓަރު އަލީ އާމިރު ވިދާޅުވީ، ރާއްޖޭގައި ދަނޑުވެރިކަން ފުޅާކުރުމަށް ވިސްނާއިރު، ބިމުގެ ވަސީލަތް ކުޑަ ކަމަށެވެ. އެހެންކަމުން އޭގެ ބަދަލުގައި ދަނޑުވެރިކަމުގެ އުފެއްދުންތެރިކަން އިތުރު ކުރެވޭނެ ގޮތްތައް ހޯދަން ޖެހޭ ކަމަށް ވިދާޅުވި އެވެ.

"ބޭރު ގައުމުތަކުގައި ވެސް ކުރަމުންދާ ކަމެއް މިއީ އިނގޭތޯ. ދެން ރާއްޖެ ކަހަލަ ބިން ނެތް ގައުމުތަކުގައި ކުރަން ވަރަށް ރަނގަޅު ކަމެއް ވާޓިކަލް ފާމިން އަކީ،" އޭނާ ވިދާޅުވި އެވެ.

އާމިރު ވިދާޅުވީ ވާޓިކަލް ފާމިންގެ ޕައިލެޓް މަޝްރޫއުގެ ތެރެއިން ތަފާތު އެކިކަހަލަ މޮޑަލްތައް ތަޖުރިބާ ކުރުމުގެ މަސައްކަތް ވަނީ ފެށިފައި ކަމަށެވެ. އެ މަސައްކަަތް ކުރަމުންދަނީ ހަނިމާދޫ އެންރިކަލްޗާ ސެންޓަރުގައި ކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް